Roadha Mihaaru
އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟

އުމުރުން 33 އަހަރުގައި ބޭލް ރިޓަޔާ ކުރީ ކީއްވެ؟

10 ޖެނުއަރީ 2023

ކާޑިފް (ޖެނުއަރީ 10) - ބަދަލުވަމުން އަންނަ ފުޓްބޯޅައިގައި، 33 އަހަރަކީ ކުޅުންތެރިޔެއްގެ އެންމެ ރަން ދުވަސްވަރެވެ. އެކަމަކު އެ އުމުރުގައި، ވޭލްސްގެ ގެރެތު ބޭލް އިއްޔެ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކާޑިފް (ޖެނުއަރީ 10) - ބަދަލުވަމުން އަންނަ ފުޓްބޯޅައިގައި، 33 އަހަރަކީ ކުޅުންތެރިޔެއްގެ އެންމެ ރަން ދުވަސްވަރެވެ. އެކަމަކު އެ އުމުރުގައި، ވޭލްސްގެ ގެރެތު ބޭލް އިއްޔެ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ.

ވޭލްސް 1954 އަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ މިހާ ޒުވާން އިރު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ފަހަކަށް އައިސް ކްލަބް ފުޓްބޯޅައިގައި އޭނާ އަށް އެންމެ އެކަށީގެންވާ ފުރުސަތު ނުލިބޭތީ އެވެ. އަނިޔާ އާއި ފިޓްނަސް މައްސަލަ ކުރިމަތިވުމުން ގިނަ މެޗުތަކުގައި އޭނާ ހުންނަން ޖެހެނީ ބެންޗުގަ އެވެ.

ރެއާލް މެޑްރިޑްގައި ދުނިޔޭގެ އެންމެ ކޮމްބިނޭޝަން ރަނގަޅު ފޯވާޑްލައިންގެ ގޮތުގައި މަޝްހޫރުވި "ބީބީސީ" ގެ އެއް ތަނބަކަށްވީ ބޭލް އެވެ. ގިނަ ބަޔަކު ޖާދޫ ޖެއްސި މި ފޯވާޑްލައިންގެ ހިއްސާ އާއެކު ރެއާލުން ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.

އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޑޮލަރަށް ރެއާލްއިން ގެނައި ބޭލް އަށް އެ ކްލަބްގައި ފަހު ތިން ސީޒަންގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ޒައިނުއްދީން ޒިދާން އާއި ކާލޯ އަންޗެލޮއްޓީގެ ކޯޗު ކަމުގައި ވެސް ބޭލް އަށް ފުރުސަތު ލިބެނީ ގިނަ މެޗުތަކުގައި ބެންޗުންްނެވެ. އެކަމަކު ބެންޗުން އަރައި ބައެއް މެޗުތަކުގައި ނަތީޖާ ބަދަލުކޮށްލަ އެވެ.

ޗެމްޕިއަންސް ލީގު ފައިނަލު މެޗުގައި ބޭލް ބައިސްކަލް ކިކަކުން ބޯޅަ ފޮނުވާލަނީ: އެ ލަނޑު ހިމެނެނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި އެންމެ މޮޅު ލަނޑު ލިސްޓްގައި

ޗެމްޕިއަންސް ލީގު ފައިނަލު މެޗުގައި ބޭލް ބައިސްކަލް ކިކަކުން ބޯޅަ ފޮނުވާލަނީ: އެ ލަނޑު ހިމެނެނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި އެންމެ މޮޅު ލަނޑު ލިސްޓްގައި

އެގޮތުން ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ދެ ލަނޑު ބޭލް ޖެހި އެވެ. އޭގެ ތެރޭގައި ބައިސްކަލް ކިކަކުން އޭނާ ޖެހި ލަނޑަކީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ޖެހި އެންމެ މޮޅު ލަނޑުގެ ތެރޭގައި ހިމެނޭ އެއް ގޯލެވެ. އެހެން ބައެއް މެޗުތަކުގައި އޭނާ ކުޅެން އަރުވައގެން ގެންނަ ބަދަލަކުން ވެސް މާ ބޮޑު އަސަރެއް ނުގެނެވެ އެވެ.

