Roadha Mihaaru
ނޫރާ: ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް

ނޫރާ: ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް

12 އެޕްރީލް 2021

ސްޕޭސް މިޝަންތަކުގައި މި ފަހުން ޔޫއޭއީ އިން އަންނަނީ ބޮޑެތި ކާމިތާބީތައް ހޯދަމުންނެވެ. މި މަސައްކަތުގެ ތެރެއިން، މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ ގައުމުން މި ފަހަރު މި ތައާރަފުކޮށް ދެނީ ގައުމުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އެއީ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓްގެ ޝަރަފު ވެސް ހޯދާ ނޫރާ އަލް-މަތުރޫޝީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭސް މިޝަންތަކުގައި މި ފަހުން ޔޫއޭއީ އިން އަންނަނީ ބޮޑެތި ކާމިތާބީތައް ހޯދަމުންނެވެ. މި މަސައްކަތުގެ ތެރެއިން، މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ ގައުމުން މި ފަހަރު މި ތައާރަފުކޮށް ދެނީ ގައުމުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އެއީ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓްގެ ޝަރަފު ވެސް ހޯދާ ނޫރާ އަލް-މަތުރޫޝީ އެވެ.

ޔޫއޭއީގެ އެސްޓްރޮނޯޓުންގެ ފައުޖަށް ނޫރާއާ އެކު އިތުރު ފިރިހެން އެެސްޓްރޮނޯޓަކު ވެސް އިތުރުވާ ވާހަކަ އެ ގައުމުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ޓްވިޓާގައި އާންމުކުރައްވާފައިވެ އެވެ.

ނޫރާއާ އެކު މުހައްމަދު ބިން ރާޝިދު (އެމްބީއާރް) ސްޕޭސް ސެންޓަ އެސްޓްރޮނޯޓް ޕްރޮގްރާމަށް ނަގާފައި ވަނީ މުހައްމަދު އަލް-މުއްލާ އެވެ. އެ ދެ މީހުންނަކީ ޕްރޮގްރާމަށް އެޕްލައިކުރި 4،000 މީހުންގެ ތެރެއިން ހޮވުނު ދެ މީހުންނެވެ. ޔޫއޭއީ އިން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޖައްވީ މިޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ދެ މީހުން ވެސް ތަމްރީނު ހަދާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގަ އެވެ.

"ނޫރާ އަކީ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް. ކާމިޔާބީ އަށް މަރުހަބާ ވެސް ކިޔަން." ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.

މި ލިބުނު ފުރުސަތާ ގުޅިގެން ނޫރާ، 28، ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ ގައުމުން އޭނާ އަށް ފަހިކޮށް ދިނީ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ފަދަ އަގުހުރި ފުރުސަތެއް ކަމަށެވެ.

"މި ތާރީހީ ފުރުސަތަކާ އެކު ބުރަކޮށް މަސައްކަތްކޮށް ކާމިޔާބިއާ ހަމައަށް ވާސިލުވާން މަސައްކަތްކުރާނަން. އަދި މިފަދަ ފުރުސަތެއް ލިބުމަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް،" ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔުނިވަސިޓީން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާ އިން ބެޗްލާޒް ޑިގްރީ ހާސިލުކޮށްފައިވާ ނޫރާ ބުންޏެވެ. "ޔޫއޭއީގެ އެސްޓްރޮނޯޓް ޕްރޮގްރާމްގެ ދުރު ވިސްނޭ ލީޑަޝިޕަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން."

އެމްބީއާރް ސްޕޭސް ޕްރޮގްރާމް އިން ފުރުސަތު ލިބުނު އިރު ނޫރާ މަސައްކަތްކުރަމުން ދިޔައީ ނެޝަނަލް ޕެޓްރޯލިއަމް ކޮންސްޓްރަކްޝަން ކޮމްޕެނީގެ އިންޖިނިއަރެއްގެ ގޮތުގަ އެވެ.

ނޫރާއާ އެކު ފުރުސަތު ލިބުނު މުހައްމަދު، 33، އަކީ ކޮމާޝަލް ޕައިލެޓެކެވެ. އެސްޓްރޮނޯޓަކަށްވުމުގެ ފުރުސަތު ލިބުނު އިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ދުބާއީ ފުލުހުންގެ ޕައިލެޓެއްގެ ގޮތުގަ އެވެ.