Roadha Mihaaru
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ

މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ

25 މާޗް 2021

ރަތް ޕްލެނެޓް އަދި އަހަރެމެންގެ މި ދުނިޔޭގެ އަވަށްޓެރިޔާ، މާސްގެ ބިމުގައި މިހާރު އޮތް އެމެރިކާގެ ހާއްސަ އުޅަނދު ނުވަތަ ރޮބަޓް ޕާސަވިއަރެންސްގެ ދަށުގައި ހިމެނޭ ކަވަރެއް މިދިއަ ހަފުތާގައި ނައްޓާލި އެވެ. ދެން އޮތީ މިހާތަނަށް އެ ކަވަރުން ރައްކާތެރިކަން ގެނެސްދިން ކުޑަކުޑަ ހެލިކޮޕްޓަރު މާސްގެ ބިމަށް ތިރިކޮށް، ޕާސަވިއަރެންސް އެއާ ދުރަށް ޖެހިލުމުގެ ވަގުތުކޮޅެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރަތް ޕްލެނެޓް އަދި އަހަރެމެންގެ މި ދުނިޔޭގެ އަވަށްޓެރިޔާ، މާސްގެ ބިމުގައި މިހާރު އޮތް އެމެރިކާގެ ހާއްސަ އުޅަނދު ނުވަތަ ރޮބަޓް ޕާސަވިއަރެންސްގެ ދަށުގައި ހިމެނޭ ކަވަރެއް މިދިއަ ހަފުތާގައި ނައްޓާލި އެވެ. ދެން އޮތީ މިހާތަނަށް އެ ކަވަރުން ރައްކާތެރިކަން ގެނެސްދިން ކުޑަކުޑަ ހެލިކޮޕްޓަރު މާސްގެ ބިމަށް ތިރިކޮށް، ޕާސަވިއަރެންސް އެއާ ދުރަށް ޖެހިލުމުގެ ވަގުތުކޮޅެވެ.

ނާސާއިން ބުނާ ގޮތުގައި ދުނިޔެއިން ބޭރުގެ ބިމަކަށް މިހާތަނަށް އިންސާނުން ފޮނުވި ފުރަތަމަ ހެލިކޮޕްޓަރު، މާސްގައި އުދުއްސާލާނީ އެޕްރީލް މަހުގެ ފުރަތަމަކޮޅު އެވެ. އެކަމަށްޓަކައި ސައިންސްވެރިން ވަނީ 10 މީޓަރު ދިގު، 10 މީޓަރު ފުޅާ ސަރަހައްދެއް ވެސް ކަނޑައަޅައިފަ އެވެ.

އިންޖެނުއިޓީގެ ނަމުން ނަން ދީފައިވާ ދެ ބުރަފަތި ހިމެނޭ މި ހޮލިކޮޕްޓަރު މާސްގައި އުދުއްސާލުން ވާނީ ދުނިޔޭގައި އެންމެ ފުރަތަމަ މަތިންދާބޯޓެއް ދުއްވި "ރައިޓް ބްރަދާސްގެ މޫވްމަންޓް" އަށް ކަމަށް، ސައިންސްވެރިން ބުނެ އެވެ.

އޯވިލް ރައިޓް އާއި ވިލްބާ ރައިޓް، 1903 ގައި އުދުއްސާލި މަތިންދާބޯޓަކީ، އިންސާނުންގެ ވައިގެ ދަތުރުފަތުރުގެ ފެށުމެވެ. މާސްގައި އިންޖެނުއިޓީ މެދުވެރިކޮށް ނާސާއިން ކުރަން އެ އުޅެނީ "ރައިޓް ބްރަދާސް މޫވްމެންޓް" ކަހަލަ ތާރީހީ ކަމެކެވެ.

ނާސާއިން ވަނީ އެ ދެބެންގެ ހަނދާނުގައި ވަރަށް ހާއްސަ ކަމެއް ވެސް ކޮށްފަ އެވެ. އެގޮތުން އޯވިލް އާއި ވިލްބާ ބޭނުންކުރި މަތިންދާބޯޓުގެ ފިޔަގަނޑުގެ ސްޓޭޕް ސައިޒްގެ ކުޑަކުޑަ އެތިކޮޅެއް، އިންޖެނުއިޓީގައި ހިމެނޭ ސޯލާ ޕެނެލްގެ ދަށުގައި ވަނީ ތަތްކޮށްފަ އެވެ.

ޕާސަވިއަރެންސްގެ ދަށުގައި ހަރުކޮށްފައި އޮތް ހެލިކޮޕްޓަރުގެ ހިމާޔަތަށް ލީ ކަވަރު ނައްޓާލައި، މާސްގެ ބިމަށް ދޫކޮށްލާފައި

ޕާސަވިއަރެންސްގެ ދަށުގައި ހަރުކޮށްފައި އޮތް ހެލިކޮޕްޓަރުގެ ހިމާޔަތަށް ލީ ކަވަރު ނައްޓާލައި، މާސްގެ ބިމަށް ދޫކޮށްލާފައި

ނާސާއިން ބުނި ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު ބިމަށް ތިރިކުރާާނެ އެވެ.

