Roadha Mihaaru
މޫސުމީ ގެއްލުމުގެބަދަލަށް އެހީ ނުދޭތީ ރައީސްގެ ނުރުހުން

މޫސުމީ ބަދަލުގެ ގެއްލުން ބޮޑު ގައުމުތަކަށް ވައުދުވި ފައިސާ ނުދޭތީ ރައީސް ފާޑުވިދާޅުވެއްޖެ

01 ނޮވެމްބަރ 2021

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް، ރާއްޖެ ފަދަ ނާޒުކު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ބޮޑެތި ގައުމުތަކުން 2015 ވަނަ އަހަރު އެއްބަސްވި ނަމަވެސް، މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް، ރާއްޖެ ފަދަ ނާޒުކު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ބޮޑެތި ގައުމުތަކުން 2015 ވަނަ އަހަރު އެއްބަސްވި ނަމަވެސް، މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްކޮށް ހުންނަވައި ބޭއްވި އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26"ގެ ވޯލްޑް ލީޑަސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިކަން ހޯދެން އޮތީ ހުރިހާ ގައުމުތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކުން މިހާރަށް ވުރެ ވެސް ބޮޑަށް އަމާޒުތަކެއް ކަނޑައަޅާއި "ނެޓް ޒީރޯ" އަށް ވާސިލުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ފުއްދުންތެރިކަން ނެތް ކުދި ގައުމުތަކަށް ބޮޑެތި ގައުމުތަކުގެ އެހީ ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމައެކަނި އެއްބަސްވާ ކަމަކުން ނުފުދޭ،" 2015 ގެ ޕެރިސް އެގްރީމަންޓަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ގައުމުތަކުން ސޮއިކުރި އެންމެ މުހިންމު މުއާހަދާ ކަމަށްވާ ޕެރިސް އެގްރީމެންޓާ އެއްގޮތަށް ގައުމުތަކުން އަމަލުކުރަމުން ނާންނަ ކަމަށާއި އެ އެއްބަސްވުމުގައި ހުރި ކަންކަން ހާސިލުވުމާ ގާތަށް ވެސް ނުދާތީ މާޔޫސްވެވަޑައިގެންފައިވާ ކަމަށެވެ.

އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26"ގެ ވޯލްޑް ލީޑަސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26"ގެ ވޯލްޑް ލީޑަސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެބަޖެހޭ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުދި ގައުމުތަކަށް ދޭން އެއްބަސްވި ފައިސާ ދޭތޯ ކަށަވަރުކުރެވޭނެ އުސޫލެއް ވެސް ހަދަން،" ރައިސް ވިދާޅުވި އެވެ.

ރައީސް މި ކޮންފަރެންސަށް ވަޑައިގެން، މިރޭ ތަގުރީރުކުރެއްވީ ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކިޔައިދިނުމުގައި 1992 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އިސް ދައުރެއް އަދާކުރަމުން އައި ނަމަވެސް ރާއްޖޭގެ ރައީސަކު މި ސަމިޓަށް ވަޑައިނުގަންނަވާތާ 12 އަހަރު ފަހުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި ކަމަށާއި މިދިޔަ މަހު ރާއްޖޭގެ ހަ ރަށަކަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ ހުރިހާ ރަށަކަށް ވެސް ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިކަން ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުގެ ގައުމުގެ ރައްޔިތުން އުޅެން ޖެހިފައިވާ ދަތި، ބިރުވެރި ހާލަތު،" ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސް އިން 2 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިއްޖެ ނަމަ އެއީ ދިވެހިންނާއި ރާއްޖެ އަށް އިއްވޭ "މަރުގެ ހުކުމެއް"ކަމުގައި ވެސް ރައީސް ސިފަކުރެއްވި އެވެ. ރައީސް ވަނީ މިކަންތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްފި ނަމަ، މި ގަރުނު ނިމޭއިރު، ރާއްޖެ ނޯންނާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެންވެ، ހުރިހާ ގައުމުގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ.

ގިނަ ގައުމުތަކެއް ބައިވެރިވެގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން "ކޮޕް26" ކޮންފަރެންސް ކުރިއަށް ގެންދާނީ މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ރައީސްއާ އެކު ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންގެ ވަފުދެއް އަންނަނީ ބައިވެރިވަމުންނެވެ. މި ވަފުދުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ތިމާވެއްޓާ ބެހޭ ހާއްސަ މަންދޫބު ސަބްރާ ނޫރައްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.