Roadha Mihaaru
ޖޯޑްންގެ ވަލީ އަހުދުގެ ކާވެނި މިއަދު

ޖޯޑްންގެ ވަލީ އަހުދުގެ ކާވެނި މިއަދު

01 ޖޫން 2023

ޖޯޑްންގެ ވަލީ އަހުދުގެ އަލަތު ކާވެނި މިއަދު މެންދުރު ފަހު އޮންނާތީ، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ރެއިން ފެށިގެން ހިނގަމުން އެބަދެ އެވެ.

ޖޯޑްންގެ ވަލީ އަހުދުގެ އަލަތު ކާވެނި މިއަދު މެންދުރު ފަހު އޮންނާތީ، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ރެއިން ފެށިގެން ހިނގަމުން އެބަދެ އެވެ.

ޖޯޑްންގެ ވަލީ އަހުދު އަމީރު ހުސައިން ބިން އަބްދުﷲ ދޭއް، ކާވެނި ބައްލަވައިގަންނަވަނީ ސައޫދީ އަރަބިއްޔާގެ ވިޔަފާރި އާއިލާއެއްގެ އާކިޓެކްޓެއް ކަމަށްވާ ރަޖްވާ ބިންތި ޚާލިދު ބިން މުސާޢިދު އާލް ސައިފް (ރަޖްވާ އާލް ސައިފް)އާ އެވެ. ރަޖްވާ އާއި އަމީރު ހުސައިން އެންގޭޖްވެވަޑައިގަތީ އޮގަސްޓް 17، 2022 ގައި ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި، ރަޖްވާގެ އާއިލާ ދިރިއުޅޭ ގޭގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދެ ބޭފުޅުންގެ އެންގޭޖްމެންޓް ހަފްލާގައި ޖޯޑްގެ ރަސްގެފާނު އަބްދުﷲ ދޭއް އާއި އަނބިކަނބަލުން ރާނީ ރާނިޔާގެ އިތުރުން ޖޯޑްންގެ ޝާހީ އާއިލާގެ ދޮށީ އުމުރުގެ ގިނަ އަމީރުން ބައިވެރިވެވަޑައިގަތެވެ. އަދި ރަޖްވާގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ވެސް ބައިވެރިވި އެވެ.

ދެ ބޭފުޅުންގެ ކާވެނީގެ ފުރަތަމަ ރަސްމިއްޔާތެއްގެ ގޮތުން އަންހެން ކުއްޖާގެ ގައިގައި ހީނާފަތް އެޅުމުގެ ހަފްލާ ބޭއްވީ މިދިޔަ ހަފުތާގައި ޖޯޑްންގެ ވެރިރަށް އަންމާންގަ އެވެ. މި ހަފްލާ އިންތިޒާމު ކުރެއްވީ، އަމީރް ހުސައިންގެ މަންމާފުޅު ރާނީ ރާނިޔާ އެވެ.

އަމީރް ހުސައިން އަކީ ރަސްގެފާނު އަބްދުﷲ އާއި ރާނީ ރާނިޔާގެ އަލަތު ދަރިކަލުންނެވެ. ޖޫން 28، 1994 ގައި އުފަންވެވަޑައިގަންނެވި އަމީރް ހުސައިން އަށް އެ ގައުމުގެ ވަލީ އަހުދުކަން ދެއްވީ، އޭނާގެ އުމުރުފުޅުން 15 އަހަރުގައި 2009 ވަނަ އަހަރު އެވެ. އެމެރިކާގެ ޖޯޖްޓައުން ޔުނިވަސިޓީން، ދުނިޔޭގެ ތާރީޚުގެ ރޮނގުން 2016 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، އޭނާ ވަނީ 2017 ވަނަ އަހަރު ބްރިޓިޝް މިލިޓަރީ ކޮލެޖުން ވެސް ދަސްވެނިވެފަ އެވެ.

އެޕްރީލް 28، 1994 ގައި ރިޔާޒަށް އުފަންވެވަޑައިގެންނެވި ރަޖްވާ އަކީ، އާލް ސައިފް އިންޖިނިއަރިން ކޮންޓްރެކްޓިން ކޮމްޕެނީގެ ވެރިޔާ ޚާލިދު އާލް ސައިފް އާއި، ސައޫދީ އަރަބިއްޔާގެ މަޝްހޫރު ސުދައިރީ ޚާންދާންގެ ބޭފުޅެއް ކަމަށްވާ އައްޒާ ބިންތި ނާއިފްގެ ދަރިކަނބަލުންނެވެ. އަރަބި ބަހުގެ އިތުރުން ފަރަންސޭސި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާ އެކު މުއާމަލާތު ކުރައްވާ ރަޖްވާ، އާކިޓެކްޓިން ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ނިއު ޔޯކްގައި ހުންނަ ސިރަކޯސް ޔުނިވަސިޓީން 2017 ވަނަ އަހަރު އެވެ.

ޝާހީ އާއިލާގެ ކާވެންޏާ ގުޅޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު، ދެ ގައުމުގެ އާންމުންގެ ގިނަ ބަޔަކު އަންނަނީ، އެ ދެ ބޭފުޅުންނަށް ތަހުނިޔާ ކިޔައި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.