Roadha Mihaaru
އެމެރިކާގެ އެސްޓްރޮނޯޓަކު ވޯޓް ލީ ޖައްވުން

އެމެރިކާގެ އެސްޓްރޮނޯޓަކު ވޯޓް ލީ ޖައްވުން

26 އޮކްޓޯބަރ 2020

އެމެރިކާގެ ރިއާސީ އިންތިހާބުގެ ވޯޓް އެ ގައުމުގެ އެސްޓްރޮނޯޓަކު ޖައްވުގައި އޮވެގެން ލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރިއާސީ އިންތިހާބުގެ ވޯޓް އެ ގައުމުގެ އެސްޓްރޮނޯޓަކު ޖައްވުގައި އޮވެގެން ލައިފި އެވެ.

އިންޓަނޭޝަނަލް ސްޕޭސް އެޖެންސީ (އައިއެސްއެސް) ގައި އޮވެގެން ވޯޓްލީ ނާސާގެ އަންހެން އެސްޓްރޮނޯޓް ކޭޓް ރުބިންސް، 42، އެވެ. ދުނިޔެއާ 200 މޭލު ދުރުގައި ހުރެގެން ވޯޓްލީ ވާހަކަ އޭނާ ވަނީ ޓްވިޓާގައި ހުކުރު ދުވަހު ހިއްސާކޮށްފަ އެވެ.

މިއީ ޖައްވުގައި ކޭޓް ވޯޓްލީ ފުރަތަމަ ފަހަރެއް ވެސް ނޫން ކަމެވެ. އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މިހާރު ވާދަކުރައްވާ ޑޮނަލްޑް ޓްރަމް ވެރިކަމަށް ވަޑައިގެންނެވި 2016 ގެ އިންތިހާބު ވެސް ދިމާވީ ކޭޓް ޖައްވީ މިޝަނެއްގައި އައިއެސްއެސްގައި އުޅެނިކޮށެވެ. އެހެންވެ އެ ފަހަރު ވެސް އޭނާ ވޯޓްލީ އެތަނުގައި އޮވެގެންވެ.

ކޭޓާއި ރަޝިއާގެ ދެ ފަޅުވެރިއަކު އައިއެސްއެސް އަށް ދިޔައީ މި މަހުގެ ކުރީކޮޅު އެވެ. މި ދަތުރަކީ ކްއަންޓަމް ސެންސާގައި "ލޭޒާ-ކޫލްޑް އެޓޮމްސް" ބޭނުންކޮށް ހިތުގެ މައްސަލަތަކާ ގުޅޭ ދިރާސާއެއް ހެދުމަށް ކުރިއަށް ގެންދާ ދަތުރެކެވެ. "އެކްސްޕެޑިޝަން 63/64" ގެ މި މިޝަންގެ މުއްދަތަކީ ހަ މަސް ދުވަހެވެ.

އެމެރިކާގައި ރިއާސީ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން ކޭޓަށް ޖައްވުގައި އޮވެގެން ވޯޓްލުމުގެ ފުރުސަތު ލިބުނު އިރު އެކަން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ޖައްވީ ދަތުރެއްގައި އުޅެނިކޮށް އިންތިހާބާ ދިމާވެއްޖެ ނަމަ އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ގާނޫނަކުން ފަހިކޮށް ދީފައި ވަނީ 1997 ގަ އެވެ.