Roadha Mihaaru
35 ޑޮލަރުގެ ބޯތައްޓަށް 700،000 ޑޮލަރު

35 ޑޮލަރުގެ ބޯތައްޓަށް 700،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ލިބިއްޖެ

22 މާޗް 2021

ފަނަރަ ވަނަ ގަރުނުގައި ޗައިނާގައި ގެންގުޅުނު ބޯތައްޓެއް ބައި މިލިއަން ޑޮލަރަށް ވިއްކައިލަން ނީލަމަކަށްލުމުން އެއަށް ވުރެ މާ ބޮޑު އަގަކަށް ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަނަރަ ވަނަ ގަރުނުގައި ޗައިނާގައި ގެންގުޅުނު ބޯތައްޓެއް ބައި މިލިއަން ޑޮލަރަށް ވިއްކައިލަން ނީލަމަކަށްލުމުން އެއަށް ވުރެ މާ ބޮޑު އަގަކަށް ވިކިއްޖެ އެވެ.

އެމެރިކާގެ ކަނެކްޓިކްގައި މިދިޔަ އަހަރު ބޭއްވި މަގުމަތީ ބާޒާރެއްގައި މީހަކު 35 ޑޮލަރު ދީފައި ގަތް ބޯތަށި ސޮދަބީޒް އޮކްޝަނުން ނީލަމުގައި ވިއްކައިލަން ހުޅުވާލީ 500،000 ޑޮލަރަށް ނަމަވެސް އެއަށް ވަނީ 721،800 ޑޮލަރު ލިބިފަ އެވެ.

ބޯތަށި ވިއްކާލީ ސޮދަބީޒް އިން އިންތިޒާމުކޮށްގެން މި މަހުގެ 17 ގައި ނިއު ޔޯކްގައި "އޭޝިއާ ވީކް" ނީލަމުގަ އެވެ.

އުންމީދު ނުކުރާ ވަރުގެ ބޮޑު އަގެއް ބޯތައްޓަށް ލިބުމާ ގުޅިގެން އެއާ ބެހޭ މައުލޫމާތު ހޯދުމުގައި އިސް ދައުރެއް އަދާކުރެއްވި ޗައިނީޒް އާޓް ޑިޕާޓްމަންޓްގެ ހެޑް އެންޖެލާ މެކެޓީރް ވިދާޅުވީ މިކަމުން ދައްކުވައި ދެނީ ތާރީހީ ގަދީމީ އެއްޗިއްސަށް މިހާރު ވެސް މީހުންގެ ސަމާލުކަންދޭ މިންވަރު ކަމަށެވެ.

"މިއިން ދައްކުވައި ދެނީ ތާރީހީ އެއްޗެހީގެ އަގުހުރި ކަމަށާއ އެފަދަ އެެއްޗެހި ކުރިއަށް ޖީލުތަކާ ހަމައަށް ގެންދަން ރައްކާތެރިކޮށް ހިމާޔަތް ވެސް ކުރަން މީހުން އަދިވެސް ހާއްސަ ސަމާލުކަން ބަހައްޓާކަން،" އެންޖެލާ ވިދާޅުވި އެވެ.

ބޭރާއި އެތެރޭގައި ގަދަ ނުލާއި ކަޅު ކުލައިގެ ކުރެހުންތަކެއް ހިމެނޭ ހުދު ކުލައިގެ ބޯތައްޓާ ބެހޭ މައުލޫމާތު އެއްކުރި މީހުން ބުނެފައިވާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ އޭގެ ހަތަރު ތައްޓެވެ. އަދި އެ ތަކެތި ހުރީ ހާއްސަ ތަންތަނުގައި ރައްކާކުރެވިފަ އެވެ.

އޭގެ ތެރޭގައި ޓައިޕޭގެ ނެޝަނަލް ޕެލަސް މިއުޒިއަމާއި ބްރިޓިޝް މިއުޒިއަމް އަދި ލަންޑަންގެ ވިކްޓޯރިއާ އެންޑް އަލްބަޓް މިއުޒިއަމް ހިމެނެ އެވެ.