Roadha Mihaaru
އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ރާއްޖޭގައި ހިފައިފި

ދުނިޔޭގައި އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ރާއްޖޭގައި އަލަށް ހިފައިފި

14 ނޮވެމްބަރ 2016

އާ ވައްތަރުތަކުގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފް ކުރަން މިއަދު ފެށި ޓެސްޓު ދަތުރުތަކެއްގައި މީގެ ކުރިން ރާއްޖޭން ފެނިފައި ނުވާ އަދި ދުނިޔޭގެ ބާޒާރުގައި ވަރަށް އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ހިފައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާ ވައްތަރުތަކުގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފް ކުރަން މިއަދު ފެށި ޓެސްޓު ދަތުރުތަކެއްގައި މީގެ ކުރިން ރާއްޖޭން ފެނިފައި ނުވާ އަދި ދުނިޔޭގެ ބާޒާރުގައި ވަރަށް އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ހިފައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ޖައުފަރު ވިދާޅުވީ ރާއްޖެ އަށް އާ ވައްތަރުތަކުގެ މަސްވެރިކަން ތައާރަފް ކުރަން މިދިޔަ އަހަރު ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އެ ދިރާސާތަކުގައި، މިއަދު ހިފި ވައްތަރުގެ ބޯވަދިލަމަހުގެ (ޑައިމަންޑްބެކް ސްކުއިޑް)ގެ ބިސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް މިއަދު ހިފާފައި.-- ފޮޓޯ: ޓުވިޓާ

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް މިއަދު ހިފާފައި.-- ފޮޓޯ: ޓުވިޓާ

އެހެންވެ، ޖަޕާނުގެ ތަޖުރިބާކާރުން ބައިވެރިކޮށްގެން އަދި ޖަޕާނުން މިކަމަށް ހާއްސަކޮށް ގެނައި އާލާތްތައް ހަރުކޮށްގެން ފިޝަރީޒް މިނިސްޓްރީގެ ދޯންޏެއް މިއަދު ހެނދުނު މަހަށް ނުކުމެފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ. އެ ދޯނިން ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ކ. ހިންމަފުށީގެ ހަ މޭލު ބޭރުން އަދި ކަނޑުގެ 2،000 މީޓަރު އަޑިން އެ ވައްތަރުގެ ބޯވަދިލަމަހެއް ހިފައިފަ އެވެ.

"މި އެކްސްޕެރިމެންޓުތަކުގައި ބަލާނީ ކިހާ ވަރެއްގެ ސްޓޮކެއް އެބަ ހުރިތޯ، ކިހާ ވަރަކަށް މި ވައްތަރުގެ މަސްވެރިކަން ކުރެވިދާނެތޯ. އެ އަށް ފަހު، މި ވައްތަރުގެ މަސްވެރިކަން ތައާރަފް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ،" ޖައުފަރު ވިދާޅުވި އެވެ.

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް ހިފުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ޓުވިޓާ

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް ހިފުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ޓުވިޓާ

ބަރުދަނުގައި 11 ކިލޯ ހުރި ޑައިމަންޑްބެކް ސްކުއިޑެއް މިއަދު ހިފިއިރު، ޖަޕާނުގެ ކަނޑުތަކުން އާއްމުކޮށް ހިފާ މި ވައްތަރުގެ ބޯވަދިލަމަސް އުޅެނީ ކަނޑުގެ ފުދޭ ވަރަކަށް އަޑީގަ އެވެ. މި ވައްތަރުތަކުގެ ބޯވަދިލަމަސް އެންމެ ބޮޑު ވާއިރު ދިގުމިނުގައި 100 ސެންޓިމީޓަރު އަދި ބަރުދަނުގައި 30 ކިލޯ ހުންނައިރު، މިއީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު އަގެއްގައި ވިކޭ ވައްތަރެކެވެ.