Roadha Mihaaru
ޕްރިންސް ހަމްޒާގެ މައްޗަށް ޝާހީ ބަޣާވާތެއްގެ ތުހުމަތު

ޕްރިންސް ހަމްޒާގެ މައްޗަށް ޝާހީ ބަޣާވާތެއް ކުރަން އުޅުއްވިކަމުގެ ތުހުމަތު

05 އެޕްރީލް 2021

އައްމާން (އެޕްރީލް 5) - ޖޯޑަންގެ ކުރީގެ ވަލީ އަހުދު ޕްރިންސް ހަމްޒާ ބިން ހުސައިންގެ މައްޗަށް ޝާހީ ބަޣާވާތެއް ކުރަން އުޅުއްވިކަމުގެ ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އައްމާން (އެޕްރީލް 5) - ޖޯޑަންގެ ކުރީގެ ވަލީ އަހުދު ޕްރިންސް ހަމްޒާ ބިން ހުސައިންގެ މައްޗަށް ޝާހީ ބަޣާވާތެއް ކުރަން އުޅުއްވިކަމުގެ ތުހުމަތުކޮށްފި އެވެ.

"ސަލާމަތީ ސަބަބުތަކަކަށްޓަކައި" ކަމަށް ބުނެ ހައްޔަރު ކިންގް ހުސައިން އާއި އެމެރިކާ އަށް އުފަން ކުއީން ނޫރުގެ ދަރިކަލުން ޕްރިންސް ހަމްޒާ މިހާރު ހުންނެވީ ގޭބަންދުގަ އެވެ.

ޖޯޑަންގެ ބޮޑުވަޒީރުގެ ނައިބް އައިމަން ސަފާދީ ވިދާޅުވީ ގަބީލާތަކުގެ ލީޑަރުންނާ ގުޅިގެން ޕްރިންސް ހަމްޒާ އުޅުއްވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ގޭބަންދުގައި ހުންނަވައިގެން ޕްރިންސް ހަމްޒާ ނެރުއްވި ވީޑިއޯއެއްގައި ވަނީ ބޭބޭފުޅު އަބްދުﷲ ރަސްގެފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޕްރިންސް ހަމްޒާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަނާއި ނާގާބިލް ކަމާއި މުވައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އޭނާ ނޫން ކަމަށެވެ.

ބޮޑުވަޒީރުގެ ނައިބް ވިދާޅުވީ ޕްރިންސް ހަމްޒާ އުޅުއްވަނީ އެ ވީޑިއޯ ބޭނުންކޮށްގެން އެހެން މީހުންގެ ހަމްދަރުދީ ހޯއްދަވަން ކަމަށެވެ. ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމުގެ ހަމަޖެހުން ނަގާލަން ޕްރިންސް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ޕްރިންސް ހަމްޒާގެ އަމަލުތަކަށް ފާރަލާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރިންސް ހަމްޒާގެ އިތުރުން 16 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އަދި ރަސްގެފާން ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށްވާ ބައްސާމް އަވާދަﷲ އާއި ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޝާރިފް ހަސަން ބިން ޒައިދު ހިމެނެ އެވެ.

ޕްރިންސް ހަމްޒާ އަކީ ކާކު؟

ޕްރިންސް ހަމްޒާ، 41، އަކީ ހުސައިން ރަސްގެފާން އާއި އެމެރިކާ އަނބިކަނބަލުން ކުއީން ނޫރުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ހަމްޒާ އަކީ ޔޫކޭގެ ހެރޯ ސްކޫލް އަދި ބްރިޓިޝް ރޯޔަލް މިލިޓަރީ އެކަޑަމީގެ ގްރެޖުއޭޓެކެވެ. އޭނާ ވަނީ އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ވެސް ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި ޖޯޑަންގެ އަސްކަރިއްޔާގައި ވެސް ވަނީ ޚިދުމަތް ކުރައްވައިފަ އެވެ.

ޕްރިންސް ހަމްޒާ އާއި މަންމާފުޅު ކުއީން ނޫރް، ޖޯޑަން އާއި ލުބުނާން އޮގަސްޓް 14، 1999 ގައި ކުޅުނު ބާސްކެޓް މެޗެއް ބައްލަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ޕްރިންސް ހަމްޒާ އާއި މަންމާފުޅު ކުއީން ނޫރް، ޖޯޑަން އާއި ލުބުނާން އޮގަސްޓް 14، 1999 ގައި ކުޅުނު ބާސްކެޓް މެޗެއް ބައްލަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ޖޯޑަންގެ ވަލީ އަހުދުގެ މަގާމު ޕްރިންސް ހަމްޒާ އަށް ދެއްވީ 1999 ވަނަ އަހަރު އެވެ. އެއީ ހުސައިން ރަސްގެފާން އެންމެ ލޯބިފުޅު ދަރިކަލުން ކަމަށްވެ އެވެ. ރަސްގެފާން ހުސައިން ސިފަ ކުރައްވާފައިވާ ގޮތުގައި ޕްރިންސް ހަމްޒާ އަކީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" އެވެ. ހަމްޒާގެ އަތުން ވަލީ އަހުދުކަން ނެގީ 2004 ވަނަ އަހަރު އެވެ. މިއީ ކުއީން ނޫރް ވަރަށް ހިތްޕުޅާހަމަނުޖެހުނު ކަމަކަށްވި އެވެ. ސަބަބަކީ އެކަމަނާ އުއްމީދުކޮށްގެން ހުންނެވީ ދޮށީ ދަރިކަލުންނަށް ރަސްކަން ލިބޭނެ ކަމަށެވެ.

ފެބްރުއަރީ 1999 ގައި ހުސައިން ރަސްގެފާން އަވަހާރަވުމުން ރަސްކަން ލިބިވަޑައިގެންނެވީ އަބްދުﷲ އަށެވެ. ބައްޕާފުޅުގެ ވަސިއްޔަތާ އެއްގޮތަށް އަބްދުﷲ ރަސްގެފާން ވަނީ ވަލީ އަހުދުގެ މަގާމަށް ޕްރިންސް ހަމްޒާ ހަމަޖައްސަވައިފަ އެވެ. އޭގެ ފަސް އަހަރު ފަހުން 2004 ގައި ޕްރިންސް ހަމްޒާގެ އަތުން ވަނީ ވަލީ އަހުދުކަން ނަގައި، އަބްދުﷲ ރަސްގެފާންގެ ދޮށީ ދަރިކަލުން ހުސައިން، ޖުލައި 2، 2009 ގައި އެ މަގާމަށް ހަމަޖައްސައިފަ އެވެ. އޭގެ ފަހުން ހަމްޒާ ވަނީ ޝާހީ ވެރިކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ.