Roadha Mihaaru
ގައިދުރުކޮށް ނަމާދުކުރުން ހުއްދަ: ފަތުވާ މަޖިލިސް

މި ހާލަތުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ ހުއްދަކަމެއް: ފަތުވާދޭ މަޖިލިސް

16 މާޗް 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ހުއްދަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ. އެ މަޖިލީހުން އެހެން ނިންމިއިރު، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ މި މަހުގެ އެއް ވަނަ ދުވަހު އަންގައިފަ އެވެ. ނަމަވެސް އެކަމާ ބައެއް ދީނީ އިލްމުވެރިންގެ ހިޔާލު ތަފާތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ހުއްދަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ. އެ މަޖިލީހުން އެހެން ނިންމިއިރު، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ މި މަހުގެ އެއް ވަނަ ދުވަހު އަންގައިފަ އެވެ. ނަމަވެސް އެކަމާ ބައެއް ދީނީ އިލްމުވެރިންގެ ހިޔާލު ތަފާތެވެ.

ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުން ކީރިތި ރަސޫލާގެ ސުންނަތާ ހިލާފެވެ. އެހެންވެ، މި ހާލަތުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުމުގައި އިސްލާމްދީނުގައި އޮންނަ ގޮތް ދެނެގަތުމާ މެދު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާތަކާ އިލްމުވެރިންގެ ޖަމާއަތްތަކުގެ އިރުޝާދުގެ އަލީގައި މައްސަލަ ދިރާސާކޮށް އެ މަޖިލީހުން ދެކޭ ގޮތް މިއަދު ވަނީ ހާމަކޮށްފަ އެވެ. އެއާ އެކު، ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެ މައުޟޫގައި ދުނިޔޭގެ ފަތުވާދޭ މަޖިލީސްތަކާއި ފަތުވާ ކޮމިޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ މީހުންގެ މެދުގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި އާއްމުން އެއްވެ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ބިނާވެފައިވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލައި ޟަރޫރީ ހާލަތުން ދިފާއުވެ މަފްސަދާ ނުވަތަ ނުރަނގަޅު ގޮތް ނައްތާލުން ކަމަށްވުމެވެ.

ފަތުވާގައި ބުނީ މަފްސަދާގެ އަސްލަކީ މީހުން އެއްތަނަކަށް ޖަމާވުންކަމަށް ކަމާބެހޭ ސިއްހީ މާހިރުން ހާމަކުރާ ކަމަށެވެ. އެހެންކަމުން އެ ކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމްވެގެން ވަނީ އިތުބާރުހުރި ސިއްހީ މާހިރުން ދޭ މައުލޫމާތުގެ މައްޗަށް ބުރަވެ ތިބެ އެއާ އެއްގޮތަށް އަމަލުކުރުން ކަމަށް ފަތުވާގައިވެ އެވެ. އެ އަމުރުތަކަށް ތަބާވުމަކީ ޝަރުއީ ގޮތުން އޮތް ވާޖިބެއް ކަމަށާއި އެއީ އެ އަމުރުތަކާ ހިލާފުވުމުން ނަފްސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެ މީހަކު މަރާ ކުރިމަތިލައި ހަލާކުވެގެން ދިއުން ވެސް ހިމެނޭތީ ކަމަށް އޭގައިވެ އެވެ.

"....އެހެންކަމުން، އިސްވެ ދެންނެވުނު ގޮތަށް އިޖުތިމާއީ ގައިދުރުކޮށްގެން ހެދޭ، ފަރުޟުނަމާދުގެ ޖަމާއަތާއި ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާ ނުލައި ސައްހަވާނެ" ކަމަށް ފަތުވާގައިވެ އެވެ.

ފަތުވާ މަޖިލީހުން ބުނީ ސިއްހީ ގޮތުން ލާޒިމްކުރާ އިޖުރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވާއިރު އެ ކަމަކީ އުމުރުގެ ގޮތުން ވިޔަސް ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވިޔަސް އަދި ނަމާދުކުރާ މީހުންގެ ސިއްހީ ހާލަތާ ގުޅިފައިވާ ކަމަށްވިޔަސް އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަންޖެހޭ ކަމަކަށް ވިޔަސް އިތުބާރު ހުރި ސިއްހީ މާހިރުން މި ކަމަށް ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބެއް ކަމަށެވެ.

"މި ހާލަތުގައި ޖަމާއަތުގައި ނަމާދުކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން ސަފުގައި އިޖުތިމާއީ ގައިދުރުކޮށްގެން ސަފުހަދައިގެން ނަމާދުކުރެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. ކަން މިހެން އޮތުމުން މި އުސޫލުގެ މައްޗަށް ބިނާކޮށް އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދު އަމަލު ކުރަމުންދަނީ މި ގޮތަށެވެ،"

ފަތުވާ މަޖިލީހުން ބުނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ އުޅުމުން އެ މީހަކު ފާފަވެރިވާނެ ކަމަށެވެ. އެ ގޮތަށް އަމަލުކޮށް ކަމުގެ ހުރުމަތް ކަނޑާލުމާއި އެ ކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފްސާއި މުޖުތަމައު ކޮވިޑްގެ ކާރިސާގެ ނުރައްކަލަށް ހުށަހެޅުން ހަރާމް ވާނެ ކަމަށް އެކި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުން އެއްބަސްވެފައިވާ ކަމަށް ފަތުވާގައިވެ އެވެ.

އެހެންވެ، އެ ހޯދުންތަކުގެ އަލީގައި ފަތުވާ މަޖިލީހުގެ މެމްބަރުން އެއްބަސްވީ މި ހާލަތުގައި ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާއަތުގެ ނަމާދުކުރުމަކީ މަކްރޫހަ ނުވާނެ ކަމަށާއި އެކަން ހުއްދަ ކަމަށެވެ.

"އެކަމަކީ އިސްވެދިޔަ އާޔަތްތަކާއި ހަދީޘްތަކާއި އިލްމުވެރިންގެ ބަސްފުޅުތަކުން ސައްހަކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މި ހާލަތާ ގުޅުވައިގެން ހުއްދަ ކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެކެވެ،"