Roadha Mihaaru
ޕީއެސްޖީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ބޭނުމެއްނުވި

ޕީއެސްޖީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ބޭނުމެއްނުވި: ރިޕޯޓް

13 މާޗް 2021

ޓިއުރިން (މާޗް 13) - މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ ފުރުސަތު އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ލިބުނު ނަމަވެސް އެ ދެ ޓީމުން އެ ފުރުސަތުގެ ބޭނުމެއްނުހިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓިއުރިން (މާޗް 13) - މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ ފުރުސަތު އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ލިބުނު ނަމަވެސް އެ ދެ ޓީމުން އެ ފުރުސަތުގެ ބޭނުމެއްނުހިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 36 އަހަރުގެ ރޮނާލްޑޯ ގެންދަން ޔުނައިޓެޑުން ބޭނުމެއް ނުވި އެންމެ ބޮޑު ސަބަބަކީ އޭނާގެ މުސާރަ ބޮޑުވުމެވެ. ރޮނާލްޑޯ މި ވަގުތު ޔުވެންޓަސްގައި ހުރީ އަހަރަކު 30 މިލިއަން ޔޫރޯ ލިބޭ މުސާރައެއްގަ އެވެ.

ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ. ޔުނައިޓެޑް ދޫކޮށް 2009 ވަަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނަން އުޅޭ ކަމަށް މީޑިއާގައި އެކި ފަހަރު މަތިން ވަނީ ވާހަކަ ދެކެވިފަ އެވެ.

އީއެސްޕީއެން އާޖެންޓީނާ އާއި ފޮކްސް ސްޕޯޓްސް އާޖެންޓީނާ އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކޮންމެ އަހަރަކު ވެސް ކުރެ އެވެ. އެކަމަކު މައްސަލަ އަކަށްވަނީ މުސާރަ ކުޑަކުރަން ރޮނާލްޑޯ އެއްބަސްނުވާތީ ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ.

ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސްއާ ހަވާލާދީ ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިޝްތިހާރު ޑީލްތަކެއްގެ ތެރެއިން ރޮނާލްޑޯ އަށް ރަނގަޅު ހުށަހެޅުންތަކެއް ލިބޭނަމަ ކުޑަ މުސާރަ އަކަށް ވެސް ޔުނައިޓެޑަށް ބަދަލުވާން ރޮނާލްޑޯ ބޭނުންވެ އެވެ. އެކަމަކު މި ވަގުތު ޔުނައިޓެޑް ހިންގަމުން އަންނަ މޮޑެލްގެ ތެރެއިން އެ ފުރުސަތެއް އަދި ނެތެވެ.

ޔުނައިޓެޑުން މިދިޔަ ސީޒަނަށް ފަހު ރޮނާލްޑޯ ގަންނަން ލިބުނު ފުރުސަތު ދޫކޮށްލުމުން މެންޑޭސް ވަނީ ޕީއެސްޖީގެ އޮފިޝަލުންނާ އެކު ރޮނާލްޑޯގެ ޑީލްގެ ވާހަކަތަކެއް ދައްކައިފަ އެވެ. އެކަަމަކު އޭރު ޕީއެސްޖީގެ ފޯކަސް ހުރީ ލިއޮނަލް މެސީ ހޯދުމުގެ މަސައްކަތުގައި ކުރިއަށްދާން ކަމަށްވާތީ ރޮނާލްޑޯ އަށް ބިޑް ކުރުމުގެ ހިޔާލު ޕީއެސްޖީން ދޫކޮށްލި އެވެ. އަދި މި ސީޒަނަށް ފަހު ވެސް ޕީއެސްޖީން ބޮޑަށް މަސައްކަތްކުރަނީ މެސީ ހޯދަން ކަމަށްވާތީ ރޮނާލްޑޯ ގެނައުމުގެ މަސައްކަތް އެ ޓީމުން ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ތިން އަހަރު ކުރިން ޔުވެންޓަސް އިން 100 މިލިއަން ޔޫރޯ ހަރަދުކޮށް ރޮނާލްޑޯ ގެނައި އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ރޮނާލްޑޯ ގުޅުނު ފަހުން ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައިނުވެ އެވެ. ޔުވެންޓަސް އަށް މިހާތަނަށް ކުޅެދިން 121 މެޗުން 92 ގޯލު ޖަހާފައިވާ ރޮނާލްޑޯ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެންޑޭސް އަންނަނީ ރޮނާލްޑޯ އަށް އަލުން ރެއާލާ ގުޅުމުގެ ފުރުސަތެއް އޮތްނަމަ އޭގެ ބޭނުންހިފަން މަސައްކަަތްކުރަމުންނެވެ.