Roadha Mihaaru
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން

މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން ކުރި އަށް

16 ނޮވެމްބަރ 2016

އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ކޮބައިތޯ އަހައިފި ނަމަ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަށީގެން ވަނީ ދެ މީހަކަށް އެއް ޖަވާބަކަށް އެއްބަސްނުވެވުމެވެ. ޝައުގުވެރިކަން ކަފިވުމުގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނައީ އެންޑްރޮއިޑް ފޯނެވެ. މާނަ އަކީ އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް އެންޑްރޮއިޑް ވުން ހެއްޔެވެ؟ ފަހަރެއްގައި ނުވެދާނެ އެވެ. މާކެޓް ހިއްސާ އެންޑްރޮއިޑަށް ވުރެ އައިއޯއެސް ކުޑަ ނަމަވެސް، އެންޑްރޮއިޑަށް ވުރެ އައިއޯއެސް ހަރުދަނާ ކަމަށް ބުނާ މީހުން ވަކި މަދެއް ނޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ މެދުގައި އޮތް ވާދަވެރިކަން ހަމައަކަށް އަޅުވަން ސެމްސަންގް ވެސް ބޭނުންވެ އެވެ. ވާދަވެރިކަން ނައްތާލަން ވިސްނާއިރު ސެމްސަންގް ވެސް ނިކުންނަން ޖެހެނީ އޮޕަރޭޓިން ސިސްޓަމަކާ އެކު އެވެ. ޓައިޒަން ޕްރޮޖެކްޓް ފެށޭ ހިސާބަކީ މިއީ އެވެ.

ސްމާޓްފޯން މާކެޓްގައި ވާނުވާ ދެނެތިބި މީހުންނަށް އެނގޭނެ ކަމެއް ބުނެދޭނަމެވެ. ސެމްސަންގުން ޓައިޒަން ފޯނު އުފައްދާ މިންވަރު އިތުރުކުރަމުން އަންނަ ކަމެވެ. ޓައިޒަން އަކީ ވެސް، އެންޑްރޮއިޑް އަދި އައިއޯއެސް ފަދައިން، ގިނަ ބަޔަކު ރުހޭ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް ހަދަން ސެމްސަންގް ބޭނުންވެ އެވެ.

މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ވާދަވެރި މާކެޓަށް ނެރޭ ނަމަ، ވާދަކުރެވޭ މިންވަރަށް ބޭނުންކުރާ މީހުން ތިބެން ޖެހެ އެވެ. ފުދި ބާކީވާ ވަރަށް އެޕްލިކޭޝަން ހުންނަން ޖެހެ އެވެ. އެ އޮޕަރޭޓިން ސިސްޓަމަކަށް ޚާއްސަ އެޕް ސްޓޯރެއް ހުންނަން ޖެހެ އެވެ.

ނޮކިއާ، ބްލެކްބެރީ އަދި މައިކްރޮސޮފްޓަށް ވެސް ނުވެފައި އޮތް ކަމަކީ އެއީ އެވެ. ބޭނުން ވަރަށް އެޕްލިކޭޝަން ލިޔެދޭނެ ޑިވެލޮޕަރުން ނުވުމެވެ. އަދި ޚާއްސަކޮށް މަޝްހޫރު ގިނަ އެޕްލިކޭޝަންތައް، އެ އޮޕަރޭޓިން ސިސްޓަމްތަކަށް ނެތުމެވެ.

ޓައިޒަން އަށް ބޭނުންވާ އެޕްލިކޭޝަން އުފެއްދުމަށްޓަކައި ސެމްސަންގުން ޕްރޮޖެކްޓެއް ހިންގަން ފަށަނީ އެވެ. ކަނޑައަޅާ ކެޓަގަރީތަކުން އެންމެ މޮޅު އެޕްލިކޭޝަނަކަށް 10،000 ޑޮލަރު ލިބޭ ގޮތަށެވެ.

އަންނަ އަހަރު ފެބްރުއަރީން ފެށިގެން އޮކްޓޯބަރުގެ ނިއަލަށް ސެމްސަންގުން އެ ޕްރޮގްރާމް ހިންގާނެ އެވެ. ކޮންމެ މަހަކު ހޮވާލެވޭ 100 އެޕްލިކޭޝަނަކަށް، ކޮންމެ އެޕްލިކޭޝަނަކަށް 10،000 ޑޮލަރު ދޭނެ އެވެ. އެއީ މަހަކު އެއް މިލިއަން ޑޮަލަރެވެ. މުޅި ޖުމުލަ ނުވަ މިލިއަން ޑޮލަރެވެ.

ބައެއް މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި އެ ޕްރޮގްރާމުގައި އާރުލުން ވެސް އެކަށީގެންވެ އެވެ. ތާކުންތާކު ނުޖެހި ފެއިލްވުން ވެސް އެކަށީގެން ވެ އެވެ. އެ މީހުން ދައްކާ މިސާލަކީ އެޕްލިކޭޝަން އުފައްދަން މައިކްރޮސޮފްޓުން ކުރި މަސައްކަތްތަކެވެ. ފައިސާ ދީގެން ވެސް އެޕްލިކޭޝަން އުފައްދާނެ ބަޔަކު ނުވި ވާހަކަ އެވެ.

ސްމާޓްފޯން މާކެޓްގައި ސެމްސަންގާ މައިކްރޮސޮފްޓް ހާސްބައި ތަފާތެވެ. ސެމްސަންގަކީ ސްމާޓްފޯނަށް ބޭނުންވާ ހުރިހާ އާލާތްތަކެއް އަމިއްލަ އަށް އުފައްދާ ކުންފުންޏެކެވެ. ސްމާޓްފޯން މާކެޓްގައި ބާރުގަދަ ކުންފުންޏެކެވެ. ފަންނުވެރިކަން ވެސް ހުރި ކުންފުންޏެވެ.