Roadha Mihaaru
މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމަކަށް

މަންޑޭލާގެ ޖަލު ގޮޅިއެއްގެ ތަޅުދަނޑި ނީލަމެއްގައި ވިއްކާލާތީ ދެކުނު އެފްރިކާގެ ސަރުކާރުން ކަންބޮޑުވެއްޖެ

26 ޑިސެމްބަރ 2021

ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވުނު ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ރޮބެން އައިލޭންޑްގެ ޖަލު ގޮޅީގެ ތަޅުދަނޑި ނީލަމެއްގައި ވިއްކާލަން އިއުލާންކުރުމާ ގުޅިގެން އެކަން ކެންސަލްކޮށް ދިނުމަށް އެ ގައުމުން އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވުނު ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ރޮބެން އައިލޭންޑްގެ ޖަލު ގޮޅީގެ ތަޅުދަނޑި ނީލަމެއްގައި ވިއްކާލަން އިއުލާންކުރުމާ ގުޅިގެން އެކަން ކެންސަލްކޮށް ދިނުމަށް އެ ގައުމުން އެދިއްޖެ އެވެ.

ބޭއިންސާފުން ޖަލުގައި ހޭދަކުރެއްވި 27 އަހަރުގެ ތެރެއިން ރޮބެން އައިލެންޑްގެ ޖަލެއްގައި 18 އަހަރު ހޭދަކުރެއްވި އިރު އެތަނުގެ ޖަލު ގޮޅީގެ ތަޅުދަނޑި ނީލަމެއްގައި ވިއްކާލަން އިއުލާންކުރީ އެމެރިކާގެ ނިއު ޔޯކްގެ އޮކްޝަން ހައުސް، ގާންޒީ އިންނެވެ.

އަންނަ މަހުގެ 28 ގައި އޮންލައިންކޮށް "އިމްޕޯޓަންޓް އާޓިފެކްޓްސް ފްރޮމް ދަ ލައިފް އޮފް ނެލްސަން މަންޑޭލާ" ގެ ނަމުގައި ބާއްވަން ނިންމާފައިވާ ނީލަމުގައި ޖަލު ގޮޅީގެ ތަޅުދަނޑިގެ އިތުރުން ވެސް މަންޑޭލާ އަށް ނިސްބަތްވާ އެކި އެއްޗެހި ވިއްކަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި މަންޑޭލާގެ އައިކޮނިކް "މަޑިބާ" ގަމީހާއި އަވިއައިނާއި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮމާބާ އާއި ޖޯޖް ޑަބްލިއު ބުޝްގެ ފަރާތްޕުޅުން ލިބިވަޑައިގަތް ބައެއް ހަދިޔާތައް ވެސް ހިމެނެ އެވެ.

ނީލަމުގައި ޖަލު ތަޅުދަނޑި ވިއްކާލާތީ އެކަން ކެންސަލްކޮށް ދޭން އެދިވަޑައިގެން ދެކުނު އެފްރިކާގެ ސްޕޯޓްސް، އާޓް އެންޑް ކަލްޗަ މިނިސްޓަރު ނަތީ އެމްތެތުވާ ވިދާޅުވީ ތަޅުދަނޑި ވިއްކާނުލަން އެދުނީ އެއީ މުޅި ގައުމުގެ ރައްޔިތުންގެ ހައްގަކަށް ވާތީ އެވެ. އަދި ނީލަމެއްގައި އެ ވިއްކާލަން ނިންމިކަން އިއުލާންކުރީ ދެކުނު އެފްރިކާ ކަމާ ބެހޭ ފަރާތްތަކާއި ތަޅުދަނޑި ނިސްބަތްވާ ރޮބެން އައިލޭންޑް މިއުޒިއަމާ ވެސް މަޝްވަރާ ނުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ގައުމުގެ ރައްޔިތުންނަށް ބަލަދު އަރާ އެއްޗެއް ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި ތަޅުދަނޑި އަކީ ދެކުނު އެފްރިކާގެ ހިތްދަތި ތާރީހުގެ އެތައް ސޮފުހާއަކާ ވެސް ގުޅިފައި އޮތް އެއްޗެއް." މިނިސްޓަރު ވިދާޅުވި އެވެ، "އެހެންވީމަ އެއީ ވަކި މީހަކަށް އެއްގޮތަކަށް ވެސް ހާއްސަ ކުރެވޭނެ އެއްޗެއް ނޫން."

މި ވާހަކަތަކުގެ ރައްދުގައި ނީލަން އިންތިޒާމުކުރާ ގާންޒީގެ ރައީސް އާލަން އެޓިންގާ ވިދާޅުވީ ކުރިން ވެސް ރޭވި ގޮތަށް ނީލަމުގައި ތަޅުދަނޑި ވިއްކާނެ ކަމަށެވެ. އަދި އެ ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރާނީ މަންޑޭލާގެ މަގުބަރާ ހުންނަ އީސްޓަން ކޭޕް ޕްރޮވިންސްގެ ކޫނޫ އަވަށުގެ ހަނދާނީ ބަގީޗާއެއް ހެދުމަށެވެ.

ދެކުނު އެފްރިކާގެ ފުރަތަމަ ރައީސް އަދި ކަޅު ނަސްލުގެ ފުރަތަމަ ރައީސްގެ ޝަރަފު ވެސް ލިބިވަޑައިގަތް މަންޑޭލާ ވެރިކަން ކުރެއްވީ 1994-1999 އަށެވެ. ގައުމު އެއްބައިވަންތަ ކުރުވި ރައީސްގެ ގޮތުގައި ފާހަގަކުރެވުނު މަންޑޭލާ 95 އަހަރުގައި އަހަވާހަރަވީ 2013 ގަ އެވެ.