Roadha Mihaaru
ބޭލް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ވިސްނަނީ

ބޭލް ސޯޝަލް މީޑިއާ ބޮއިކޮޓްކުރަން ވިސްނަނީ

30 މާޗް 2021

ކާޑިފް (މާޗް 30) - ނަސްލީ ތަފާތު ކުރުމުގެ (ރޭސިޒަމް) މައްސަލަތަކާއި ބުލީކުރުން އާންމުވެފައިވާތީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ދުރަށްދާން ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީ ނިންމި ގޮތަށް ވޭލްސްގެ ތަރި ގަރެތު ބޭލް ވެސް އަމަލުކުރަން ޖެހިދާނެ ކަމަށް ބުނެފި އެވެ.

ކާޑިފް (މާޗް 30) - ނަސްލީ ތަފާތު ކުރުމުގެ (ރޭސިޒަމް) މައްސަލަތަކާއި ބުލީކުރުން އާންމުވެފައިވާތީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ދުރަށްދާން ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީ ނިންމި ގޮތަށް ވޭލްސްގެ ތަރި ގަރެތު ބޭލް ވެސް އަމަލުކުރަން ޖެހިދާނެ ކަމަށް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މެކްސިކޯ އަތުން 1-0 އިން ވޭލްސް މޮޅުވި މެޗަށް ފަހު ސޯޝަލް މިޑިއާގައި ވަނީ ވޭލްސްގެ ދެ ކުޅުންތެރިން ކަމަށްވާ ބެން ކަބަންގޯ އާއި ރާބީ މަޓޮންޑޯ އަށް އިންސްޓަގްރާމްގައި ނަސްލީ ގޮތުން ދިމާކޮށްފަ އެވެ.

ބޭލް ބުނީ އަތުގުޅާލައިގެން އެންމެން ކުރާ މަސައްކަތެއްގައި ނަތީޖާ ފެންނާނެ ކަމަށާއި ނުފޫޒުގަދަ ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ހިނގާ މި ކަހަލަ ކަންތައްތަކާ ދެކޮޅަށް ކަމެއް ކުރަންޖެހޭ ކަމަށެވެ.

"މިކަން ކުރަންވީ އެއް މީހެއް ނޫނީ ދެ މީހުންނެއް ނޫން. ނުފޫޒުގަދަ އެންމެން އެކައްޗެއް ކިޔައިގެން މިކަން ކޮށްފިނަމަ އަހަރެމެންނަށް މީގެ ފައިދާބޮޑު. އަހަރެން މި ހުރީ ގިނަ ބަޔަކު ކުރާ މި ފަދަ ކަމެއް (ސޯޝަލް މީޑިއާ ބޮއިކޮޓް ކުރުން) ގައި ބައިވެރިވާން ތައްޔާރަށް،" ބޭލް ބުންޏެވެ. "ކުޅިވަރުގައި ވިޔަސް އެހެން ކަމެއްގައި ވިޔަސް ނުފޫޒުގަދަ މީހުން އެބަޖެހޭ ބަސްބުނަން. އެންމެން އެކުވެގެން ކުރާ ރަނގަޅު ކޮންމެ މަސައްކަތެއްގައި ބައިވެރިވާނަން،"

ބޭލް ބުނީ މިހާތަނަށް އައިއިރު ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކެމްޕެއިންތައް ކުރިއަށްގެންދިޔަ ނަމަވެސް ބޭނުންވާ ނަތީޖާ ނުފެންނަނީ މީގެ ކޮންމެވެސް ދިމާލަކުން ބައެއް ކަންކަން ފުރިހަމަނުވެ ހުންނާތީ ކަމަށާއި އެކަންކަން ވީ އެންމެ އަވަހަށް ދެނެގަތުން މުހިއްމު ކަމަށެވެ.

ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުވާ ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކާއި ބުލީކުރުން އެންމެ އާންމުވެފައިވަނީ ޓްވިޓާގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމްގަ އެވެ. މެޗުތަކަށް ފަހު ކުޅުންތެރިންނާ ދިމާކުރާ ގިނަ ސަޕޯޓަރުންތަކަކަށް ފަހަކަށް އައިސް އަންނަނީ އަދަބު ދެމުންނެވެ. އިންސްޓަގްރާމް އިން ދާދި ފަހުން ބުނީ ރޭސިޒަމް އެޓޭކްތައް ހުއްޓުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފޭކް އެކައުންޓައް ގިނަވުން ކަމަށެވެ.