Roadha Mihaaru
ސިނޮފާމްގެ ވެކްސިންގެ 100،000 ޑޯޒް ގެނެސްފި

ސިނޮފާމްގެ ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެސްފި

31 މާޗް 2021

ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރާ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒާއި ސިއްހީ ސާމާނު ރޭ ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރާ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒާއި ސިއްހީ ސާމާނު ރޭ ރާއްޖެ ގެނެސްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޮފާމް ވެކްސިން އަދި ބައެއް ސިއްހީ ސާމާނު ގެނައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައި ޗައިނާގެ ވެރިރަށް، ބެއިޖިން އިން ކަމަށެވެ.

ވެކްސިން ކެމްޕެއިން ކުރިއަށްގެންދަން ޗައިނާ އިން ދިން އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ޗައިނާ އިން ވަނީ، ރާއްޖެ އަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފަ އެވެ. މި ބުރު ގެނައި ޑޯޒާއެކު، އެ ގައުމުން ދޭން ހަމަޖެއްސި ޑޯޒުތައް ހަމަވީ އެވެ.

އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުއްދަދީފަ އެވެ.

ސިނޮފާމްގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވެ އެވެ. ނަމަވެސް ރާއްޖޭގައި މި ވަގުތު ޖަހާފައިވަނީ ކޮވިޝީލްޑް އަދި ސިނޮފާމް ވެކްސިނެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ އެކެއްގަ އެވެ. އޭގެ ފަހުން، މިހާތަނަށް 235،682 މީހުންނަށް ވެކްސިން ދީފައި ވެ އެވެ.