Roadha Mihaaru
ގްރީން ތިން ވަނަ އަށް، ގްރާންޑޭ އަށް ދެ ރަތް ކާޑު

ނުވަ މީހުންނާ އެކު ކުޅުނު ގްރާންޑޭ ބަލިކޮށް ގްރީން ތިން ވަނަ އަށް

06 އެޕްރީލް 2021

ނުވަ މީހުންނާ އެކު ކުޅުނު ދަ ގްރާންޑޭ އަތުން 2-0 އިން އިއްޔެ ރޭ މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ތިން ވަނަ އަށް ކްލަބު ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.

ނުވަ މީހުންނާ އެކު ކުޅުނު ދަ ގްރާންޑޭ އަތުން 2-0 އިން އިއްޔެ ރޭ މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ތިން ވަނަ އަށް ކްލަބު ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގްރާންޑޭގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެހެންކަމުން، މި މެޗުގައި އެ ޓީމަށް ގިނަ އުނދަގޫތަކާ ކުރިމަތިވި އެވެ.

މި މެޗުން މޮޅުވެ، ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ 17 ޕޮއިންޓާ އެކު އެވެ. މި މެޗުން މޮޅުވެގެން، ދެވަނަ އަށް އެރުމުގެ ފުރުސަތު އޮތް ގްރާންޑޭ މިހާރު އޮތީ 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މެޗުގައި ގްރާންޑޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އަހުމަދު ވިޖުދާން (ވިޖޫ) އަށް 12 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކީ ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ގްރީން ސްޓްރީޓްސް އަށް މެޗުގެ 32 ވަނަ މިނިޓުގައި ލީޑު ހޯދައިދިިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފަޔަށް ހެޔޮވަރުކޮށްލުމަށް ފަހު، އޭނާ އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ގްރާންޑޭގެ އަލީ އިފާޒަށް ރެފްރީ ހުސެއިން ޒަރީރު ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މި ރަތް ކާޑާ އެކު ގްރާންޑޭގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިފާޒަށް ރަތް ކާޑު ދެއްކީ ރެފްރީގެ ނިންމުމަކާ ގުޅިގެން ގްރާންޑޭގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރިއިރު، ރެފްރީއާ ދިމާލަށް އޭނާ ބުނި އެއްޗެއްގެ ސަބަބުންނެވެ. ގްރާންޑޭގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ގްރީނަށް ލިބުނު ހިލޭޖެހުމެއް، އެ ޓީމުގެ ކުޅުންތެރިން ތައްޔާރުނުވަނީސް ގްރީންގެ އަބްދުﷲ ޔާމީން (ޔާނު) ގޯލާ ދިމާލަށް ފޮނުވާލުމުންނެވެ. ހިލޭޖެހުމަށް ތައްޔާރުވުމުގެ ކުރިން، ރެފްރީ ކަށިގަނޑަށް އިޝާރާތްކުރުމުން، ގްރާންޑޭގެ ކުޅުންތެރިން ތިބީ އަވަސްކޮށް ހިލޭޖެހުން ޖަހާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ.

މެޗުގެ 79 ވަނަ މިނިޓުގައި ގްރީންގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ރިޝްވާން (ފުކޭ) އެވެ. ފުކޭ ފޮނުވާލި ބާރު ޝޮޓު ގޯލު ތެރެއަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މި ލަނޑު ޖެހުމުގެ ކުރިން، ގްރީން ސްޓްރީޓްސްގެ ނުރައްކާތެރި ހަމަލާތަކެއް ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ ދިފާއުކޮށްފަ އެވެ.

ނުވަ މީހުންނާ އެކު ވެސް، ގްރާންޑޭ އިން ދެވަނަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު އެ ޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.