Roadha Mihaaru
ކާޅު: އެންމެ އާންމު އެކަމަކު އެންމެ ރުޅި ދޫނި

ކާޅު: ދިވެހިންގެ އެންމެ އާންމު އެކަމަކު އެންމެ ރުޅި ދޫނި

18 ނޮވެމްބަރ 2016

ކާޅަކީ އެންމެ ގިނަ ދުވަސް ވީ އެއް ދޫންޏެވެ. އިންސާނީ ނަސްލު އުފެދިގެން އައި އެންމެ ކުރީ ދުވަސްވަރު ވެސް ކާޅު އުޅެފައިވާކަން ކީރިތި ޤުރުއާނުން އެނގެ އެވެ.

ކާޅަކީ އެންމެ ގިނަ ދުވަސް ވީ އެއް ދޫންޏެވެ. އިންސާނީ ނަސްލު އުފެދިގެން އައި އެންމެ ކުރީ ދުވަސްވަރު ވެސް ކާޅު އުޅެފައިވާކަން ކީރިތި ޤުރުއާނުން އެނގެ އެވެ.

ދިވެހިންގެ ތާރީހަށް ބަލާއިރު ވެސް ކާޅަކީ ވަރަށް އާންމު ދޫންޏެކެވެ. ވަރަށް އާންމު ނަމެކެވެ. މިސާލެއްގެ ގޮތުގައި ކާޅުގެ ނަން ބޭނުންކޮށްފައިވާ މިސާލު ބަސްތައް، އޭގެ ހެއްކަކަށް ފުދެ އެވެ. "ތެޔޮ ނާށި ކާޅު ގެންދިއުން"، "ތިމާއާ ނުބެހޭ ކަމަކާ ކާޅު ކެޔަސް ސޮއް ނުގޮވާށެވެ"، ޔަހްހާ ކާޅު ހިފިހެން". އަދި ކާޅު ގުއި ބަންގާޅަށް ދިޔަހެން" މިފަދަ އެތައް ބަހެއް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ބޭނުންކުރެވެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހާލަތްތަކުގައި މީހާ ދެރަކޮށްލަން ނުވަތަ ނިކަމެތި ކޮށްލަން ވެސް ކާޅުގެ ނަން ބޭނުންކޮށްފައި ތަފާތު ބަސްތައް ކިޔާ އުޅެ އެވެ. މިސާލަކަށް މީހަކު ނުވަތަ ކުއްޖަކު ކެއުމަށް މާ ވަރު ހުންނަ ނަމަ "ކާޅު ކަމުން އުޅޭ މީހެއް"، "ކާޅުކަން" އަދި ބައެއް ފަހަރަށް އަންހެން ކުދިން ފިރެހުނުންނާ މާ ގާތްކޮށް އުޅޭ ނަމަ ވެސް ކާޅުގެ ނަން ލާފައި މަލާމާތުގެ ބަސްތައް ކިޔައި އުޅެ އެވެ.

ދިވެހި ރަދީފްގައި ކާޅު މާނަކޮށްފައިވާ ގޮތް: ކަޅު ކުލައިގެ ދޫންޏެވެ. މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗެއްސާއި، ހަޑި ކުނި ބުންޏާއި، ފުޅަ ތަކެތި ވެސް ކައި އުޅޭ، ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެ އެވެ. ކާޅަކީ، އެއްސިފައަކަށް ހަރަކާތްތެރިވެ އުޅޭ، އެކިއެކި ހިލަމަށް ސިހޭ، ހޭބަލާ ދޫންޏެކެވެ.

