Roadha Mihaaru
އާމްދަނީ ރޭހުގެ ކުރި އަލުން "އެވެޓާ" އަށް

އެންމެ ބޮޑު އާމްދަނީގެ ރޭހުގެ ކުރި އަލުން "އެވެޓާ" އަށް

15 މާޗް 2021

ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވެޓާ" ދަމަހައްޓަމުން ދިޔަ، އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދުމުގެ ރެކޯޑް 2019 ގައި ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" މުގުރާލާފައި ވަނިކޮށް އެ މަގާމު އެ ފިލްމަށް ގެއްލި، "އެވެޓާ" ގެ ރޭހުގެ ކުރި އަލުން އަތުލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވެޓާ" ދަމަހައްޓަމުން ދިޔަ، އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދުމުގެ ރެކޯޑް 2019 ގައި ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" މުގުރާލާފައި ވަނިކޮށް އެ މަގާމު އެ ފިލްމަށް ގެއްލި، "އެވެޓާ" ގެ ރޭހުގެ ކުރި އަލުން އަތުލައިފި އެވެ.

މިއާ އެކު 2009 ގެ "އެވެޓާ" އަނެއްކާވެސް ވެފައިވަނީ ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. އެ މަގާމު ފިލްމަށް އަލުން ލިބުނީ ޗައިނާގައި މިދިޔަ ހުކުރު ދުވަހު "އެވެޓާ" އަލުން ރިލީޒްކޮށް ބޮކްސް އޮފީހުގައި 3.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމާ ގުޅިގެންނެވެ. އެ އަދަދާ އެކު މިހާރު އެ ފިލްމުގެ ޖުމްލަ އާމްދަނީ ވަނީ 2.802 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

"އެވެންޖާޒް: އެންޑްގޭމް" ގެ އާމްދަނީ އަކީ 2.798 ބިލިއަން ޑޮލަރެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "އެވެޓާ" އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް ގެއްލުނު އިރު، އޭރު ފިލްމުގެ ޖުމްލަ އާމްދަނީ އަކީ 2.788 ބިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގެ އާމްދަނީގެ ރޭސް "އެވެޓާ" އަލުން އަލުން ހޯދުމާ ގުޅިގެން އެންތަނީ އާއި ޖޯ ރުޒޯ ގެނެސްދިން "އެންޑްގޭމް" ގެ ޕްރޮޑަކްޝަން ހައުސް މާވެލް ސްޓޫޑިއޯސް އިން ހޮނިހިރު ދުވަހު ކެމަރޮން އާއި ޕްރޮޑިއުސަރު ޖޮން ލަންޑޯ އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ.

"އެންޑްގޭމް" އަށް ވެސް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ މަގާމު ލިބުނު ދުވަސްވަރު ކެމެރޮން ވެސް އެކަމަށް މަރުހަބާ ކިޔާފައިވެ އެވެ. އޭރު އޭނާ ބުނެފައި ވަނީ "އެވެޓާ 2" އިން އަލުން ރެކޯޑް ހޯދޭނެ ކަމަށެވެ.

"އެވެޓާ" ގެ އިތުރު ފަސް ފިލްމެއް ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ އިރު ސީކްއެލްގެ ފުރަތަމަ ބައި ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 16 އެވެ.

މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމަކީ ވެސް ކެމެރޮންގެ ފިލްމެކެވެ. އެއީ 1997 ގެ "ޓައިޓޭނިކް" އެވެ. އޭގެ އާމްދަނީ އަކީ 2.195 ބިލިއަން ޑޮލަރެވެ.