ފެޑެކްސް ކޫރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
07 ޖެނުއަރީ 2025
ފެޑެކްސް ކޫރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ހުކުމް އިއްވީ އައްޑޫ ހިތަދޫ، ޖީބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ޖަދުވަލު 1ގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
ޝަރުވާންގެ މައްޗަށް ދައުވާ އުފުލީ އެހެން މީހެއްގެ ނަން މަތީގައި ފެޑެކްސް މެދުވެރިކޮށް ގެނައި ފޮށިގަނޑަކާ ހަވާލުވާން ދިޔައިރު، އެ ފޮށިގަނޑުން މަސްތުވާތަކެތި ހުރި ޕެކެޓެއް ފެނިފައިވާތީ އެވެ.
ފްލައި ދުބާއީގެ ފްލައިޓެއްގައި ރާއްޖެ އެތެރެކުރި އެ ފޮށިގަނޑު ކަސްޓަމްސް އިން ސްކޭން ކުރިއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވިގެން، ފޮށިގަނޑު ފުލުހުންނާ ހަވާލުކުރި އެވެ. ފުލުހުން ވަނީ އެ ފޮށިގަނޑާ ހަވާލުވާން ދާ މީހަކު އަތުލައިގަތުމަށް ފެޑެކްސް އޮފީހުގައި ހަރަކާތްތެރިވެފަ އެވެ.
ފޮށިގަނޑާ ހަވާލުވާން ދިޔަ މުހައްމަދު ޝިޔާހު އަލީ ނަމަކަށް ކިޔާ މީހަކު އެ ފޮށިގަނޑު ހިފައިގެން ފެޑެކްސް އޮފީހުން ނުކުންނަނިކޮށް ފުލުހުން އޭނާ ހުއްޓުވި އެވެ. އޭނާ އެ ފޮށިގަނޑު ބަލާ ދިޔައީ "ސަނާ" ކިޔާ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާ އަށް އޭނާ ފޯނުކުރި އެވެ. ވަކި ސަރަހައްދަކަށް އެއާ ހަވާލުވާން އައުމަށް ޝިޔާހު އެދުނެވެ.
ޝިޔާހުއާ އެކު، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ޝަރުވާން އެވެ. ޝަރުވާންގެ ސައިކަލަށް ފޮށިގަނޑު ލައިގެން ދުއްވާލިތަނާ ފުލުހުން ގޮސް އޭނާ ހުއްޓުވައި އެ ޗެކްކުރިި އެވެ. ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓް ފުލުހުން ހޯދި އެވެ. އޭގެ ބަރުދަނުގައި 989.1 ގްރާމް ހުއްޓެވެ.
އެކަމަކު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަން އޮތް ދައުވާ އަށް ޝަރުވާން އިންކާރު ކޮށްފައިވެ އެވެ. ޝަރީއަތުގައި އޭނާ ބުނެފައިވަނީ މަސްތުވާތަކެތި ހުރި ފޮށިގަނޑު ގެނައުމުގައި އެއްވެސް މޯޓިވްއެއް ނެތް ކަމަށާއި އެކަމުގައި އަމަލީ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ދައުވާއާ ގުޅިގެން ޝަރުވާންގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު، އިއްވި ހުކުމްގައި ކަނޑައަޅާފައިވަނީ ކުށުގެ ހުރިހާ ރުކުނެއް އޭނާގެ މައްޗަށް ދައުލަތުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބުގެ ގޮތުގައި އުމުރު ދުވަހަށް (25) އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެވެ.
މިފަދަ މައްސަލަތަކުގައި ޖަލު އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ހުކުމް ކުރުން ފިޔަވައި އެހެން އިހްތިޔާރެއް ގާޒީންނަށް ނޯވެ އެވެ. ނަމަވެސް، ޖޫރިމަނާ ކަނޑައެޅުމުގެ ފުރުސަތު ދީފައި އޮވެ އެވެ. އެއްލައްކަ ރުފިޔާ އިން ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެ އެވެ.
މި މައްސަލާގެ ހުކުމްގައި ބުނީ މި ހާދިސާ އަށް ބަލާއިރު މަސްތުވާތަކެތި ވިއްކާ ފައިސާގެ މުއާމަލާތެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައި ވެސް ނުވާ ކަމަށާއި އެހެންވެ، ޖޫރިމަނާގެ ގޮތުގައި އެންމެ ކުޑަ އަދަދު ކަނޑައެޅުމުގެ ގޮތުން އިއްވާފައިވަނީ އެއްލައްކަ ރުފިޔާގެ ހުކުމެކެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްފި
ފުވައްމުލަކު ޑްރަގް ކޭސް: ދެ މީހުން އަލުން ހައްޔަރު
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ޑްރަގް އެތެރެކުރި ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ
ޑްރަގު މައްސަލާގައި ހުކުމެއް އަޔަސް އަދަބެއް ނެތް