Roadha Mihaaru
އިންޑިއާ ޓީޓްވެންޓީ ސީރީސް ކާމިޔާބުކޮށްފި

އިންގްލެންޑް ބަލިކޮށް އިންޑިއާ ޓީޓްވެންޓީ ސީރީސް ކާމިޔާބުކޮށްފި

21 މާޗް 2021

އަހުމަދުއާބާދު (މާޗް 21) - ކެޕްޓަން ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން 3-2 އިން އިންގްލެންޑް ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ސީރީސް ކާމިޔާބުކޮށްފި އެވެ.

އަހުމަދުއާބާދު (މާޗް 21) - ކެޕްޓަން ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން 3-2 އިން އިންގްލެންޑް ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ސީރީސް ކާމިޔާބުކޮށްފި އެވެ.

އިންގްލެންޑް ފުރަތަމަ މެޗުން އަށް ވިކެޓުން މޮޅުވިއިރު، އިންޑިއާ ދެން ކުޅުނު މެޗުން ވަނީ ހަތް ވިކްޓުން މޮޅުވެފަ އެވެ. ތިން ވަނަ މެޗުން ކުރިހޯދީ އަށް ވިކެޓުން އިންގްލެންޑް އެވެ. އިންޑިއާ ވަނީ ހަތަރު ވަނަ މެޗުން އަށް ލަނޑުން މޮޅުވެފަ އެވެ. އެހެންވެ އިއްޔެގެ މެޗަށް ނުކުތްއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

އިންޑިއާ އިއްޔެގެ ޑިސައިޑިން މެޗުން ކުރިހޯދީ 36 ލަނޑުންނެވެ. އިންޑިއާ ޓީމުން އެންމެ މޮޅަށް ކުޅުނީ 52 ބޯޅައިން 80 ލަނޑު ހެދި ވިރާތު އާއި 34 ބޯޅައިން 64 ލަނޑު ހެދި ރޯހިތު އެވެ.

ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ އިއްޔެގެ މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ. އިންގްލެންޑުން ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 188 ލަނޑެވެ. އިންގްލެންޑްގެ ކުޅުންތެރިން ހުއްޓުވުމުގައި އިންޑިއާގެ ޓީމުގައި ތަފާތު ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބުވްނޭޝް ކުމާރް އެވެ. އިންޑިއާ އިން ވަނީ ދެ ކުޅުންތެރިން ނުބައިވި ނަމަވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލައިފަ އެވެ.

މި މޮޅާ އެކު އިންޑިއާ އިން މި އަހަރުގެ އޮކްޓޫބަރު މަހު ގައުމުގައި ބާއްވަން ތާވަލުކޮށްފައިވާ ޓީޓްވެންޓީ ވޯލްޑް ކަޕަށް ނުކުންނާނީ ރަނގަޅު ރޫހެއްގަ އެވެ. އެންމެ ފަހުން އިންޑިއާ ކުޅުނު އަށް ޓީޓްވެންޓީ ކްރިކެޓް ސީރީސްގައި ވެސް އެ ޓީމު ބަލިވެފައިނުވެ އެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ބުނީ އިންގްލެންޑަކީ ވޯލްޑް ކަޕްގެ ފޭވަރިޓުން ކަމަށާއި އެ ޓީމުގެ މައްޗަށް އިންޑިއާ އިން މި ގޮތަށް ކުރިހޯދުމަކީ ވޯލްޑް ކަޕަށް ދާއިރު ކޮންފިޑެންސަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އިންގްލެންޑްގެ ކެޕްޓަން އޮއިން މޯގަން ބުނީ މުޅި ސީރީސް އަށް ބަލާއިރު ވެސް މުހިއްމު ވަގުތުތަކުގައި ތަފާތު ދެއްކީ އިންޑިއާ އިން ކަމަށާއި އެހެންވެ އެ ޓީމަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ. ސީރީސް އިން ބަލިވި ނަމަވެސް މޯގަން ބުނީ ޖުމްލަކޮށް ހުރިހާ މެޗެއްގައި ވެސް ލިބުނު ތަޖުރިބާ އަށް ބަލާއިރު ކުޅުން ވެސް ގޯހެއް ނޫން ކަމަށެވެ.