Roadha Mihaaru
ޕްލޭ ސްޓޭޝަން ކޮންސޯލްގެ ރިމޯޓަކަށް ދޮންކެޔޮވަކެއް!

ޕްލޭ ސްޓޭޝަން ކޮންސޯލްގެ ރިމޯޓަކަށް ދޮންކެޔޮވަކެއް!

05 މާޗް 2021

ޕްލޭ ސްޓޭޝަން (ޕީއެސް) ކުޅެން މިހާރު ބޭނުންކުރާ ރިމޯޓް ކޮންޓްރޯލްގެ ބަދަލުގައި ދޮންކެޔޮވަކެއް ބޭނުންކުރެވިދާނެއޭ ބުނެފި ނަމަ ހައިރާންވާނެ ހެއްޔެވެ؟ ޓެކްނޮލޮޖީ މިހާރު ކުރިއަރަމުން އަންނަ މިންވަރަށް ބަލާ އިރު އެއީ ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލޭ ސްޓޭޝަން (ޕީއެސް) ކުޅެން މިހާރު ބޭނުންކުރާ ރިމޯޓް ކޮންޓްރޯލްގެ ބަދަލުގައި ދޮންކެޔޮވަކެއް ބޭނުންކުރެވިދާނެއޭ ބުނެފި ނަމަ ހައިރާންވާނެ ހެއްޔެވެ؟ ޓެކްނޮލޮޖީ މިހާރު ކުރިއަރަމުން އަންނަ މިންވަރަށް ބަލާ އިރު އެއީ ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ.

ޕީއެސް އުފައްދާ ޖަޕާންގެ ސޮނީން މިހާރު ވަނީ ރިމޯޓްގެ ބަދަލުގައި ދޮންކެޔޮވަކެއް ބޭނުންކުރެވޭ ގޮތަށް ޕޭޓަންޓް ރަޖިސްޓްރީކުރަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސޮނީން ބޭނުންވަނީ ދޮންކޭލާއި އެ ނޫން ބައެއް އެހެން މޭވާގެ އިތުރުން އަތުގައި އޮންނަ ކޮންމެ އެއްޗަކުން ވެސް ޕީއެސް ކުޅެވޭނެ ގޮތް ހެދުމެވެ. އެ ވިސްނުމުގައި ޕޭޓަންޓް ރަޖިސްޓްރީކުރަން ސޮނީން ހުށަހެޅި ޑޮކިއުމަންޓްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ އެއީ ގޭމް ކޮންސޯލްގައި ހުންނަ ކެމެރާތަކާއި ސެންސާތަކާ އެކު އޭގައި އެކުލެވޭ ވާޗުއަލް ރިއަލިޓީ (ވީއާރް) ވެސް މަސައްކަތްކުރާނެ އާ ގޮތެއް ކަމަށެވެ. އެގޮތުން އެ ފީޗާތަކުން އަތުގައި އޮންނަ އެއްޗެއް ދެނަގަނެ، ގޭމް ކުޅެން ބޭނުންވާ ހަރަކާތްތައް ކުރަން އަންގައިދޭނެ އެވެ.

އެހެންވެ މިއިން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ގޭމްގެ ރިމޯޓާ ނުލައި ކޮންމެ މީހަކަށް ވެސް ގޭމްގެ ހުރިހާ ފީޗާތައް ބޭނުންކުރެވޭ ގޮތަށް ގޭމް ކުޅެލެވުމުގެ މަގުފަހިކޮށް ދިނުމެވެ.

"ހަގީގަތުގައި މިއީ ކޮންސޯލަކަށް ގިނަ ބަޔަކަށް އެކްސެސްވޭނެ ފަސޭހަ ގޮތެއް. މީގައި ހަމައެކަނި ގޭމް ވެރިމީހާގެ ކޮންޓްރޯލް ދަށުގައި ގޭމް ހުރިހާ ފީޗާތަކެއް ކޮންޓްރޯލްކޮށްގެނެއް ނުގެންގުޅެވޭނެ،" ސޮނީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕީއެސް ގޭމްގެ ރިމޯޓްގެ ގޮތުގައި ދޮންކޭލާއި އެ ނޫން ވެސް ތަކެތި ބޭނުން ކުރުމަކީ ގޭމް ކުޅޭ މީހުންނަށް ހަރަދު ވެސް ކުޑަކޮށްލެވޭނެ ގޮތެކެވެ. އެއާ އެކު އިލެކްޓްރިކް ޑިވައިސްއެއްގެ ބަދަލުގައި "އަތަށް ހެޔޮވަރު އެހެން އެއްޗަކުން" ގޭމް ކުޅެވޭ ނަމަ އެއީ ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެ ކަމެކެވެ.

"އަހަރެމެންގެ އެއް ބޭނުމަކީ ރިމޯޓަކަށް އިލެކްޓްރިކް ޑިވައިސްއެއް ނޫން އެއްޗެއް ވީޑިއޯ ގޭމް ޕެރިފެރަލް އަށް ބޭނުންކުރެވޭ ގޮތް ހެދުން." ސޮނީން ބުންޏެވެ.

މީޑިއާތަކުން ބުނީ މިފަދަ ޕެއިޓަންޓެއް ރަޖިސްޓްރީކުރަން ސޮނީން ހުށަހެޅި ނަމަވެސް ކައިރި މުސްތުގަބަލެއްގައި އެއީ ވިޔަފާރި އަށް ވިއްކާ ގޭމްތަކުގައި އަދި ބޭނުންކުރާނެ ގޮތެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ސޮނީން އެންމެ ފަހުން ނެރުނު ކޮންސޯލަކީ ޕީއެސް 5 އެވެ.