ރާއްޖެ އަށް ކާޅު އައީ އިންޑިއާ އިން ބާ؟

ދިވެހި ރާއްޖެއަށް ކާޅު އައިސްފައިވަނީ އިންޑިއާ އިން ކަމަށް ބުނެވެ އެވެ. ރާއްޖޭގެ ރަށްވެހިކަމާއި އާބާދުވުމާއި ދަތުރުފަތުރު ކުރުމުގައި ޒަމާނުއްސުރެ އިންޑިއާއާ އޮތް ގުޅުމުގެ ތެރެއިން ރާއްޖެއަށް އެތައް ކަމެއް ތަޢާރަފްވި އެވެ. ކާޅަކީ އެދުވަސްވަރު ރާއްޖެ ގެނައި ދޫންޏަކަށް ވުން ގާތެވެ. ކާޅުގެ 40 ބާވަތެއް ފާހަގަވެފައިވާ އިރު ރާއްޖޭން ފެންނަމުން ދަނީ އިންޑިއާ، އަދި މިހާރުގެ ބަންގްލަދޭޝް އިން ފެންނަ ވައްތަރުގެ ކާޅެވެ.

ދިވެހިރާއްޖޭގައި އުޅޭ ކާޅުގެ އުމަރަކީ 6-9 އަހަރެވެ. ބައެއް ބާވަތްތަކުގެ ކާޅު 20 ނުވަތަ 30 އަހަރު ވެސް އުޅޭ ކަމަށް ވެ އެވެ. ކާޅު އަޅަނީ 3-7 ބިހެވެ. އާންމުކޮށް އަޅަނީ ހަތަރެއް ނުވަތަ ފަސް ބިހެވެ. ބިސް ހުންނަނީ ފެހި ނޫ ކުލާގަ އެވެ. ކާޅުގެ ބިހުގެ ސައިޒަކީ 1.15 އިންޗި އެވެ. ބަރުދަނުގައި އާންމުކޮށް ހުންނަނީ 17 ގްރާމެވެ. ބިހުގެ ވަށައިގެން މުށި އަދި ކަޅު ކުލައިގެ ތިކިތަކެއް ހުރެ އެވެ. ރާއްޖޭގައި އާންމުކޮށް ކާޅު ބިސް ހާލި ހުންނަނީ ދިގު ރުއްތަކުގަ އެވެ. ރުއް މަދު ރަށްތަކުގައި ބައެއް ވައްތަރުގެ ގަސްތަކުގައި ވެސް ހާލި ހަދަ އެވެ. ހުޅުމާލެ ފަދަ ދިގު ރުއްތައް ނުހުންނަ ރަށްރަށުގައި ފިތުރޯނު ގަސް، ނިކަ ގަސް ފަދަ ގަސްތައް ވެސް ހާލި ހަދަން ބޭނުންކުރެ އެވެ.

ރަށެއްގެ އަތިރިމަތީގައި ކާޅުތަކެއް އިށީނދެލައިގެން: ރާއްޖޭގެ ކޮންމެ ރަށަކުންހެން ކާޅު ގޮވާ އަޑު އިވޭނެ

ރަށެއްގެ އަތިރިމަތީގައި ކާޅުތަކެއް އިށީނދެލައިގެން: ރާއްޖޭގެ ކޮންމެ ރަށަކުންހެން ކާޅު ގޮވާ އަޑު އިވޭނެ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އާންމުކޮށް ކާޅު އުޅެ އެވެ. ގިނަ މީހުން ސިފަކުރާ ގޮތުގައި އެއީ ވަރަށް އުނދަގޫ ބޮޑު ދޫންޏެކެވެ. ނަމަވެސް ކާޅުގެ ސަބަބުން އިންސާނާ އަށާއި ތިމާވެއްޓަށް ވެސް ފައިދާތަކެއް ކުރެ އެވެ. ބައެއް މީހުން ޕެޓްގެ ގޮތުގައި ވެސް ކާޅު ގެންގުޅެ އެވެ. އެގޮތަށް ގެންގުޅޭ އޮޅު ކާޅު ގޭތެރޭގައި ހުންނަ ކޮންމެ އެއްޗެއް ކައެއް ނުހަދަ އެވެ.

