Roadha Mihaaru
ހުޅުމާލޭގައި އިތުރު 2،000 ފްލެޓް އަޅަން ސޮއިކޮށްފި

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 2،000 ފްލެޓް އަޅަން ސޮއިކޮށްފި

08 މާޗް 2021

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ އެކު މިއަދު ސޮއިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ އެކު މިއަދު ސޮއިކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރެވެ. ޖޭއެމްސީން ސޮއިކުރެއްވީ ކައްރީ ސުދައްކަރާ ރެޑީ އެވެ.

ފަހި ދިރިއުޅުމުން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމެންޓެވެ. ދެން ހިމެނޭނީ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓެވެ. މިތަނުގެ ޖާގަ އަކީ 900 އަކަ ފޫޓު ކަމަށް ކުންފުނިން ބުންޏެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ޖުމްލަ 137 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. މި ފްލެޓްތައް ނިންމަން އެއްބަސްވީ ތިން އަހަރުގެ ތެރޭގަ އެވެ.

މީގެކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން 2،000 ހައުސިން އަޅަން ނިންމައިފަ އެވެ. ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.

މި އަހަރުގެ ތެރޭގައި މަދުވެގެން 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. ބައެއް ފްލެޓުތަކުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އޭގެތެރޭގައި، އެޕޯލޯއާ ހަވާލުކޮށްފައިވާ 1،000 ފްލެޓާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ 2،000 ފްލެޓުގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް 350 ފްލެޓް ހަވާލުކޮށް މަަސައްކަތް ދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުމެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހަތަރު ބޭންޑެއް ކަނޑައަޅަން ނިންމާފައިވާ އިރު ކްރައިޓީރިއާތައް ނިންމާނީ އާއްމުންގެ ހިޔާލާއެކުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ފަށާފައިވާ ބައެއް ހައުސިން ޔުނިޓްތައް އަންނަ އަހަރު ނިމެންވާއިރަށް ހަވާލުކުރެވޭނެ އެވެ. މި ސަރުކާރުން ރާވާފައިވާ ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށާއި އަމާޒަކީ 15،000 ފްލެޓް އެޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.