Roadha Mihaaru
މާސްގެ އަޑު އިންސާނާގެ ކަންފަތަށް

މާސްގެ އަޑު އިންސާނާގެ ކަންފަތަށް

20 މާޗް 2021

ބީބީސީގެ ސައިންސް ލިއުންތެރިޔާ ޖޮނަތަން އާމޮސް ސިފަކުރާ ގޮތުން ނަމަ ނާސާގެ އުޅަނދު، ނުވަތަ ރޮބަޓް، ޕާސަވިއަރެންސް އިން ދުނިޔެއަށް އެންމެ ފަހުން ފޮނުވި އަޑަކީ، އޭގެ ޕްލޭލިސްޓަށް އިތުރުވި ބޮޅެކެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ބީބީސީގެ ސައިންސް ލިއުންތެރިޔާ ޖޮނަތަން އާމޮސް ސިފަކުރާ ގޮތުން ނަމަ ނާސާގެ އުޅަނދު، ނުވަތަ ރޮބަޓް، ޕާސަވިއަރެންސް އިން ދުނިޔެއަށް އެންމެ ފަހުން ފޮނުވި އަޑަކީ، އޭގެ ޕްލޭލިސްޓަށް އިތުރުވި ބޮޅެކެވެ.

ފެބްރުއަރީ މަހު މާސްގެ ބިމަށް ތިރިކޮށް ޕާސަވިއަރެންސް އިން ގެންދަނީ އޭގެ ނާޒުކު، އާދަޔާ ހިލާފު ބައިތައް ޓެސްޓްކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފޮނުވީ އޭގެ ހާއްސަ އާލާތަކުން މާސްގެ ހިލަތަކަށް ފޮނުވި ލޭޒާއިން އުފެދުނު އަޑުތަކެވެ. މިއީ ދުނިޔެ ފިޔަވައި އެހެން ބިމެއްގައި އުފެދޭ އަޑުތައް އިންސާނާގެ ކަންފަތާ ހަމައަށް އެހާ ސާފުކޮށް ގެނެސްދިން ފުރަތަމަ ފަހަރެވެ.

މާސްގެ ޕްލޭލިސްޓަށް ދެން އިތުރުކުރީ މާޗު 7 ގައި އެ އުޅަނދު 27 މީޓަރަށް ދުއްވާލި ވަގުތުގެ އަޑުތަކެވެ. އޭގެ ތެރޭގައި އުޅަނދުގެ ފުރޮޅުތައް އަނބުރާ އިރު އުފެދުނު އަޑުތައް ވެސް ހިމެނެ އެވެ.

"އަހަރެން ކާރު ދުއްވަނިކޮށް އެގޮތަށް އަޑެއް އިވިއްޖެ ނަމަ ކާރު ހުއްޓާލާފައި، އެ ހަދަން އަވަހަށް ގުޅާނީ،" އުޅަނދުގެ ކެމެރާތަކާއި މައިކްތަކާ ބެހޭ އިސް އިންޖިނޭރު ޑޭވް ގްރޫލް، މަޖަލަކަށް ހައްދަވާފައި ވިދާޅުވި އެވެ.

އަޑު ރެކޯޑްކުރަން ޕާސަވިއަރެންސްގައި ދެ އާލާތެއް ހަރުކޮށްފައިވެ އެވެ. މީގެ ބޭނުމަކީ މާސްގެ ހަގީގަތް އާންމުންނަށް ވީހާވެސް ބޮޑަކަށް އިހުސާސްކުރެވޭނެ ފުރުސަތު ހޯދައިދިނުމެވެ. އެކަމަކު ސައިންޓިފިކް ގޮތުން ވެސް އޭގެ ބޭނުންހިފެ އެވެ. މިސާލަކަށް އަޑުގެ ތަފާތު ބަދަލުތަކުން މާސްގެ ހިލަތައް ކިހާ ހަރުކަމާއި ކިހާ މަޑުކަން ދެނެގަނެވެ އެވެ.

ދުނިޔެއާ އަޅާބަލާއިރު މާސްގައި އަޑު އުފެދޭ ގޮތް ތަންކޮޅެއް ތަފާތެވެ. އޭގެ ސަބަބަކީ ވައިގެ ޕްރެޝަރު ކުޑަވުމާއި މާސްގެ މައިގަނޑު އެކުވުން ވެސް ތަފާތުވުމެވެ. އެހެންކަމުން ދުނިޔެއަށް ވުރެ އެ ބިމުގައި އުފެދޭ އަޑުތައް މަޑުވާނެ އެވެ. މިސާލަކަށް ޕާސަވިއަރެންސްގެ ފުރޮޅުތަކުން އުފެދޭ އަޑު އަސްލު ގަދަވިޔަސް، އިވެނީ އެއަށް ވުރެ މަޑުކޮށެވެ.

އުޅަނދު ދުއްވުމުގެ ތެރޭގައި އުފެދުނު އަޑުތަކުގެ ތެރެއިން އެއްޗެއް ކޭއްތޭ ފާޑަކަށް އިވޭ އަޑުގެ ހަގީގަތް ހޯދަން ސައިންސްވެރިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއީ އުޅަނދުގައި ހިމެނޭ އިލެކްޓްރޯނިކް ފޮށިތަކުން އުފެދޭ އިލެކްޓްރޯމެގްނެޓިކްގެ ފުށުއެރުންތަކެއް ކަމެއް ނުވަތަ އުޅަނދު ހަރަކާތްކުރާއިރު މާސްގެ ބިމުގައި ޖެހުމުން އުފެދޭ އާންމު އަޑެއްކަމެއް އަދި ވަކިކުރާކަށް ނޭނގެ އެވެ.

