Roadha Mihaaru
278 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް

ހުޅުމާލޭގައި 278 ހައުސިން ޔުނިޓު އަޅަން ޗައިނާގެ އެމްސީސީއާ ހަވާލުކޮށްފި

14 ނޮވެމްބަރ 2016

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ 278 ފްލެޓް އަޅަން ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް (އެމްސީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ 278 ފްލެޓް އަޅަން ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް (އެމްސީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާގެ އިތުރުން އެމްސީސީ ގްރޫޕުގެ ނައިބު ރައީސެވެ.

ދުބާއީގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުނި ސީ ލައިފް އިން ހުޅުމާލޭގައި އިމާރާތްކުރާ 3،000 ފްލެޓްގެ ބިންގާ އަޅާފައި ވަނީ އޭޕްރީލް 2، 2014ގަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ، ހައުސިން ޑިވެލޮޕްމެންޓުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސީ ލައިފްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވަނީ.

ސީ ލައިފްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވަނީ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެންނެއް ނޫން ލަސްވެގެން މިދިޔައީ. ޕްރޮޖެކްޓް ކުރިއަަށް ގެންދާނެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފައި ނެތީ،" ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ ވިދާޅުވި އެވެ.

މެދު ފަންތި އާއި މަތީ ފަންތީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށަން ސައިޓަށް މިހާރު ވަނީ ސާމާނު ޖަމާކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިން ފިޔަވައްސަކަށް ބަހާލާފައިވާ މި މަޝްރޫއުގައި ފުރަތަމަ އިމާރާތް ކުރަން ހަމަޖައްސާފައި ވަނީ 1،000 ހައުސިން ޔުނިޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކޮރަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.

ސީ ލައިފް ކުންފުނިން ބުނިގޮތުގައި 2018 ގެ ކުރިން ހައުސިން ޔުނިޓްތައް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. އެ މަޝްރޫއުގައި އަަޅާ ގިނަ ހައުސިން ޔުނިޓްތައް މިހާރު ވެސް ވަނީ ބުކްކޮށްފަ އެވެ.

ސީލައިފުން އަޅާ މި ފްލެޓުތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ވިއްކަނީ 1.9 މިލިޔަން ރުފިޔާ އަށް ދެ ކޮޓަރީގެ ފްލެޓެވެ. އަދި ތިން ކޮޓަރީގެ ފްލެޓުގެ އަގު 1.9- 2.6 މިލިޔަން ރުފިޔާގައި އުޅޭއިރު ހަތަރު ކޮޓަރީގެ ފްލެޓްގެ އަގު އުޅެނީ 2.8-3.3 މިލިޔަން ރުފިޔާގަ އެވެ.