Roadha Mihaaru
ތައިލެންޑްގެ ފްލައިޓްތަކުގައި ކާނާ އާއި ނޫސް މަނާ

ތައިލެންޑްގެ ޑޮމެސްޓިކް ފްލައިޓްތަކުގައި ކާނާ އާއި ނޫސް މަޖައްލާ މަނާ

03 ޖެނުއަރީ 2021

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެތެރޭގެ އުދުހުންތަކުގައި ތައިލެންޑްގެ އެއާލައިންތަކުން ދަތުރުމަތީގައި ފަސިންޖަރުންނަށް ކާނާ އާއި ބުއިންތަކާއި ނޫސް/ނޫސް މަޖައްލާ ފަދަ ތަކެތި ދިނުން އަނެއްކާވެސް މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެތެރޭގެ އުދުހުންތަކުގައި ތައިލެންޑްގެ އެއާލައިންތަކުން ދަތުރުމަތީގައި ފަސިންޖަރުންނަށް ކާނާ އާއި ބުއިންތަކާއި ނޫސް/ނޫސް މަޖައްލާ ފަދަ ތަކެތި ދިނުން އަނެއްކާވެސް މަނާކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑް (ސީއޭއޭޓީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލަށް ޑިސެމްބަރު މަހުގެ 31 އިން ފެށިގެން ހުރިހާ އެއާލައިންތަކަކުން އަމަލުކުރަން ޖެހޭނެ ކަމަށެވެ. ދަތުރުމަތީގައި ފަސިންޖަރުންނަށް ކެބިން ކްރޫންގެ ގާތުގައި އެދިގެން ބޯފެން ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އެއީ ވެސް، ބޭސް ކެއުން ފަދަ ހާއްސަ ހާލަތްތަކެއްގައި އެކަންޏެވެ.

ދަތުރުމަތީގައި ކިޔާލަން ލިބޭނީ ހަމައެކަނި ކޮވިޑަށް ހޭލުންތެރިކަން އުފައްދަން ތައްޔާރުކޮށްފައިވާ ލީފްލެޓްތަކެވެ. ފުރަން ދާއިރު ކާނާ އާއި ބުއިންތަކާއި ނޫސް/ނޫސް މަޖައްލާ ފަދަ ތަކެތި އެއާޕޯޓަށް ގެންދެވުނަސް ދަތުރުމަތީގައި އެ އެއްޗެހި ބޭނުންކުރުމުގެ ހުއްދައެއް ނޯންނާނެ އެވެ. އަދި ދަތުރު އެއްކޮށް ނިމެންދެން ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ.

މިއީ ތައިލެންޑްގައި ކޮވިޑް ފެތުރެން ފެށުމުން މިގޮތަށް އަމަލުކުރަން ފެށި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެޕްރީލް 26 ގަ އެވެ. އަދި އެ އުސޫލު އުވައިލީ އޮގަސްޓް 31 ގަ އެވެ.

ސީއޭއޭޓީގެ ޑިރެކްޓަރު ޖެނެރަލް ޗޫލާ ސުކްމަނޯޕް ވިދާޅުވީ ދަތުރުމަތީގައި ކާނާ އާއި ބުއިންތަކާއި ނޫސް/ނޫސް މަޖައްލާ ބޭނުން ކުރުން މަނާކުރީ ދެ ދަތުރު ދޭތެރޭ ބޯޓު ޑިސްއިންފެކްޓްކުރަން ލިބޭ ވަގުތުކޮޅު ކުޑަކަމުން ރިސްކް ނުނަގަން ވެގެން ކަމަށެވެ.

"އެ އެއްޗެހި ބޭނުންކުރާ ކަމަށް ވަންޏާ ސާފުކުރަން ގިނަ ވަގުތު ނަގައި، ދަތުރުތަކަށް ދަތި ވެސް ވާނެ،" އޭނާ ވިދާޅުވި އެވެ.

ތައިލެންޑުން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 7،600 އަށް އަރާ އިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު 70 އާ ގާތްކުރެ އެވެ.