Roadha Mihaaru
ބްރެޒިލްގައި ކޯޗުން ވަކިކުރެވޭނެ އުސޫލެއް ކަނޑައަޅައިފި

ބްރެޒިލްގެ ކްލަބްތަކުން ކޯޗުން ވަކިކުރެވޭނެ އުސޫލެއް ކަނޑައަޅައިފި

27 މާޗް 2021

ސައޮޕައޮލޯ (މާޗް 27) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ކޯޗުން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ ރަނގަޅު އުސޫލެއް އެ ގައުމުގެ ފުޓްބޯޅަ ފެެޑެރޭޝަން (ސީބީއެފް) އިން ކަނޑައަޅައިފި އެވެ.

ސައޮޕައޮލޯ (މާޗް 27) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ކޯޗުން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ ރަނގަޅު އުސޫލެއް އެ ގައުމުގެ ފުޓްބޯޅަ ފެެޑެރޭޝަން (ސީބީއެފް) އިން ކަނޑައަޅައިފި އެވެ.

އެގޮތުން ސީބީއެފް އިން ނިންމާފައިވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކަށް ސީޒަނަކު ވަކިކުރެވޭނީ ދެ ކޯޗުން ކަމަށެވެ. މިހާރު މި ގަވާއިދު ވަނީ ސީބީއެފްގެ ހިންގާ ކޮމިޓީ މެމްބަރުންގެ ފުރިހަމަ ތާއީދާ އެކު ރަސްމީކޮށް އެޕްރޫވްކޮށްފަ އެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހު 29 ވަނަ ދުވަހު ބްރެޒިލްގެ އާ ފުޓްބޯޅަ ސީޒަން ފަށާއިރު އެވެ.

ސީބީއެފްގެ ރައީސް ރޮޖެރިއޯ ކަބޮކްލޯ ވިދާޅުވީ މިއީ ކޯޗުންގެ ވަޒީފާގެ މުސްތަގުބަލަށްޓަަކައި ނިންމި މުހިއްމު ނިންމުމެއް ކަމަށާއި މީގެ ސަބަބުން މި ޕްރޮފެޝަންގައި ކުރިއަށްދާން ތިބި މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ފުޓްބޯޅަ ކޯޗުންގެ ވަޒީފާ އަކީ މިއުޒިކަލް ޗެއާސް އަށް ވެގެން ނުވާނެ. މިއީ މުސްތަގުބަލެއް އޮތް ޕްރޮފެޝަން އަކަށް ހަދަން ޖެހޭތީ އެ އަށް ވިސްނާފައި ގެނައި ބަދަލެއް،" ރޮޖެރިއޯ ވިދާޅުވި އެވެ.

އެ އުސޫލުގައިވާ ގޮތުން ޓީމަކުން ދެ ވަނަ ކޯޗަކު ވަކިކުރި ނަމަވެސް ދެން އެ ޓީމުގެ ޒިންމާއާ ހަވާލުވާން ޖެހޭނީ އެ ވަގުތު ޓީމުގައި މަސައްކަތްކުރަމުން އަންނަ ކޯޗިން ސްޓާފެއް ކަމަށާއި އޭނާ މަދުވެގެން ހަ މަސް ދުވަހު އެ މަގާމުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ބްރެޒިލް ފުޓްބޯޅައިގެ ދިރާސާތައް ކުރާ އެކި ފަރާތްތަކުން ތައްޔާރުކުރި ރިޕޯޓެއްގައިވާގޮތުން ފުޓްބޯޅަ ކޯޗުން ވަކިކުރުމުގެ ނިސްބަތް އެންމެ ގިނައީ ބްރެޒިލްގަ އެވެ. އެ ގޮތުން 2003 ވަނަ އަހަރުން ފެށިގެން 2018ގެ ނިޔަލަށް ބްރެޒިލްގެ 20 ޓީމު ވާދަކުރާ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ސީޒަނެއްގައި ކޯޗުން ވަކިކުރުމުގެ ނިސްބަތް އުޅެނީ އެވްރެޖްކޮށް ބަލާނަމަ 37.1 ގަ އެވެ. އެ ލިސްޓުގެ ދެ ވަނައިގައި އޮތީ ސްޕެއިން އެވެ. އަދި ތިން ވަނައިގައި އޮތީ އާޖެންޓީނާ އެވެ.

މިދިޔަ ސީޒަނުގައި ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް ބޮޓަފޯގޯ އިން ވަނީ ހަތަރު ފަހަރަށް ކޯޗުން ބަދަލުކޮށްފަ އެވެ. އެކަމަކު ވެސް އެ ޓީމު ވަނީ ރެލިގޭޓްވެފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ބްރެޒިލްގެ ގަދަ ބާރުތައް ކަމަށްވާ ސައޮ ޕައޮލޯ އާއި ސަންޓޯސް އިން ވަނީ އާ ކޯޗުން ހަމަޖައްސައިފަ އެވެ. އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ހާނަން ކްރެސްޕޯ ވަނީ ސައޮ ޕައޮލޯއާ ހަވާލުވެފަ އެވެ. އަދި ސަންޓޯސް އިން ވަނީ އާޖެންޓީނާގެ ކްލަބްތަކުގައި މަސައްކަތްކުރި އަރިއެލް ހޮލާން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.