Roadha Mihaaru
"ނަތީޖާ އަނބުރާލުމަކީ ބާސެލޯނާ އަށް ކުރެވޭނެކަމެއް"

ނަތީޖާ އަނބުރާލުމަކީ ބާސެލޯނާ އަށް ކުރެވޭނެކަމެއް: ކޫމަން

10 މާޗް 2021

ޕެރިސް (މާޗް 10) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ އަށް ނަތީޖާއެއް ނެރެވިދާނެ ކަމަށާއި ފުޓްބޯޅައިގައި ބާސެލޯނާ އަށް ނުކުރެވޭނެކަމެއް ނެތްކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޕެރިސް (މާޗް 10) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ އަށް ނަތީޖާއެއް ނެރެވިދާނެ ކަމަށާއި ފުޓްބޯޅައިގައި ބާސެލޯނާ އަށް ނުކުރެވޭނެކަމެއް ނެތްކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

މިދިޔަ މަހު ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޕީއެސްޖީ ވަނީ 4-1 އިން މޮޅުވެފަ އެވެ. މިރޭ ޕީއެސްޖީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި ހަތަރު ގޯލު ޖަހައިގެން ނޫން ގޮތަކަށް ތިން ގޯލުގެ ފަރަގުން މޮޅުވެގެން ވެސް ބާސެލޯނާ އަށް ކުއާޓާގެ ފުރުސަތެއް ނުލިބޭނެ އެވެ. ބާސެލޯނާ އަށް ކުއާޓާގެ ފުރުސަތެއް އޮތީ ހަތަރު ގޯލުގެ ތަފާތުން މޮޅުވުން ނޫނީ 4-1 އަށް ވުރެން ބޮޑު ނަތީޖާއެއްގައި ތިން ގޯލުގެ ފަރަގުން މޮޅުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވި އެވެ. އެކަމަކު ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ.

ކޫމަން ބުނީ އެ މެޗުން ހިތްވަރު ހޯދިދާނެ ކަމަށާއި ބޭނުންވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ރަނގަޅު ފޯމެއްގައި ހުރުން ކަމަށެވެ.

"އަހަރެމެން ބާސެލޯނާގެ ޑީއެންއޭ އަކީ ފަސޭހައިން ދުލެއް ނުދިނުން. ފުޓްބޯޅައިގައި ބާސެލޯނާ އަށް ނުކުރެވޭނެ ކަމެއްނެތްކަން މީގެ ކުރިން ވެސް ވަނީ ސާބިތުކޮށްދީފައި. މީގެ ބޭނުންވަނީ ރަނގަޅު ފެށުމެއް. ދެން އަހަރެމެންގެ ތަރި މެސީ ރަނގަޅު ފޯމެއްގައި ހުރެފިނަމަ އިތުރަށް މީގެ ފަސޭހަތަކެއް އެބަހުރި،" ކޫމަން ބުންޏެވެ.

"ތެދެއް ފުރަތަމަ ލެގުން އެ މީހުންނަށް (ޕީއެސްޖީ އަށް) އެޑްވާންޓޭޖްތަކެއް އެބަހުރި. އެކަމަކު އަހަރެމެންނަށް ވެސް އެ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބުނު. މި މެޗުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުން ވަރަށް މުހިއްމު،"

މީގެ ހަތަރު އަހަރު ކުރިން ޕީއެސްޖީ އަތުން ފަހަތުން އަރައި ބާސެލޯނާ މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ ނޭމާ އެވެ. އެ ސީޒަނަށް ފަހު ނޭމާ ވަނީ ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީން ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން މޮޅުވީ ނޭމާ ނުލަ އެވެ. ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ މިރޭގެ މެޗަށް ފިޓްވާން ނޭމާ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެެހެންވެ ޕީއެސްޖީން މި މެޗު ވެސް ކުޅޭނީ ނޭމާ ނުލަ އެވެ.

"މިއީ އަހަރެމެން ބޭނުންވި ނިންމުމެއް ނޫން. އަހަރެމެން ބޭނުންވީ އޭނާ މި މެޗުގައި ކުޅެން. އޭނާ ވެސް ވަރަށް މަސައްކަތްކުރި އެކަމަކު އަނިޔާއިން ރަނގަޅުވުމަކީ އެއްވެސް ބަޔަކަށް ޔަގީންކަން ދެވޭނެ ކަމެއް ނޫން. ނޭމާ ނެތުމަކީ މާ ބޮޑު މައްސަލައެއް ނޫންކަން ފުރަތަމަ ލެގުގައި ވެސް އަހަރެމެންނަށް ސާބިތުކޮށްދެވިއްޖެ. އެ ރޫހުގައި މި މެޗަށް ވެސް ނުކުންނާނީ،" ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްޖީ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 1 ޖަހާއިރު އެވެ.