Roadha Mihaaru
އަމިއްލަ ވާހަކަ ކިޔައިދޭ ފިލްމެއް ސްޕީލްބާގް ހަދަނީ

އަމިއްލަ ވާހަކަ ކިޔައިދޭ ފިލްމެއް ސްޓީވެން ސްޕީލްބާގް ހަދަނީ

26 މާޗް 2021

އަމިއްލަ ވާހަކަ ކިޔައިދޭ ފިލްމެއް ޑައިރެކްޓްކުރަން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ވާހަކަ ކިޔައިދޭ ފިލްމެއް ޑައިރެކްޓްކުރަން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ތައްޔާރުވާން ފަށައިފި އެވެ.

ނަމެއް އަދި ހަމަނުޖައްސާ ފިލްމުގެ އެކި ރޯލުތަކަށް މިހާރު އަންނަނީ ކާސްޓުން ހަމަޖައްސަމުންނެވެ. އެގޮތުން ސްޕީލްބާގްގެ އެންމެ ޒުވާން އުމުރުގެ އަރިޒޯނާގެ ފީނިކްސްގައި ދުވަސްތައް ހޭދަކުރި ގޮތުގެ ވާހަކަ އަށް ބިނާކޮށް ކިޔައިދޭ ފިލްމުގައި އޭނާގެ ވަރަށް މަގުބޫލު ބޮޑުބޭބެއެއްގެ ރޯލަށް ސެތު ރޮގެން ނަގާފައިވާ އިރު ސްޕީލްބާގްގެ މަންމަގެ އިންސްޕިރޭޝަނަލް ރޯލަށް ވަނީ މިޝެލް ވިލިއަމްސް ނަގައިފަ އެވެ

އަންނަ އަހަރުގެ ޖުލައި ހިސާބުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްޕީލްބާގާއި ޓޯނީ ކުޝްނާ އެވެ. އެ ދެ މީހުން "މިއުނިކް" އާއި "ލިންކަން" ގައި ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ.

މި އަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒްކުރާ ސްޕީލްބާގްގެ ރޮމޭންޓިކް މިއުޒިކަލް ޑްރާމާ "ދަ ވެސްޓް ސައިޑް ސްޓޯރީ" އަކީ ވެސް ޓޯނީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

ސްޕީލްބާގް، 74، އަކީ ހޮލީވުޑަަށް އައިކޮނިކް އެތައް ފިލްމެއް ގެނެސްދީފައިވާ ވަރަށް މޮޅު އަދި އެހާމެ ކާމިޔާބު ޑައިރެކްޓަރެކެވެ. ދެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "އީޓީ: ދި އެކްސްޓްރާ-ޓެރެސްޓްރިއަލް" އާއި "އިންޑިއާނާ ޖޯންސް" އާއި "ޖުރަސިކް ޕާކް" އާއި "މައިނޯރިޓީ ރިޕޯޓް" އާއި "ކެޗް މި އިފް ޔޫ ކޭން" އާއި "ދަ ޓާމިނަލް" އަދި "ދަ ބީއެފްޖީ" ހިމެނެ އެވެ.

ސްޕީލްބާގް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ރެޑީ ޕްލެޔާ ވަން" އެވެ.