Roadha Mihaaru
ކޮޕް26 ފަސްކުރަން ގްރެޓާ ތަންބާގް ގޮވާލައިފި

ކޮޕް26 ފަސްކުރަން ގްރެޓާ ތަންބާގް ގޮވާލައިފި

12 އެޕްރީލް 2021

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަޝްވަރާކުރަން ދުނިޔޭގެ ލީޑަރުން އެއްތަންވާ ތިމާވެށީގެ ބޮޑު ބައްދަލުވުން ކަމަށްވާ ކޮޕް ސަމިޓްގެ މި އަހަރުގެ ބައްދަލުވުން ކޮޕް26 ފަސްކުރަން ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަމްބާގް ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަޝްވަރާކުރަން ދުނިޔޭގެ ލީޑަރުން އެއްތަންވާ ތިމާވެށީގެ ބޮޑު ބައްދަލުވުން ކަމަށްވާ ކޮޕް ސަމިޓްގެ މި އަހަރުގެ ބައްދަލުވުން ކޮޕް26 ފަސްކުރަން ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަމްބާގް ގޮވާލައިފި އެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި ސަމިޓްގައި ބައިވެރިވެ "ހައު ޑެއާ ޔޫ" އޭ ބުނެ ލީޑަަރުން ލަދުގަންނަވާލައިގެން ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑްންގެ ގްރެޓާ، 18، ބީބީސީ އަށް ދިން އިންޓަބިއުއެއްގައި ބުނީ އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ސަމިޓްގައި އޭނާ މި ފަހަރު ބައިވެރި ނުވާނެ ކަމަށެވެ.

ގްރެޓާ ބުނި ގޮތުގައި ދުނިޔެ މި ވަގުތު އޮތީ ކޮވިޑް-19އާ ހެދި ކޮޕް ސަމިޓް ކަހަލަ ބޮޑު ބައްދަލުވުމެއް އެންމެން އެއްތަންވެގެން ބޭއްވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ މި އަހަރުގެ ކޮޕް26 ފަސްކުރުން ކަމަށް ބުންޏެވެ.

އެ ސަމިޓް މި އަހަރުގެ ނޮވެމްބަރު މަހުގެ 1-12 އަށް ބާއްވަން ތާވަލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ގްލަސްގޯގަ އެވެ.

ގްރެޓާ ބުނި ގޮތުގައި އެ ސަމިޓް ބޭއްވުމުގެ އިންތިޒާމުތައް އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދަންވީ ކޮވިޑްގެ ވެކްސިން ދުނިޔޭގެ ގައުމުތަކުގައި ޖެހޭ މިންވަރަށް ބަލައި، އެކަމުގެ ސަބަބުން ލިބޭ ރައްކާތެރި ކަމަށް ބަލައިގެންނެވެ.

"އެހެން ނޫން ނަމަ އަހަރެން ދެކޭ ގޮތުގައި މި އަހަރުގެ ސަމިޓް ފަސްކުރަން ޖެހޭނެ،" ގްރެޓާ ބުންޏެވެ.

ކޮޕް ސަމިޓް މިދިޔަ އަހަރު ވެސް ނުބޭއްވުނީ ކޮވިޑްގެ ބޮޑު ބަލިމަޑުކަމާ ހެދި އެވެ. އަދި މިހާރު ވެސް ގައުމުތަކުގައި ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވެ އެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) އަކީ 1994 ގައި އދ. ގެ ފްރޭމްވޯކް ކޮންވެޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގައި ސޮއިކޮށްފައިވާ ގައުމުތަކުން ބައިވެރިވާ ސަމިޓެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ އަކީ ވެސް ވަރަށް ނަގާކިޔާ ގައުމެކެވެ.

ކޮޕް25 ސްޕެއިންގެ މެޑްރިޑްގައ ބޭއްވީ 2019 ގަ އެވެ.