Roadha Mihaaru
ތައިލެންޑަށް ދާ މީހުން ޔޮޓްގައި ކަރަންޓީނުކުރަނީ

ތައިލެންޑަށް ދާ މީހުން ޔޮޓްތަކުގައި ކަރަންޓީންކުރަނީ

10 މާޗް 2021

ޓޫރިޒަމަށް ބަރޯސާވާ ތައިލެންޑަށް ޒިޔާރަތްކުރާ މީހުން މިހާރު ފުރިހަމަކުރަން ޖެހޭ ދެ ހަފުތާގެ ކަރަންޓީނުގެ މުއްދަތު ޔޮޓްތަކުގައި ތިބެގެން ފުރިހަމަކުރާ ސްކީމެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޫރިޒަމަށް ބަރޯސާވާ ތައިލެންޑަށް ޒިޔާރަތްކުރާ މީހުން މިހާރު ފުރިހަމަކުރަން ޖެހޭ ދެ ހަފުތާގެ ކަރަންޓީނުގެ މުއްދަތު ޔޮޓްތަކުގައި ތިބެގެން ފުރިހަމަކުރާ ސްކީމެއް ފަށައިފި އެވެ.

މިހެން ހެދުމުގެ ބޭނުމަކީ ޓޫރިސްޓުންގެ ޝައުގުވެރިކަން ހޯދައި، ގައުމުގެ އިގުތިސާދު ރަނގަޅުކުރުމެވެ. މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ތައިލެންޑްގެ ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓިފައިވެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ތައިލެންޑަށް ޒިޔާރަތްކުރާ މީހުން ޔޮޓްތަކުގައި ކަރަންޓީނުކުރަން ފެށުމުން ޔޮޓް ޓޫރިޒަމްގެ ވިޔަފާރީން މި އަހަރު ގާތްގަނޑަކަށް 1.8 ބިލިއަން ބާތު (58 މިލިއަން ޑޮލަރު) ގެ އާމްދަނިއެއް ލިބޭނެ އެވެ.

ޔޮޓް ކަރަންޓީނު ސްކީމް ފަށާފައި ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އަދި މިކަމަށް 100 އެއްހާ ޔޮޓް ބޭނުންކުރާނެ އެވެ.

މި ސްކީމް ހޯމަ ދުވަހު އިއުލާންކޮށް ސަރުކާރުން ބުނެފައި ވަނީ ކޮވިޑް-19 ގެ ނެގަޓިވް ޓެސްޓާ އެކު ތައިލެންޑަށް ޒިޔާރަތްކުރާ މީހުންގެ ކަރަންޓީނުގެ މުއްދަތު ޔޮޓްތަކުގައި ހޭދަކުރުމުގެ އިތުރަށް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި މަޝްހޫރު ޕުކެޓް ކައިރީގައި އޮންނަ ކުދި ކްރޫޒް ޝިޕްތަކުގައި ވެސް ހޭދަކުރެވޭނެ ކަމަށެވެ.

ޔޮޓްތަކުގައި ކަރަންޓީނުކުރާ ޓޫރިސްޓުންގެ ހާލަތު ބެލުމަށް އެ މީހުންނަށް ސްމާޓް ރިސްޓް ބޭންޑް ދޭނެ އެވެ. އަދި އޭގެ އެހީގައި ޓެމްޕެރޭޗަރާއި ލޭގެ ޕްރެޝަރާއި ތިބި ތަނުގެ މައުލޫމާތު ވެސް ކަމާބެހޭ ފަރާތްތަކަށް އަންގައިދޭނެ އެވެ. ޓޫރިސްޓުންނަށް ދޭ ސްމާޓް ރިސްޓް ބޭންޑަކީ މޫދުގައި ވެސް ބޭނުންކުރެވޭނެ އެއްޗެކެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޯޑަރު ބަންދުކޮށް އޮކްޓޯބަރު މަހުން ފެށިގެން ތައިލެންޑުން އަންނަނީ މަޑުމަޑުން ބޯޑަރު ހުޅުވައިލަމުންނެވެ.

އެ ގައުމަށްދާ ޓޫރިސްޓުން ޔޮޓްތަކުގައި ކަރަންޓީނުވެވޭ ގޮތަށް ހަމަޖެއްސުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހު ގޯލްފް ކޯހެއްގައި ޓޫރިސްޓުން ކަރަންޓީނުކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ތައިލެންޑްގެ ޓޫރިޒަމް މިނިސްޓަރު ރިޕަޓް ރަތުޗަކިތުޕްރަކާން ވިދާޅުވި ގޮތުގައި އެ ގައުމުގެ މަޝްހޫރު ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ކަރަންޓީނު ވެވޭނެ އުސޫލުތަކެއް ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ އެވެ.

އަންނަ މަހުގެ ތެރޭގައި ތެރޭގައި މަޝްހޫރު ބައެއް ޓޫރިސްޓް ހޮޓާތަކުގައި ވެސް ޓޫރިސްޓުން ކަރަންޓީނުކުރާނެ އެވެ. އެގެ ތެރޭގައި ޕުކެޓާއި ކްރާބީ އަދި ޗިއަންގް މާއީ ފަދަ ތަންތަނުގެ ފެސިލީޓީތައް ހިމެނެ އެވެ.