Roadha Mihaaru
ޕްލޭސްޓޭޝަން 5 އަންނަ މަހު އިންޑިއާ އަށް

ޕްލޭސްޓޭޝަން 5 އަންނަ މަހު އިންޑިއާ އަށް

02 ޖެނުއަރީ 2021

ސޮނީގެ ޕްލޭސްޓޭޝަން 5 ނޮވެމްބަރުގައި ނެރުނަސް ޑިމާންޑް ބޮޑުކަމުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކަސްޓަމަރުން އެ ހޯދަން ވަރަށް ބޮޑަށް ދަތިވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީގެ ޕްލޭސްޓޭޝަން 5 ނޮވެމްބަރުގައި ނެރުނަސް ޑިމާންޑް ބޮޑުކަމުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކަސްޓަމަރުން އެ ހޯދަން ވަރަށް ބޮޑަށް ދަތިވި އެވެ.

ޕްލޭސްޓޭޝަން 5 އަންނަ މަހުގެ ތެރޭގައި އިންޑިއާގައި ވިއްކަން ފަށަނީ އެވެ. އެހެންވެ މިއީ ދެކުނު އޭޝިއާގައި ގޭމް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ލުޔަކަށް ވާނެ އެވެ.

ޕްލޭސްޓޭޝަން އިންޑިއާ އިން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގައި ޕީއެސް5 އާންމުކޮށް ވިއްކަން ފަށާނީ އަންނަ މަހުގެ 2 ގައި ކަމަށާއި މި މަހުގެ 12 އިން ފެށިގެން ޕްރި-އޯޑަރަށް ހުޅުވައިލާނެ ކަމަށެވެ.

އޮންލައިން ގިނަ ޕްލެޓްފޯމްތަކަކުން ޕީއެސް 5 އިންޑިއާ އިން ހޯދަން ފަސޭހަވާނެ އެވެ. އޭގެ ތެރޭގައި އެމެޒޯން އާއި ފްލިޕްކާޓް ވެސް ހިމެނެ އެވެ.

ދެވަނަ އަށް އެންމެ އާބާދީ އޮންނަ އިންޑިއާގައި ޕީއެސް 5 ގެ ބުލޫރޭ ޑްރައިވްއާ އެކު ސްޓޭންޑާޑް ވާޝަންގެ އަގަކީ 685 ޑޮލަރު (10,549ރ.) އެވެ. އަދި ޑިޖިޓަލް ވާޝަންގެ އަގަކީ 550 ޑޮލަރު (8,470ރ.) އެވެ.

ޕްލޭސްޓޭޝަން 5 ނެރުނީ ނޮވެމްބަރު މަހުގެ 12 ގަ އެވެ. އޭރު އެންމެ ފުރަތަމަ ނެރުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އުތުރު އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑެވެ. އޭގެ ފަހުން ޗައިނާ ފިޔަވައި އެހެން ގިނަ މާކެޓްތަކަށް ނޮވެމްބަރު 19 ގައި ނެރެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ޕީއެސް 5 ގެ 3.4 ޔުނިޓް ވިކިފައިވެ އެވެ.