Roadha Mihaaru
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން

"އެވެޓާ 2" އާ އެކު ބޮކްސް އޮފީހުގައި "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ޖޭމްސް ކެމެރޮން

22 ޑިސެމްބަރ 2019

އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމުގެ ރެކޯޑާ އެކު މި އަހަރު ރިލީޒްކުރި "އެވެންޖާޒް: ދި އެންޑް ގޭމް" ބޮކްސް އޮފީހުން ފަތަހަކޮށްފައިވާ މަގާމު 2021 ގައި ރިލީޒްކުރާ "އެވެޓާ 2" އާ އެކު އަލުން ހޯދޭނެ ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރޮން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމުގެ ރެކޯޑާ އެކު މި އަހަރު ރިލީޒްކުރި "އެވެންޖާޒް: ދި އެންޑް ގޭމް" ބޮކްސް އޮފީހުން ފަތަހަކޮށްފައިވާ މަގާމު 2021 ގައި ރިލީޒްކުރާ "އެވެޓާ 2" އާ އެކު އަލުން ހޯދޭނެ ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރޮން ބުނެފި އެވެ.

ދެހާސް ނުވައެއްގައި "އެވެޓާ" ގެނެސްދިންތާ މި މަހުގެ 18 ވަނަ ދުވަހަށް 10 އަހަރު ފުރުމާ ގުޅިގެން ޔޫއެސް ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި ޑައިރެކްޓަރު ބުނީ އެކަން ވާނެ ކަމާ ދޭތެރޭ މާ ބޮޑު ޝައްކުތަކެއް ނެތް ކަމަށެވެ.

ނަމަވެސް މާވެލް އާއި ޑިޒްނީގެ "އެންޑްގޭމް" އަށް ލިބުނު ކާމިޔާބީ އަކީ އެ މީހުން އުފާކުރުން ހައްގު އަދި އެކަން ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ. އަދި އެ ފިލްމަށް ލިބުނު ކާމިޔާބީއާ ދޭތެރާ އުފާކުރާ ކަމަށް ކެމެރޮން ބުންޏެވެ.

އޭނާ ވަނީ "އެވެޓާ" ހިފަހައްޓަމުން އައި ރެކޯޑް "އެންޑް ގޭމް" އިން މިދިޔަ ޖުލައި މަހު މުގުރާލުމުން އެކަމަށް މަރުހަބާ ކިޔައި ޓްވީޓް ވެސް ކޮށްފަ އެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ގައި ރިލީޒްކުރި އެ ފިލްމުގެ އާމްދަނީ އަކީ 2.798 ބިލިއަން ޑޮލަރެވެ. މިއާ އެކު "އެވެޓާ" މިހާރު އޮތީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދެވަނަ ފިލްމުގެ މަގާމުގަ އެވެ.

ތިން ވަނައިގައި އޮތީ 1997 ގައި ކެމެރޮން ގެނެސްދިން "ޓައިޓޭނިކް" އެވެ. އެ ފިލްމުގެ އާމްދަނީ އަކީ 2.187 ބިލިއަން ޑޮލަރެވެ.

ކެމެރޮން ބުނިގޮތުގައި "އެވެޓާ" ގެ ކުރިއަށް ހުރި ފިލްމުތަކާ ދޭތެރޭ ކުރެވޭ އުންމީދުތައް ބޮޑެވެ. އަދި ބެލުންތެރިން އުންމީދުކުރާ ވަރުގެ ފިލްމުތަކަކަށް އެ ފިލްމުތައް ވާނެ ކަމަށް ބުންޏެވެ.

"އެވެޓާ 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 17، 2021 ގަ އެވެ.

މީގެ އިތުރު ބައިތައް ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 22، 2023 އަށް، ޑިސެމްބަރު 19، 2025 އަދި ޑިސެމްބަރު 20، 2024 އަށެވެ.