Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ

09 ފެބުރުއަރީ 2021

ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ އަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށްޓަކައި، އެ މައްސަލަ އަލުން މުރާޖައާ ކުރަން ބޭނުންވާ ލިޔެކިޔުންތައް ދީފައި ނުވާތީ، އެންޓިކޮރަޕްޝަން (އޭސީސީ) އާއި ފުލުހުންގެ ވެރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ އަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށްޓަކައި، އެ މައްސަލަ އަލުން މުރާޖައާ ކުރަން ބޭނުންވާ ލިޔެކިޔުންތައް ދީފައި ނުވާތީ، އެންޓިކޮރަޕްޝަން (އޭސީސީ) އާއި ފުލުހުންގެ ވެރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްްގެން ރާއްޖެ އަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް އަދިވެސް ނުލިބެ އެވެ.

ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކުރުމުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސްް ޕީޖީ ހުސައިން ޝަމީމް ނިންމެވީ އެ ބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.

އެގޮތަށް ނިންމެވުމުން މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލަށް އެންގީ އެ މައްސަލައާ ގުޅޭ ގޮތުން އެހެން މުއައްސަސާތަކުގައި ހުރި މައުލޫމާތުތައް އެއްކޮށް، މައްސަލަ އަލުން މުރާޖައާ ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތު ހޯއްދައްވަން އޭސީސީ އާއި ފުލުހުންގެ އިދާރާގައި ޕީޖީ ޝަމީމް ލިޔުމުން އެދިވަޑައިގެންނެވި ނަަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތު ލިބިވަޑައިނުގެންނެވި ކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އަނެއްކާވެސް ޖުޑިޝަރީ ކޮމިޓީގައި އެެދެނީ މި މުއައްސަސާތަކާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ފުލުހުންގެ ކޮމިޝަނަރާއި މި ދެބޭފުޅުންގެ ގާތުގައި އަނެއްކާވެސް އައްސަވައިގެން ސާފުކުރައްވަން، އެ ބޭފުޅުން އެ މައުލޫމާތު ސިއްރު ކުރައްވައި، ޕްރޮސެކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށްޓަކައިތޯ ސާފުކުރަން،" ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ މިނިސްޓަރު އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބޭފުޅުންނަށް ވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕީޖީން ކުރިން ބުނުމުން އޭސީސީން އޭރު އެ ކަމަށް ރައްދު ދީ ބުނީ ހެކި އެބަހުރި ކަމަށެވެ.

އެހެންވީމާ އަޅުގަނޑު އަނެއްކާވެސް ޖުޑިޝަރި ކޮމިޓީގައި އެެދެނީ މި މުއައްސަސާތަކާއި އެއީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ފުލުހުންގެ ކޮމިޝަނަރާއި މި ދެބޭފުޅުންގެ ގާތުގައި އަނެއްކާވެސް އައްސަވައިގެން ސާފުކުރައްވަން، އެ ބޭފުޅުން އެ މައުލޫމާތު ސިއްރުކުރައްވައި، ޕްރޮސެކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށް ޓަކައިތޯ ސާފުކުރަން-- ނަޝީދު

ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އޭސީސީން އޭރު ނެރުނު ބަޔާނުގައި ބުންޏެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފުރަތަމަ ތުހުމަތު ކުރެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ. އޮޑިޓް އޮފީހުން އެ މައްސަލަ ބެލީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ކުރާ މަސައްކަތުގައި ކުރާ ހަރަދު އޮޑިޓްކުރުމަށް މަޖިލީހުން އެންގި އެންގުމަކާ ގުޅިގެންނެވެ.