Roadha Mihaaru
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާތައް ކަނޑައަޅައިފި

ހިޔާލުފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން ޖޫރިމަނާތައް ކަނޑައަޅައިފި

15 ނޮވެމްބަރ 2016

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ އޮގަސްޓް މަހު ތަސްދީގުކުރި ގާނޫނުގެ ދަށުން ޖޫރިމަނާކުރާނެ މިންވަރުތަކާއި އުސޫލުތައް ކަނޑައަޅާފައިވާ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ އޮގަސްޓް މަހު ތަސްދީގުކުރި ގާނޫނުގެ ދަށުން ޖޫރިމަނާކުރާނެ މިންވަރުތަކާއި އުސޫލުތައް ކަނޑައަޅާފައިވާ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހެދި ގާނޫނުގައިވާ ގޮތުން، މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައ ކޯޓުގައި މައްސަލަ އިސްތިއުނާފެއް ނުކުރެވެ އެވެ. މި ގާނޫނުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ.

އެ ގާނޫނުގެ ދަށުން ބަންޑާރަ ނައިބުގެ އޮފީހުން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން އާއްމު ނިޒާމާ ހިލާފު ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި މީޑިއާއެއް ޖޫރިމަނާ ކުރަން ހަމަޖެހިފައި ވަނީ ފުރަތަމަ ފަހަރު 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އަދި ދެވަނަ ފަހަރު 250،000ރ. އިން ފެށިގެން 500،000ރ. އާ ދެމެދުގެ އަދަދަކުން، ތިންވަނަ ފަހަރު 500،000ރ. އާއި 750،000ރ. އާ ދެމެދުގެ އަދަދަކުން އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 750،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެ ގަވާއިދުގެ ދަށުން އާއްމު ނިޒާމާ ހިލާފު ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރެއް ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 50،000ރ. އާއި 75،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އަދި ދެވަނަ ފަހަރު 75،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އަދި ތިންވަނަ ފަހަރާއި އެ އަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

ހިޔާލު ފާޅުކުރުމަށް ހުރަސް އެޅޭ ގޮތަށް ހަދާފައިވާ ގާނޫނުގެ ދަށުން ހެދި ގަވާއިދުގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ޝާއިއުކޮށްފި ނަމަ ނުވަތަ ބްރޯޑްކާސްޓްކޮށްފި ނަމަ އެ މީޑިއާއެއް ފުރަތަމަ ފަހަރު 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރު 500،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި ތިން ވަނަ ފަހަރު 1،000،000 ރުފިޔާ އާއި 1،500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އެ އަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،500،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެ އެވެ.

އެ ގަވާއިދުގެ ދަށުުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް އަދި އަބުރާ ބެހެވޭ ފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ނޫސްވެރިޔާ ވެސް ޖޫރިމަނާ ކުރެ އެވެ. އެ ޖުރިމަނާ ކަނޑައަޅާފައި ވަނީ އާއްމު ނިޒާމާ ހިލާފު ކޮންޓެންޓެއް ޝާއިއުކުުރުމުން ނުވަތަ ބްރޯޑްކާސްޓްކުރުމުން ކުރާ ޖޫރިމަނާއާ އެއްވަރުގެ އަދަދަކުންނެވެ. އަދި އަބުރާ ބެހޭ ފަދަ އެއްޗެއް ބްރޯޑްކާސްޓްކުރި މީޑިއާ ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ޝާއިއުކުުރުމުން ކުރާ މިންވަރަށެވެ.

އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. އަދި އެ ފަދަ ކޮންޓެންޓެއް ޝާއިއުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވަނީ މީޑިއާ ކައުންސިލަށެވެ.

ދައުލަތުގެ އެކި މަސްއޫލުވެރިންނަށް ފާޑު ނުކިޔޭ ގޮތަށް ބައްޓަންކޮށްފައިވާ ގާނޫނުގައި މީހަކަށް ނުސީދާ ގޮތަށް ރައްދުވާ ގޮތަށް އެއްޗެއް ބުނެ، ލިޔެ ނުވަތަ އިޝާރާތެއް ކޮށްގެން ވެސް އަބުރާ ބެހެވުނީ ކަމަށް ބަލައި ބޮޑު ޖޫރިމަނާއެއް ކުރެވިދާނެ އެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކުމެއް އަންނާނެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލު ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު އެ ދެ ދާއިރާ އިން ކުށްވެރިވާނީ ކޮން ގޮތަކަށް ހިޔާލުފާޅުކޮށްގެން ކަމެއް ބުނެފައެއް ނުވެ އެވެ. އެހެންކަމުން، އެއީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަޅާ ހުރަހެއް ކަމާއި ބިރުދެއްކުމެއް ކަމަށް ނޫސްވެރިން ގަބޫލުކުރެ އެވެ.

އެ ގާނޫނު ފަރުމާކޮށްފައި އޮތީ ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ވެސް ޖެހޭ ގޮތަށެވެ. އަދި ބުނެފައި ވަނީ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރާ މީޑިއާ އަށް ހުށަހަޅައި ލައިވް ފީޑް ހުއްޓާލަން އެދުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވާ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން، އެ ހާލަތުގައި އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑް މެދުކަނޑާލަން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަމަލުކުރަން ޖެހެ އެވެ. އަދި ލައިވް ފީޑް މެދުކަނޑާ ނުލައިފި ނަމަ، ކަމާ ބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ

މީޑިއާ ފިޔަވައި އެހެނިހެން މީހުންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ޖެހޭނެ އެވެ. އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކޮށްގެން 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި އަބުރާ ބެހިގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލު ފާޅުކޮށްގެން 25،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ޖިނާއީ ދައުވާއެއްކޮށް ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

މަޖިލިހުން ފާސްކުރި އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ، ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އދ. އިން ރައީސް ޔާމީނަށް ގޮވާލާފައި ވަނިކޮށް. މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.