ރާއްޖޭގައި ކާޅާއި ވާލު ގިނަވަގެން އެ އެއްޗެހި މެރުމުގެ ޕުރޮގުރާމްތަކެއް ބައެއް ރަށްތަކުގައި ހިންގި އެވެ. އެގޮތުން 2012 އަދި 2013 ވަނަ އަހަރު ވެސް ކާޅު މެރުމުގެ ޕޮރޮގްރާމްތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ސަބަބުން ބައެއް ރަށްރަށުން ވަރަށް ބޮޑަށް ކާޅު މަދުވި އެވެ. ކާޅަކީ ގަސް ހަލާކުކުރާ ފަނިފަކުސާގެ ގިނަ ބާވަތްތަކެއް ކައިހަދާ ދޫންޏަކަށް ވާތީ، ކާޅު މަދުވުމުން ތިމާވެއްޓަށް ބައެއް ގެއްލުންތައް ކުރިމަތިވިކަން ފާހަގަވެ އެވެ. އޭގެ ތެރޭގައި ބައެއް ބާވަތްތަކުގެ ގަސްތައް ބަލިކަށިވުން ހިމެނެ އެވެ. އެންމެ ބޮޑު ނިކަމެތިކަމެއް ލިބުނީ ބަނބުކެޔޮ ގަސްތަކަށެވެ. ބަނބުކެޔޮ ގަހުގެ ކުރިތަކާއި ގަސްގަނޑުގައި ކާޅު ތުން ތަޅާ މަންޒަރު ވަރަށް ގިނައިން ފެންނާނެ އެވެ. ކޮންމެ ދިރޭ އެއްޗެއް ވެސް މާތް ﷲ ލައްވާފައި ވަނީ އެކަތި އަނެއްކެއްޗާ ގުޅި ލާމެހި، ތިމާވެއްޓަށް އެކަށީގެންވާ ތިލަފަތް ހަމަ ނިޒާމެއްގެ ތެރޭން ކަމަށް ވާތީ، އެ މަންޒަރަކީ ވެސް ހެޔޮ ކަމެއް ކަމަށް ބެލިދާނެ އެވެ.

ގަސްގާހާގެހީގެ ބާވަތްތަކާއި ފަނިފަކުސާ އަދި އެހެނިހެން ދިރޭތަކެތި ވެސް ކާޅުގެ ކާނާގެ ތެރޭގައި ހިމެނެ އެވެ. ދަނޑުވެރިންނަށް ދިމާވާ ފަނިފަކުސާގެ އުނދަގޫތަކަށް ވެސް ކާޅުގެ ސަބަބުން ހައްލެއް ލިބެ އެވެ. ރުކުގައި އުފެދޭ ބައެއް ބާވަތްތަކުގެ މަޑި އަކީ ކާޅުގެ ކާނާއެކެވެ. އެހެންކަމުން ކާޅު މަދުވުމަކީ ދިވެހިންގެ އެތައް ކަމަކާ ގުޅިފައިވާ ރުއްގަހަށް ނުރައްކަލަކަށް ވެދާނެ އެވެ.

ގަހެއްގައި އިށީނދެގެން އިން ކާޅެއް ގޮވަނީ: ކާޅު މެރުމުން ތިމާވެއްޓަށް ނުބައި އަސަރުތަކެއް ކުރޭ

ގަހެއްގައި އިށީނދެގެން އިން ކާޅެއް ގޮވަނީ: ކާޅު މެރުމުން ތިމާވެއްޓަށް ނުބައި އަސަރުތަކެއް ކުރޭ

ކާޅު އާންމުކޮށް ކައި އުޅެނީ ކުދި ދިރޭތަކެތީގެ އިތުރަށް މަރުވެފައި ހުންނަ ބައެއް ބާވަތުގެ ޖަނަވާރުގެ މަހާއި، ކަނޑުމަހުގެ ގޮހުރު ފަދަ ތަކެއްޗެވެ. ބައެއް ފަހަރަށް، މީހުން ގޭގޭގެ ބޭރުގައި އަވީލާފައި ހުންނަ ބައެއް އެއްޗެހި ވަރަށް ހަނި ފުރުސަތަކުން ވެސް ނަގައިގަނެގެން ގެންދެ އެވެ.

