Roadha Mihaaru
"ބަޖެޓު ބޮޑުކުރުމުގެ ވިސްނުން ބަދަލު ކުރަންޖެހޭ"

ބަޖެޓު ކުޑަވުމުން މުއައްސަސާތަކަށް އުނދަގޫ ވިޔަސް ބަޖެޓު ބޮޑުކުރުމުގެ ވިސްނުން ބަދަލު ކުރަންޖެހޭ: މުނައްވަރު

13 ނޮވެމްބަރ 2016

މުއައްސަސާތަކުގެ ބަޖެޓު ކުޑަވުމުން ދަތިތަކެއް ކުރިމަތި ވިޔަސް، އަހަރުން އަހަރަށް ބަޖެޓު ބޮޑުކުރުމުގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މުއައްސަސާތަކުގެ ބަޖެޓު ކުޑަވުމުން ދަތިތަކެއް ކުރިމަތި ވިޔަސް، އަހަރުން އަހަރަށް ބަޖެޓު ބޮޑުކުރުމުގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ފޮތާއި ވެބްސައިޓު އިފްތިހާތު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި ކުޑަ ބަޖެޓަކުން މަސައްކަތް ކުރަން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ދަތިތަކެއް ކުރިމަތި ވެދާނެ އެވެ. އެކަމަކު، ބަޖެޓު ހެދުމުގައި ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އަހަރު މިސާލަކަށް ބަޖެޓަކީ 100 ރުފިޔާ ކަމަށްވާ ނަމަ، އަންނަ އަހަރު ވާކަށް ނުޖެހޭ 102 ރުފިޔާ އަށް ނުވަތަ 120 ރުފިޔާ އަށް،" ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ކޮންމެ މުއައްސަސާއެއްގެ ބަޖެޓުގައި ވެސް ހުންނަން ޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ކޮށްދޭނެ ކަންކަމާއި އޭގެން ނުކުންނާނެ ނަތީޖާތަކެވެ.

އަންނަ އަހަރަށް ލަފާކުރާ 26.8 މިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ހާއްސަކޮށްފައި ވަނީ، މި އަހަރަށް ވުރެ 11 ޕަސެންޓް ކުޑަކޮށް، 13.6 ބިލިއަން ރުފިޔާ (ބަޖެޓުގެ 49.3 ޕަސެންޓް) އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ކުރާ ހަރަދު އަންނަ އަހަރު ވެސް ހުންނާނީ 6.9 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެކަމަކު، ސަބްސިޑީ އާއި އެ ނޫން ވެސް އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ.

ރިކަރެންޓް ހަރަދު ކުޑަކޮށް ބަޖެޓު ހުށަހެޅިއިރު، ބައެއް އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓު ވަނީ ކުޑަކޮށްފަ އެވެ. އެކަމާ މެދު ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހާއްސަކޮށް، އިދިކޮޅު މެމްބަރުން އެ ކަންބޮޑުވުންތައް ނެންގެވިއިރު، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވެސް އެކަމާ މެދު ފިނޭންސް މިިނިސްޓަރު އަހުމަދު މުނައްވަރާ މިިދިޔަ ބުރާސްފަތި ދުވަހު ސުވާލުތައް ކުރިމަތި ކުރި އެވެ.

އެކަމަކު، ބައެއް އޮފީސްތަކުގެ ބަޖެޓު އަންނަ އަހަރު ކުޑަކުރުމަށް ހުށަހަޅާފައި ވިޔަސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށާއި އާސަންދަ އިން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އެ ދުވަހު ދެއްވައިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މާދަމާ ބަޖެޓަށް ބަހުސް ކުރާނެ އެވެ.