މީގެ އެތައް ބިލިއަން އަހަރެއް ކުރިން މާސްގައި ފުން ފެން ކޯރެއް ދެމިގެންގޮސްފައި އޮތް ކަމަށް ބެލެވޭ ޖެޒޭރޯ ވަޅުގަނޑަށް ފެބްރުއަރީ 18 (ރާއްޖެއަށް ފެބްރުއަރީ 19) ގައި ޖެއްސި އުޅަނދުން މިދިއަ ދުވަސްތަކުގައި މައިގަނޑު ގޮތެއްގައި ކުރީ އޭގެ އާލާތްތައް ޓެސްޓްކުރުމުގެ މަސައްކަތެވެ.

މިހާރު ޓެސްޓްނުކުރެވި ވަނީ އޭގެ އެތެރޭގައި ރައްކާކޮށްފައި އޮތް ހެލިކޮޕްޓަރު ނެރެ، އޭގެ އަޖުމަބެލުމެވެ. މިއީ ދުނިޔެއިން ބޭރަށް ހެލިކޮޕްޓަރެއް ފޮނުވި ފުރަތަމަ ފަހަރެވެ. އިންޖެނުއިޓީގެ ނަމުން ނަން ދީފައިވާ ހެލިކޮޕްޓަރު ބަހައްޓާނެ ރައްކާތެރި ސަރަހައްދު ކަނޑައެޅުމުގެ ދިރާސާތައް މިހާރު އަންނަނީ ކުރަމުންނެވެ. ނާސާއިން ބުނާ ގޮތުގައި އެއްވަރަށް އޮތް އަދި އެކަމަށް އެކަށީގެންވާ ތަނެއް ވަނީ ހޯދައިފަ އެވެ.

ނާސާ އިން މާސްއަށް ފޮނުވި ހެލިކޮޕްޓަރު، އިންޖެނުއިޓީ ދައްކައިދޭ ކުރެހުމެއް: މިއީ ދުނިޔެއިން ބޭރުގެ ބިމަކަށް އިންސާނުން ފޮނުވި އުދުހޭ ފުރަތަމަ އުޅަނދު

ނާސާ އިން މާސްއަށް ފޮނުވި ހެލިކޮޕްޓަރު، އިންޖެނުއިޓީ ދައްކައިދޭ ކުރެހުމެއް: މިއީ ދުނިޔެއިން ބޭރުގެ ބިމަކަށް އިންސާނުން ފޮނުވި އުދުހޭ ފުރަތަމަ އުޅަނދު

ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ހާއްސަ ޓީމަށް ކަނޑައެޅީ 30 މާސް ދުވަސް (ދުނިޔޭގައި ނަމަ 31) ދުވަހެވެ. މި މުއްދަތުގައި ފަސް ފަހަރަށް އެ އުދުއްސާލަން ވަނީ ރާވައިފަ އެވެ. މިކަން ކާމިޔާބުވެއްޖެ ނަމަ މާސްގެ ބިންގަނޑުގެ އާދަޔާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ލިބުމުގެ ފުރުސަތު ބޮޑެވެ.

ޕާސަވިއަރެންސްގެ އަސްލު މަސައްކަތް ފަށާނީ އޭގެ ފަހުންނެވެ. މިދިއަ އަހަރުގެ ޖުލައި މަހު ދުނިޔެއިން އުދުއްސާލި، ހަ ފުރޮޅު ލީ އަދި 2.7 ބިލިއަން ޑޮލަރުގެ އުޅަނދުގެ ބޭނުމަކީ އެއްވެސް އިރެއްގައި މާސްގައި ދިރުމެއް އެކުލެވުނުތޯ ބެލުމެވެ. ޖެޒޭރޯ ވަޅުގަނޑު ހާއްސަވަނީ ފެނަކީ ދިރުންތަކުގެ މައިގަނޑު ބައި ކަމަށް ވުމުން، އެއްވެސް ޒަމާނެއްގައި ކިތައްމެ ކުޑަ ނަމަވެސް ދިރުމެއް މާސް ބިމުގައި ލެއްވި ނަމަ، އޭގެ އަސަރުތައް އެ ހިސާބުގެ ފަސްގަނޑުގައި ރައްކާކުރެވިފައި ހުރެދާނެތީ އެވެ.

ޕާސަވިއަރެންސްގެ އާލާތްތަކުން ބިމާއި ހިލަތައް ތޮރުފައިގެން ނަގާ ސާމްޕަލްތައް ކުދިކުދި ޓިއުބުތަކަށް ލައި، ބިމަށް ދޫކޮށްލާނެ އެވެ. އެ އެއްޗެހި ބަލާ އެހެން އުޅަނދެއް ފޮނުވަން ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ( އީސާ) އިން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އެ އުޅަނދު އުދުއްސާލެވޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. އަދި ޓިއުބުތައް ހިފައިގެން ދުނިޔެއަށް އާދެވޭނީ، މިހާރު ލަފާކުރާ ގޮތުން ނަމަ، 2031ގަ އެވެ.