ވިސްނުން ތޫނު ދޫންޏެއް

ކާޅަކީ ވިސްނުން ތޫނު އެއްޗެކެވެ. ކާނެ އެއްޗެހި ހޯދަން ކުރާ މަސައްކަތުން ވެސް އެކަން އެނގެ އެވެ. ކައި ނިމިގެން އެއްލާލައިފައި ހުންނަ ޔޯގަޓް ތަށި ކޮޅަށް ޖަހައިގެން، އޭގެ ތެރެއަށް ތުން ބާނަ އެވެ. އަދި ހުސްކޮށްފައި ހުންނަ މައިލޯ އާއި ކިރު ޕެކެޓް ފަދަ ތަކެތި ކޮޅަށް ޖަހާލައިގެން ބޯން އުޅޭ ތަން ފެންނާނެ އެވެ.

ކާޅުގެ ވިސްނުން ކޯމަހާ އެއްވަރު ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ. އޭގެ ސިކުނޑީގެ ސައިޒަށް ބެލި ނަމަވެސް ނިސްބަތުން ބޮޑެވެ. އެހެންކަމުން ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދަ އެވެ. ވަރަށް ގިނަ އަދަދަކަށް ކާޅު އުޅޭ ތަނަކުން ވެސް، އެހެން ބާވަތްތަކުގެ ދޫނި ހިފާ އުޅޭހާ ފަސޭހައިން ކާޅު ނުހިފެނީ އޭގެ ވިސްނުން ރަނގަޅުކަމުންނެވެ. މިސާލަކަށް ނަނުގައި މަސް ފޮއްޗެއް އަޅުވާފައި، މާކަނާ، ރާބޮނދި ފަދަ ތަކެތި ބާނަ އެވެ. އެކަމަކު އެގޮތަށް ކާޅެއް ބޭނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެންކޮޅު އަނގަޔަށް ލުމުގެ ކުރިން އޭގައި ހިފައި ދަމާ ހަދަ އެވެ. ނުވަތަ އެހެން ތަނަކަށް އެ ގެންދަން މަސައްކަތް ކުރެ އެވެ.

ދުނިޔޭގައި އުޅޭ ދޫނީގެ ގިނަ ވައްތަރުތަކާ ހިލާފަށް ކާޅުގެ އެހީތެރިކަން އެހެން ދޫންޏަކަށް ލިބެ އެވެ؛ ކޮވެއްޔެވެ. ކޮވެލި ބިސް އަޅަނީ ކާޅުގެ ހާއްޔަށެވެ. އެހެންކަމުން ކާޅުގެ ބަނޑު ދަށުގައި އޮވެގެން ބިސް ވިހަ އެވެ. އެކަމަކު އެ ހިސާބުން ޅަ ކޮވެލި އެ ހާލިން ބޭރުކޮށްލަ އެވެ.

އެއް ކާޅު އަނެއް ކާޅާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮވެ އެވެ. އެކި ގްރޫޕްތަކަށް އުޅޭ މި ދޫނި ކައި އިރު ވެސް އެކަތި އަނެކައްޗާ ހިއްސާކުރެ އެވެ. ނުރައްކަލެއް ކުރިމަތިވެދާނެހެން ހީވާ ނަމަ ހުރިހާ ކާޅު އެކަމަކާ ކުރިމަތިލަ އެވެ. ކާޅަށް ވުރެ ސައިޒުގެ ގޮތުން ބޮޑު ބާޒާއި ބަކަމޫނު ފަދަ ތަކެތި ރަށަކަށް އަރައިފި ނަމަ ވަރަށް ގިނަ ފަހަރަށް ކާޅުތައް ގުރޫޕް ހަދާލައިގެން ގޮސް ފަހައި ބޭރުކޮށްލަ އެވެ.

ދިވެހިންގެ މި ވެށި ތެރޭން އެންމެ އާންމުކޮށް ފެންނާނީ ކާޅެވެ. އަދި އެއީ ރަށްރަށުގެ އެންމެ އާންމު އަޑު ވެސް މެ އެވެ. އެކަމަކު ދުވަހަކު ވެސް ކާޅާއި ދިވެހިންނާ ދެމެދު ގާތް ގުޅުމެއް އުފެދިފައެއް ނުވެ އެވެ.