Roadha Mihaaru
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ

މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް

23 ޑިސެމްބަރ 2020

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިފްކޯ ވެސް އެހާ ހާލުގައި އޮވެ، އަދި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ. ފެލިވަރަކީ މިފްކޯގެ މަސް ކާރުހާނާ ހުންނަ ރަށެވެ. މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިފްކޯއިން ފެށުނީއްސުރެ ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްވެރިންނަށާއި މުޅި ދާއިރާ އަށް ކުރިއެރުން ލިބެން އޮތީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށެވެ.

"މިފްކޯ ފައިދާވާ ކުންފުންޏަކަށް ނުވަންޏާ މަސްވެރިކަމަށް ވެސް ފައިދާއެއް ނުކުރާނެ. ސަރުކާރުން ނުއަގުގައި ވިޔަފާރި ކުރަންޏާ އެހެން ވިޔަފާރިތައް ވެސް ދެކޮޅެއް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތި ދުވަސްތަކެއް ތަހަންމަލު ކުރަން ޖެހިފައި ވަނީ މަސްވެރިން އެކަނި ނޫން ކަމަށެވެ. ޓޫރިޒަމް ދާއިރާގެ އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، އެހެން ރައްޔިތުންނަށް ވެސް މިއީ ދަތި ދުވަސްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ހާލަތުގައި މަސްވެރިން ބޭނުން އަގެއްގައި މަސް ގަންނަން ވެއްޖެ ނަމަ އެ ހަރަދު ވެސް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަސްވެރިޔާ އަށް ގެއްލުމެއް ނުވާނެ އޮޑިވެރިޔާ އަށް ގެއްލުމެއް ނުވާނެ ގޮތަށް ބަލައިގެން ކިލޯއެއްގެ އަގު 13ރ. ކަނޑައަޅާފައި އޮތީ،" ޒަހާ ވިދާޅުވި އެވެ.

ފެލިވަރުގައި މުޒާހަރާ ކުރި މަސްވެރިން ވަނީ ލުއި ފަސޭހަކޮށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ޑިމާންޑްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޒަހާ ވިދާޅުވީ މަސްވެރިކަމާ ބެހޭ ސަރުކާރުގެ ސިޔާސަތު އިއުލާންކޮށް، ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުގައި ހަތް އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތާއި ގިނަ ދޯނިފަހަރުގައި ވެސް ޕްލާންޓްތައް ބެހެއްޓުމުގެ މަޝްރޫއުތައް ކުރިޔަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑާ އިއްޔެ ވާހަކަ ދެއްކި މަސްވެރިން ވިދާޅުވަނީ [މަޝްރޫއުތައް ނިމޭނެ] ސީދާ ދުވަހެއް ބުނަން. އެއީ ވަރަށް ދަތިކަމެއް. ރީޒަނަބަލް ވާހަކައެއް ނޫން. އެކަމުގައި އޮންނަ މަރުހަލާތައް ނިމޭ ވަރަކުން އެކަން ހިނގާނެ. އަދި އަންނަ އަހަރުގެ ތެރޭގައި ވީހާ ވެސް އަވަހަށް ނިންމާނަން،" ޒަހާ ވިދާޅުވި އެވެ.

ފެން ނުލިބޭ މައްސަލާގައި މަސްވެރިން ކުރަމުން އައި ޝަކުވާތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް މިފްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޭނުން ވަރަކަށް ފެން ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ދޯނިތަކުން ވެސް އެ ހިދުމަތް ބޭނުންވާނެތީ، އެންމެނަށް ލިބޭނެ މިންވަރަށް ހިފެހެއްޓިގެން އުސޫލެއްގެ މަތިން އެކަން ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެލިވަރުގައި މަސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން.---ފޮޓޯ: ޓުވިޓާ

ފެލިވަރުގައި މަސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން.---ފޮޓޯ: ޓުވިޓާ

ފެލިވަރުގައި ކުރި މުޒާހަރާގައި ފަންސަވީހަކަށް މަސްދޯނި ބައިވެރިވި އެވެ. އެ މުޒާހަރާގެ ބައިވެރިއަކު މިއަދު ބުނި ގޮތުގައި ޒަހާއާ ފޯނުން ބައްދަލު ކުރެވޭ ގޮތް ހަމަޖެހުނީ ފުލުހުން މެދުވެރިކޮށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކާ ގުޅޭ ގޮތުން ދެ ދުވަހެއްގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމުގެ ޔަގީންކަން ޒަހާ ދެއްވި ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު ރޭގެ ވަގުތެއްގައި ފުލުހުންގެ އިންޒާރާ އެކު މަސްވެރިން ކުރަމުން އައި އިހުތިޖާޖު ނިންމާލި ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމަ އަގު ނުލިބޭ ކަމަށް ބުނެ މަސްވެރިން އަޑު އުފުލާއިރު، ވަރަށް ފަހަކާ ޖެހެންދެން ވެސް މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ ބާޒާރުގެ އަގަށް ވުރެ ބޮޑުކޮށެވެ. އޭގެ ސަބަބުން ބޭރުގެ މާކެޓުތަކުގައި އެ އަގުގައި މަސް ނުވިކި މިފްކޯ އަށް އޮތީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.