Roadha Mihaaru
"ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި މަނާ

ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި ދެއްކުން މަނާ

09 ޑިސެމްބަރ 2021

މާދަމާ ރިލީޒް ކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ފިލްމު "ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުގައި ދެއްކުން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ ރިލީޒް ކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ފިލްމު "ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުގައި ދެއްކުން މަނާކޮށްފި އެވެ.

އެ ފިލްމުގައި ހިމެނޭ ޓްރާންސްޖެންޑާ ކެރެކްޓާއަކާއި އަދި ޖިންސީ މަންޒަރުތަކާ ހެދި ފިލްމު ދެއްކުމުގެ ފުރުސަތު ގެއްލިފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، އޮމާން، ބަހުރައިން އަދި ކުވައިތު ހިމެނެ އެވެ. މުސްލިމު އާބާދީތައް އޮންނަ މި ގައުމުތަކުގައި ނިވާކަންކުޑަ އަދި ގައިގޯޅި މަންޒަރުތައް ހިމެނޭ ފިލްމުތައް ދެއްކުމުކީ ހުއްދަކުރާ ކަމެއް ނޫނެވެ. އެ ގައުމުތަކަކީ ސެންސަރު ކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ގައުމުތަކެކެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި "ވެސްޓް ސައިޑް ސްޓޯރީ" އަށް ސައުދީ އާއި ކުވައިތުން ދެއްކުމުގެ ހުއްދަ ދޭން ދެކޮޅު ހަދާފައިވާ އިރު، "އާންމު މިންގަނޑަށް ނުފެތޭ" މަންޒަރުތައް ފިލްމުން އުނިކޮށްގެން ދެއްކުމުގެ ހުއްދަ ދޭން، ދެން ހުރި ގައުމުތަކުގައި އެދުމުން އެ ހުއްދަ ވެސް ދީފައެއް ނުވެ އެވެ. މިދިޔަ މަހު ރިލީޒްކުރި ޑިޒްނީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" އަކީ ވެސް މިންގަނޑުތަކަށް ނުފެތޭތީ، މެދުއިރުމަތީގައި ދެއްކުމުގެ ފުރުސަތު ގެއްލުނު ފިލްމެކެވެ.

"ވެސްޓް ސައިޑް ސްޓޯރީ" އަކީ ހަމަ އެ ނަމުގައި 1957 ގައި ގެނެސްދިން ކާމިޔާބު މިއުޒިކަލް ޕްލޭއަށް ބިނާކޮށް ސްޕީލްބާގް ޑައިރެކްޓްކޮށްފައިވާ މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. މީގެ ލީޑް ރޯލު ކުޅެފައި ވަނީ އެންޒެލް އެލްގޯޓް އާއި އާ ބަތަލާއެއް ކަމަށްވާ ރެޗެލް ޒެގްލާ އެވެ.

"ޖުރަސިކް ޕާކް" އާއި "ޝިންޑްލާޒް ލިސްޓް" އާއި "ސޭވިން ޕްރައިވެޓް ރަޔަން" އަދި "މައިނޯރިޓީ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ އެއްޗެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ރެޑީ ޕްލެޔާ ވަން" އެވެ.