Roadha Mihaaru
ބޮޑެތި ތުހުމަތު އެޅިފައިވާ އިކްރާމް އިސްތިއުފާ ދީފި

ބޮޑެތި ތުހުމަތު އެޅިފައިވާ މޯލްޑިވް ގޭހުގެ ޑީއެމްޑީ އިސްތިއުފާ ދެއްވައިފި

10 މާޗް 2021

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޚިޔާނާތް ހިންގި ކަމުގެ ތުހުމަތު އެޅިފައިވާ މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޚިޔާނާތް ހިންގި ކަމުގެ ތުހުމަތު އެޅިފައިވާ މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަލީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މޯލްޑިވް ގޭސް ހިންގުމާ ހަވާލުވެ ހުންނެވި އިކްރާމްގެ އިސްތިއުފާ ސިޓީ ލިބުނު ކަން އެ ކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ކަށަވަރު ކޮށްދިނެވެ.

އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު (އަބޯ) މިއަދު ވިދާޅުވީ އިކްރާމް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އަންގަވާފައިވާ ކަމަށެވެ.

އިކްރާމް، މަގާމުން އިސްތިއުފާ ދެއްވި އިރު ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ. އަންހެން މުވައްޒަފަކަށް މެސެޖު ކުރައްވައި އަދި ދިމާވުމުން ފޮށި ހަދާ މައްސަލައިގައި އޭނާއާ މެދު ފިޔަވަޅު އެޅިއިރު އެ ތުހުމަތުތައް އިކްރާމް ދޮގުކުރައްވަ އެވެ.

އިކްރާމް "މިހާރު"އަށް ވިދާޅުވެފައި ވަނީ ޗެޓް ލޮގަކާ އެކު އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅި ނަމަވެސް ފުރައްސާރައިގެ މެސެޖެއް ނުކުރައްވާ ކަމަށެވެ.

އެކަމަކު އަންހެން މުވައްޒަފު ބުނެފައިވާ ގޮތުގައި، އިކްރާމްގެ ފުރައްސާރައާ ހެދި ކުންފުނީގައި މަސައްކަތް ކުރަން އުނދަގޫވި އެވެ. އިކްރާމްގެ މައްސަލަ މޯލްޑިވް ގޭހުގެ އިތުރުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.

މި މައްސަލަ ކުރިއަށް ގެންދަނިކޮށް އޭނާގެ މައްޗަށް ދެން ކޮށްފައި ވަނީ ކޮވިޑް-19ގެ ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގަވާފައިވާ ކަމެވެ. މި މައްސަލަ އޭސީސީ އާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ވަނީ ބަލަން ފަށައިފަ އެވެ.

އޮކްސިޖަން ސިލިންޑަރުތައް ގެންނަން ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލްތަކާ ޚިލާފަށް، ހަވާލުކުރީ ސިންގަޕޫރުގެ ޕްރޯ ބިޒް ކުންފުންޏާ އެވެ. އިކްރާމާ ގާތް ގުޅުމެއް އޮންނަ މި ކުންފުނީގެ ޚަރަދުގައި ސިންގަޕޫރަށް ދަތުރެއް ކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި އެއްބަސްވެވަޑައިގަތެވެ.

އޮކްސިޖަން ސިލިންޑަރުގެ ވިޔަފާރި ނުވެސް ކުރާ ކުންފުންޏަށް 16 މިލިއަން ރުފިޔާ އެއްފަހަރާ މޯލްޑިވް ގޭހުން ވަނީ ދައްކައިފަ އެވެ. ޓީވީ ފަދަ އިލެކްޓްރޯނިކް ސާމާނު ވިއްކާ އެ ތަނުން ފޮނުވި ސިލިންޑަރުތައް ބޭނުމެއް ނުކުރެވުނެވެ.

އާ ސިލިންޑަރުތަކަކަށް ފައިސާ ދެއްކުމުން ޕްރޯބިޒް އިން ފޮނުވީ ރިފާބިޝް ތަކެއްޗެވެ. އެކަމުގައި އަޅާނުލީ، އިކްރާމް ވިދާޅުވި ގޮތުގައި، ޕްރޮކިއުމެންޓް ޕްރޮސެސްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތުމުންނެވެ. މި ކަމުގައި އިކްރާމްގެ އެއްވެސް ދައުރެއް އަދި ޚިޔާނާތެއް ނުހިންގަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެސްޓީއޯ އިން ހެދި އޮޑިޓުގައި އޮތީ އިކްރާމް ފްރޭމްކޮށްފައި ކަމަށާއި މުޅި މައްސަލައަކީ ސިޔާސީ ގޮތުން ސަރުކާރާއި އޭނާ ބަދުނާމުކުރުން ކަމަށް ވެސް އިކްރާމް ވިދާޅުވެފައިވެ އެވެ.