ހެލިކޮޕްޓަރު ދުއްވަން ކަނޑައަޅާފައިވާ ޒޯންގެ ބޮޑު މިނަކީ 90 މީޓަރެވެ. ހެލިކޮޕްޓަރު ބަހައްޓާ 10 މީޓަރު ދިގު އަދި 10 މީޓަރު ފުޅާ ތަންކޮޅު އޮންނަނީ އެ ސަރަހައްދުގެ އެއްކޮޅުގަ އެވެ.

އިންޖިނިއަރުންގެ އަމާޒަކީ މިހާރު "އެއާފީލްޑް"ގެ ނަމުން ނަން ދީފައިވާ ސަރަހައްދުގައި ގާތްގަނޑަކަށް ފަަސް ފަހަރު ހެލިކޮޕްޓަރު އުދުއްސާލުމެވެ. އޭގެ ހުރިހާ ހަރަކާތެއް ޕާސަވިއަރެންސުން ރެކޯޑްކުރަމުން ގެންދާނެ އެވެ.

"އިންޖެނުއިޓީ އުދުއްސާލާ ތަނުގެ ހުރިހާ ކަމެއް އަތުޖެހޭތޯ އަހަރެމެންނަށް ކުރެވެން އޮތް މަސައްކަތެއް ކުރާނަން،" ނާސާގެ އިންޖިނޭރެއް ކަމަށްވާ ފަރަހް އަލިބޭ ވިދާޅުވި އެވެ.

"އަހަރެމެން ފޮޓޯ ނަގާނަން އަދި ވީޑިއޯ ނެގޭތޯ ވެސް އުޅޭނަން."

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ގޮންޖެހުންތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު ހުރަހަކީ ހެލިކޮޕްޓަރާއި ޕާސަވިއަރެންސް ވަގުތު ގުނަނީ ތަފާތު އަދި މިނިވަން ދެ ގަޑިއަކުން ކަމަށް ވުމެވެ. އެހެންކަމުން ފޮޓޯ ނަގާއިރު ދެ އުޅަނދުގެ ގަޑި މަސްހުނިކުރަން ޖެހެ އެވެ.

މާސްގެ ދަށް ވައިގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި އިންޖެނުއިޓީ ހަދާފައިވަނީ އާދަޔާ ހިލާފު ލުއިކޮށެވެ. އެއް މީޓަރުގެ ދިގު ދެ ބުރަފަތީގައި ހިމެނެނީ ކާބަން ފައިބާއިން އުފައްދާފައިވާ ހަތަރު ތިލަ އެވެ. ދެ ބުރަފަތި އެނބުރޭނީ އެކަތި އަނެއްކައްޗާ އިދިކޮޅަށެވެ. މިނިޓަކު 2،400 ފަހަރު އެނބުރޭނެ އެވެ. މިއީ ދުނިޔޭގައި ހެލިކޮޕްޓަރެއްގެ ބުރަފަތި އެނބުރޭ ނިސްބަތަށް ވުރެ އެތައް ގުނަ އިތުރު އަދަދެކެވެ.

އިންޖިނިއަރުން ފުރަތަމަ މަސައްކަތް ކުރާނީ ހެލިކޮޕްޓަރު ގާތްގަނޑަކަށް ތިން މީޓަރުގެ މައްޗަށް ނަގައި، 30 ހަކަށް ސިކުންތު ވަންދެން ވައިގެ ތެރޭގައި ހިފެހެއްޓޭތޯ އެވެ.

"ފުރަތަމަ ތިން އުދުހުން ވަރަށް އާދައިގެ ގޮތަކަށް ގެންދާނީ، އުދުހޭ ސަރަހައްދުން ކުޑަ ތަންކޮޅަކަށް ގޮސް، އެނބުރި އައިސް ޖައްސާ ގޮތަށް،" ނާސާގެ މަރުކަޒުގައި އިނދެގެން ހެލިކޮޕްޓަރު ދުއްވުމުގެ ޒިންމާ އުފުލާ އިސް ޕައިލޮޓް ހާވާޑް ގްރިޕް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ބަރާބަރަށް ހިނގައްޖެ ނަމަ ދެން އަހަރެމެންގެ ގާބިލްކަން އިތުރަށް ބޭނުންކުރަމުން ގެންދާނަން. އެކަމަކު ތަފުސީލުކޮށް އެކަން އަދި ކަނޑައަޅާފައެއް ނުވޭ."