ރެއާލްގައި ޒިދާންގެ ފަހު އަހަރު ލޯން އުސޫލުން ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ބޭލް ދޫކޮށްލި އެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގަށް ފަހު ރެއާލްގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ބަދަލުވީ އެމެރިކާގެ ލޮސް އެންޖަލިސް އެފްސީ އަށެވެ.

އެ ކްލަބަށް މިދިޔަ އަހަރު ޖޫންގައި ބަދަލުވި ނަމަވެސް އޭނާ އަށް ގިނައިން ފުރުސަތު ލިބުނީ ބެންޗުންނެވެ. އަނިޔާ އާއި ފިޓްނަސް މައްސަލަތަކާ ހެދި އޭނާ އަށް ކުރީގެ ޖާދޫ ނުދެއްކުނެވެ. ސްޕެނިޝް ކަޕުގެ ފައިނަލުގައި ވާދަވެރި ބާސެލޯނާ އާ ދެކޮޅަށް ރެއާލްގެ ލަނޑު، ބޭލް ޖެހީ އޭނާގެ އާދަޔާ ހިލާފް ހަލުވި ސްޕީޑް ބޭނުންކޮށްގެންނެވެ. އޭރު އެންމެ ސްޕީޑް ބާރު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވި ބޭލް ފަހުން ފެނުނީ ބަރުހެލި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ސްޕެނިޝް ކަޕުގެ ފައިނަލުގައި ބޭލް ބާސާ އާ ދެކޮޅަށް ކުޅުނު މެޗުގައި: އެ މެޗުގައި އާދަޔާ ހިލާފް ސްޕީޑް ބޭނުން ކޮށްގެން

ސްޕެނިޝް ކަޕުގެ ފައިނަލުގައި ބޭލް ބާސާ އާ ދެކޮޅަށް ކުޅުނު މެޗުގައި: އެ މެޗުގައި އާދަޔާ ހިލާފް ސްޕީޑް ބޭނުން ކޮށްގެން

ހުސް ވަގުތު ހޭދަ ކުރަން އޭނާ އެންމެ ގިނައިން ކުރާ ކަމަކީ ގޮލްފް ކުޅުމެވެ. އޭނާ އަށް އެއް ދުވަހު އަނިޔާ ވުމުން ހަފުތާ މެދުތެރެއިން ރެއާލް އިން ކުޅުނު މެޗުގައި އޭނާ އަށް ރެސްޓް ދިނީ އަނިޔާއިން ރިކަވާވުމަށް ވަގުތު ހޭދަ ކުރުމަށެވެ. އެކަމަކު އެ ހަފުތާގައި ވެސް އޭނާ ގޮލްފް ކުޅެން ދިއުމުން ރެއާލަގެ އޭރުގެ ކޯޗު ޒިދާން އެކަމާ ހިތްހަމަނުޖެހޭކަން ވެސް ފާޅުކުރި އެވެ.

އިންޓަނޭޝަނަލް ބްރޭކްގައި ވޭލްސް ކުޅުނު މެޗަކަށް ފަހު ބޭލް ހިފަހައްޓައިގެން ވޭލްސްގެ ކުލަތައް ހިމެނޭ ފޮތިގަނޑެއްގައި ލިޔެފައިވާ އިބާރާތްތަކުން ރެއާލްގެ ސަޕޯޓަރުން އޭނާ ދެކެ ވަރަށް ރުޅި އައެވެ. "ވޭލްސް، ގޮލްފް، މެޑްރިޑް - އެ ތަރުތީބުން" ފޮތިގަނޑުގައި ލިޔެފައިވެ އެވެ. އޭގެ ފަހުން މެޑްރިޑްގައި ބޭލް ކުޅުނު މެޗުތަކުގައި ރެއާލްގެ ސަޕޯޓަރުން ދަނޑުގައި ތިބެ ވެސް އޭނާ އަށް މަލާމާތް ކުރެ އެވެ.