Roadha Mihaaru
ޑްރަގް ބޮޑެއް އަނެއްކާ ދޫކޮށްފި، އިސްތިއުނާފު ނުކުރާނެ

އަނެއްކާ ވެސް ޑްރަގްގެ ބޮޑަކު ދޫކޮށްލައިފި، ޕީޖީން ނިންމީ އިސްތިއުނާފުނުކުރަން

10 މާޗް 2021

އީރާނު ބޯޓަކުން ރާއްޖެ އަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބޮޑަކު ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އީރާނު ބޯޓަކުން ރާއްޖެ އަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބޮޑަކު ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.

ނަމަވެސް އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އިސްތިއުނާފު ނުކުރާށެވެ.

ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ.

ނަމަވެސް ޝަރީއަތުގެ އަޑުއެހުމެއްގައި ބަންދު ރިވިއުކުރުމަށްފަހު ދަށު ކޯޓުން ނިންމާފައިވަނީ އަލީ އަންވަރު މުހައްމަދު، ސ. ހިތަދޫ، ކޯޒީކޯނާ ދޫކޮށްލާށެވެ. ވައްކަމުގެ ރެކޯޑު އޮންނަ އަންވަރަކީ 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ތިން މީހުންގެ ތެރެއިން އެކަކެވެ.

ދެން ހިމެނެނީ އަހްމަދު ޝަކީބް، މާތިލަ، ކ. ދިއްފުށި އަދި މުހައްމަދު ރިޝްފާން، މިލާނޯ، ލ. ގަން ތުނޑިއަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އަންވަރު ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.