Roadha Mihaaru
އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ގެންދަނީ

އައްޑު އަށް އަނެއްކާވެސް އިތުރު ޖަނެރޭޓަރުތަކެއް ގެންދަނީ

02 އެޕްރީލް 2021

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަނެއްކާވެސް ޖަނަރޭޓަރުތަކެއް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަނެއްކާވެސް ޖަނަރޭޓަރުތަކެއް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ވެސް އިތުރު ޖަނެރޭޓަރުތަކެއް އައްޑު އަށް ގެންދާއިރު، ކޮންމެ ސަރުކާރަކުން ވެސް އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ދުވަހަކު ވެސް ދާއިމީ ހައްލެއް އެއްވެސް ބަޔަކަށް ހޯދައެއް ނުދެވެ އެވެ.

އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާގެ ނިޒާމު ނިންމައި ފެނަކައާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އައްޑު އަކީ މި ވަގުތު ކަރަންޓުގެ ހާލަތު ރާއްޖޭގައި އެންމެ ނާޒުކުގައި އޮތް ތަން ކަމަށެވެ. އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހައްލު ހޯދަން ސަރުކާރާއި ފެނަކަ ގުޅިގެން ހުއްޓުމެއް ނެތި މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު ވެސް އައްޑު އަށް ތިން މެގަވޮޓްގެ ޖަނަރޭޓް ސެޓްތަކެއް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދެ އެވެ. އެއީ މި މަހުގެ 13 ގައި ފަށާ ރޯދަމަހާއެކު އައްޑޫގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ގެންނަ ގެންނަ ހައްލެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"މިހާރު ގެނައުމުގެ މަގުމަތީގައި ވަނީ ތިން މެގަވޮޓްގެ ޖެނެރޭޝަން ސެޓްތަކެއް. އެ އެއްޗެހި ވަރަށް އަވަހަށް އަންނާނެ. އެއާއެކު އިންސްޓޯލްކޮށް ބޭނުންކުރެވެން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

"އެ އެއްޗެހި މިހާރު ވަނީ އައްޑު އަށް ގެނައުމަށް ކަނޑުމަތީގައި."

ސައީދު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އައްޑޫގައި ޒަމާނީ އިންޖީނުގެއެއް އިމާރާތްކޮށް، އެ ސިޓީގެ ކަރަންޓުގެ ނެޓްވޯކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށެވެ.

"އެކަމުގެ ޔަގީންކަން ދެން،" މި މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށްދާ ދުވަސްވަރެއްގައި އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.

އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ އެންމެ ބޮޑު މައްސަލަ އަކީ ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދި، މިހާރު ބޭނުން ކުރާ ޖަނަރޭޓްތަކަށް ލޯޑް ބޮޑުވެ، ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމެވެ. އެެއީ މިހާތަނަށް ހައްލު ނުކުރެވި އޮތް އައްޑޫގެ އެންމެ ބޮޑު އެއް މައްސަލަ އެވެ. ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދު އަކީ ކަރަންޓު ކެނޑޭ މައްސަލަ އެންމެ ބޮޑު އަވަށްތަކެވެ.