Roadha Mihaaru
އެއްބަސްވުން އޮތީ އެގްޒެކިއުޓާސްއަށް ފައިދާވާ ގޮތަށް

ވެންޓިލޭޓަރުގެ އެއްބަސްވުން އޮތީ ކުންފުންޏަށް ފައިދާވާ ގޮތަށް

04 އެޕްރީލް 2021

ރާއްޖެ އަށް 74 ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އެ ވެންޓިލޭޓަރުތައް ފޮނުވަން ޖެހެނީ ޖުމުލަ އަގަށް ވާ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް 74 ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އެ ވެންޓިލޭޓަރުތައް ފޮނުވަން ޖެހެނީ ޖުމުލަ އަގަށް ވާ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން ހެދި އެއްބަސްވުމުގައި އެ މިނިސްޓްރީން ސޮއިކުރީ އެ ކުންފުނިން ތައްޔާރުކުރި ދެލިކޮޕީއާ އެއްގޮތަށް، އެއަށް އެއްވެސް ބަދަލެެއް ނުގެނެހެވެ. އެހެންވެ މުޅި އެއްބަސްވުން އޮތީ އެގްޒެކިއުޓާސް އަށް ފައިދާވާ ގޮތަށެވެ. އޭގައިވާ ގޮތުން އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ އެއްބަސްވި އަގުގެ 75 ޕަސެންޓް އެގްޒެކިއުޓާސްއަށް ދައްކާ ގޮތަށެވެ. އެއަށް ފަހު ރާއްޖެ އަށް ފޮނުވަން ޝިޕްކުރުމަށް ފަހު، ޝިޕިން ކޯޑް ދޭން ޖެހެނީ އަނެއް 25 ޕަސެންޓް ވެސް ދެއްކުމުންނެވެ.

ވެންޓިލޭޓަރު ގެނެސްދޭން ދުބާއީގެ ކުންފުނިން އެއްބަސްވި އަގުގެ 75 ޕަސެންޓަށް ވާ ފައިސާގެ އިތުރުން އަނެއް 25 ޕަސެންޓްގެ ތެރެއިން 15 ޕަސެންޓް ވެސް ސަރުކާރުން ވަނީ އެ ކުންފުންޏަށް ދީފަ އެވެ. އެގޮތުން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ސަރުކާރުން ދެއްކި އެވެ. އެގްޒެކިއުޓާސްއަށް މިހާރު ނުލިބި އޮތީ ވެންޓިލޭޓަރުތަކުގެ ޖުމުލަ އަގަށް ވާ 34 މިލިޔަން ރުފިޔާގެ ތެރެއިން އެންމެ 10 ޕަސެންޓެވެ.

އެ ކުންފުނިން މިހާތަނަށް ފޮނުވީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރުގައި ސާމާނު މަދެވެ.

އެއްބަސްވުން އޮތް ގޮތުން އެ ކުންފުނިން ރާއްޖެ އަށް ވެންޓިލޭޓަރުތައް ފޮނުވަން ޖެހޭނީ މުޅި އަގު އެއްކޮށް ދެއްކުމުންނެވެ. އެކަމަކު، މިއީ ފައިސާގެ މިހާ ބޮޑު މުއާމަލާތެއްގައި އާންމުކޮށް ކަން ކުރާ އުސޫލެއް ނޫން ކަމަށް، ވިޔަފާރީގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިދިޔަ ބުދަ ދުވަހު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ލަފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސާފުކޮށް ބުނެފައި އޮތީ އާބިޓްރޭޝަން ކުރިއަށް ގެންދަން ޖެހޭނީ ރާއްޖޭގެ އާބިޓްރޭޝަން ގާނޫނުގެ ދަށުން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރެއްގައި ކަމަށެވެ.

ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސްއާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ތުހުމަތުކުރި އެވެ. އެ ރިޕޯޓު ނެރުމުން ސަރުކާރުން ވަނީ އެ ތުހުމަތުތައް ބަލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފަ އެވެ. އެހެންވެ، ކުރީގެ ހެލްތު މިނިސްްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ދެކޮޅަށް ދައުވާކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފަހުން ހުށަހެޅި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވީ އެކަމުގައި އެއްވެސް މީހަކާ ދެކޮޅަށް ދައުވާ ނުކުރާށެވެ. އޭނާ އެގޮތަށް ނިންމެވީ ކުށެއް ސާބިތުވާ ވަރުގެ ހެކި ނެތުމުން ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެތައް ބައެއްގެ ފިއްތުންތަކާ ހެދި އަނެއްކާ ވެސް އޭނާ ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން ނިންމަވައިފަ އެވެ.