Roadha Mihaaru
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އަލުން ގަމަށް ފަށަނީ

18 މާޗް 2021

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އަނެއްކާ ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އަނެއްކާ ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު ވިޔަފާވެރިންނާ ބިމުގެ ލިޔުން ހަވާލުކުރަން ފޭދޫގައި ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވީ ވަރަށް އަވަހަށް ދަތުރުތައް ފެށޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަމަށް ދަތުރުތައް ކުރުމާ ބެހޭ ގޮތުން އެހެން ގައުމުތަކުގެ ބައެއް އެއާލައިންތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި މި ފަހަރު އެންމެ ބޮޑު ޓާގެޓަކީ ދުނިޔޭގެ ޓޫރިޒަމްގެ މައި އެއް ހަބް ކަމަށްވާ މެދުއިރުމައްޗާއި ގަން ގުޅުވާލުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހަފުތާތަކެއް ވެސް ނޫން ހަމަ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަމާ ބެހޭ މައުލޫމާތުތައް ހާމަވެގެން ދާނެ،" ފިރާގު ވިދާޅުވި އެވެ. "އެހެންވީމަ ޔަގީންކަން އެބަ ދެން ކަންކަން އިންތިޒާމުވެގެން ހަމަޖެހިގެން ދާކަން."

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ގެނައުމަކީ އެހާ ފަސޭހަކަމެއް ވެސް ނޫނެވެ. އެގޮތުން ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް ގަމަށް ކުރިން ފެށުނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތާއި ގޮންޖެހުންތަކާ އެކީގައި ކަމަށް ވިދާޅުވި އެވެ.

"ކުއްލިއަކަށް ވާ ކަހަލަ ކަންތައްތަކެއް ނޫން މިއީ،" ފިރާގު ވިދާޅުވި އެވެ. "...އެހެންވީމަ މި ކަނެކްޓިވިޓީވެގެން ދާނީ ހަމަ ޔަގީނުން ވެސް މުޅި ސައުތު ޓޫރިޒަމް ޒޯނަށް ކޭޓަކުރެވޭ ވަރުގެ ކަމަކަށް ވާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ މަދުވެގެން ބާރަ ހާސް އެނދަށް ކޭޓަކުރުން. މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ކައުންޓަ ޕާޓީތަކާ ވާހަކަ ދެކެވިގެން އިންތިޒާމުތައް ހަމަޖެހިގެން މިކަން ފެށިގެން ދާނެ އިރަކަށް މިހާރު މި ތައްޔާރު ވަނީ."

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހުއްޓާލީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ދިމާވި ހުރަސްތަކާ ހެދި އެވެ. އޭރު އެ އެއާލައިނަކީ ގަން އެޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން ދިޔަ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިން ވެސް މެ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ.