Roadha Mihaaru
އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް

އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް

28 އޯގަސްޓް 2021

މެންޗެސްޓާ (އޯގަސްޓް 28) - ގާތްގަނޑަކަށް 105 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުވެންޓަސް އިން ގަތް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލީ ކުޑަ އަގަކަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (އޯގަސްޓް 28) - ގާތްގަނޑަކަށް 105 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުވެންޓަސް އިން ގަތް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލީ ކުޑަ އަގަކަށެވެ.

ޔުވެންޓަސްގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު ރޮނާލްޑޯ ވަނީ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެނބުރި ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވީ 12 އަހަރު ފަހުންނެވެ. ރެއާލް މެޑްރިޑަށް ބަދަލު ވުމަށް ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލީ 2009 ގަ އެވެ.

މިދިޔަ ދެ ސީޒަންގައި އޭނާ ކުޅުނު، ޔުވެންޓަސް އިން އޭނާ ޔުނައިޓެޑަށް ވިއްކާލީ 23.5 މިލިއަން ޑޮލަރަށެވެ. ބޮޑު އަގުގައި އެ ކްލަބުން ގެނައި ރޮނާލްޑޯ އެހާ ކުޑައަގަކަށް ޔުވެންޓަސްއިން ވިއްކާލީ ކީއްވެހެއްޔެވެ.؟

ޔުވެންޓަސް އިން އެންމެ ފުރަތަމަ ކީ އަގަކީ 14 މިލިއަން ޑޮލަރެވެ. އޭގެ ފަހުން 17 މިލިއަން ޑޮލަރަށް މުއާމަލާތް ބަދަލުވެ އަސްލު އަގަކީ އެއީ ކަމަށް ނިންމި އެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު ހަ މިލިއަން ޑޮލަރު ހިމެނުމުން ޖުމުލަ އަގަކީ 23 މިލިއަނެވެ.

މަޝްހޫރު އެޖެންޓް ޕޯޗަގަލްގެ މެންޑޭޒް، އޭނާގެ އެންމެ އަގުބޮޑު ކްލައިންޓް ކްލަބު ދޫކޮށްލުމުގެ ޕްލޭން ނިންމީ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ދެ ފަރާތަށް ވެސް ހިތްހަމަޖެހި ޔުނައިޓެޑަށް ވެސް މާ ބޮޑު ބުރައެއް ނެތި އެކަން ނިމިގެން ދިޔައީ އެވެ.

ޔޫރަޕްގެ ފައިނޭންޝިއަލް ފެއާޕްލޭއާ އެއްގޮތަށް ކްލަބުގެ އެކައުންޓް ބެލެންސް ކުރުމަށްޓަކައި ޔުވެންޓަސް އަށް ބޭނުންވެފައި އޮތީ 33 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޮޑު އަދަދެއް ރޮނާލްޑޯ ޓްރާންސްފާ އިން ހަމަޖެއްސުމަށް ޔުވެންޓަސްގެ ސްޕޯޓިން ޑައިރެކްޓާ ފެޑެރީކޯ ކެރުބީނީ ނިންމި އެވެ. ޖޫން މަހު ޔުވެންޓަސްގެ މަގާމާ ހަވާލުވި ކެރުބީނީ އަކީ އޭނާގެ ކުރިން ޔުވެންޓަސްގައި އެ މަގާމު އަދާކުރި އެހެން ޑައިރެކްޓަރުން ހެން، މެންޑޭޒް އާ މާ ގާތް ގުޅުމެއް ބާއްވާ މީހެއް ނޫނެވެ.

ޔުވެންޓަސް

ޔުވެންޓަސް

ޔުނައިޓެޑްގެ ޓްރާންސްފާ ހެމަޖެހުމުން އިއްޔެ ޔުވެންޓަސްގެ ޓްރޭނިން ގުރައުންޑަށް ރޮނާލްޑޯ ދިޔައީ އޭނާގެ ބައެއް ސާމާނު ނެގުމަށާއި ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާ ބައްދަލު ކުރުމަށެވެ. ކޯޗް މެކްސް އެލެގްރީ އާއި ކުޅުންތެރިންނަށް އަލްވަދާއު ކިއުމަށް ފަހު ރޮނާލްޑޯ ވަނީ އޭނާ މެންޗެސްޓާ އަށް ދާ ވާހަކަ ބުނެފަ އެވެ.

އެ ކްލަބުގައި މީގެ ކުރިން ރޮނާލްޑޯ ބޭނުން ކުރި ހަތް ނަންބަރު މިހަރު ވަނީ މި ސީޒަނަށް އެޑިންސަން ކަވާނީގެ ނަމަށް ރަޖިސްޓްރީ ކޮށްފަ އެވެ. ރޮނާލްޑޯ އަށް ޖެހޭނީ އެހެން ނަންބަރެއް ނަގާށެވެ.

ސްޕޯޓިން ލިޒްބަން އިން 2003 ގައި ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ އޭރު އެދުނީ 28 ނަންބަރު ޖޯޒީ ދިނުމަށެވެ. ނަމަވެސް އޭނާ އަށް ހަތް ނަންބަރު ޖޯޒީ ދޭން ނިންމީ ޔުނައިޓެޑްގެ އޭރުގެ ކޯޗު އެލްކްސް ފާގަސަން އެވެ. މިފަހަރު ހަތް ނަންބަރު ލިބެން ނެތުމުން ރޮނާލްޑޯ ބޭނުން ކުރާނެ ކަމަށް ބެލެވެނީ 28 ނަންބަރެވެ. އެ ނަންބަރު ޔުނައިޓެޑްގައި އެންމެ ފަހުން ބޭނުން ކުރީ ޒުވާން ފޯވަޑް ފެކްންޑޯ ޕެލިސްޓްރީ އެވެ. އޭނާ ވަނީ ލޯން އެއްބަސްވުމުގެ ދަށުން ޑިޕޯޓިވޯ އަލަވޭޒް އަށް ބަދަލުވެފަ އެވެ.