Roadha Mihaaru
ރެކޯޑް ހެދި އިސްތަށިގަނޑު ކޮށާލައި މިއުޒިއަމަކަށް ދީފި

ރެކޯޑް ހެދި އިސްތަށިގަނޑު ކޮށާލައި މިއުޒިއަމަކަށް ހަދިޔާކޮށްފި

15 އެޕްރީލް 2021

އެންމެ ދިގު އިސްތަށިގަނޑު އޮތް ފުރާވަރުގެ ކުއްޖާގެ ރެކޯޑް ހެދި އިންޑިއާގެ ނިލާންޝީ ޕަޓޭލްގެ އިސްތަށިގަަނޑު ކޮށާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ދިގު އިސްތަށިގަނޑު އޮތް ފުރާވަރުގެ ކުއްޖާގެ ރެކޯޑް ހެދި އިންޑިއާގެ ނިލާންޝީ ޕަޓޭލްގެ އިސްތަށިގަަނޑު ކޮށާލައިފި އެވެ.

އުމުރުން ހަ އަހަރުގައި، ބޯކޮށާ ތަނަކަށް ގޮސްގެން ކުރަން ޖެހުނު ތަޖުރިބާގެ ފަހުން ބޯކޮށުން ހުއްޓާލައި އިސްތަށިގަނޑު ދިގުކުރަން ފެށި ގުޖުރާތަށް ނިސްބަތްވާ ނިލާންޝީ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ފުރަތަމަ ޖާގަ ލިބުނީ 2018 ގަ އެވެ. އޭރު އޭނާގެ އިސްތަށިގަނޑުގެ ދިގުމިނަކީ 170.5 ސެންޓި މީޓަރު (ފަސް ފޫޓް 10 އިންޗި) އެވެ.

ބޯ ނުކޮށާތާ 12 އަހަރު ފަހުން ކޮށައިލުމުގެ ކުރިން މިން ނެގި އިރު އުމުރުން 18 އަހަރުގެ ނިލާންޝީގެ އިސްތަށިގަނޑުގެ ދިގުމިނުގައި ހުރީ 200 ސެންޓި މީޓަރު (ހަ ފޫޓް ހަ އިންޗި) ހުއްޓެވެ. އިސްތަށިގަނޑާ ހެދި އާންމުންގެ ތެރޭގައި އޭނާ މަޝްހޫރުވީ "ރުޕޭންޒަލް" ގެ ގޮތުގަ އެވެ.

ނިލާންޝީ ބުނި ގޮތުގައި ބޮބްކަޓެއް ގޮތަށް އިސްތަށިގަނޑަށް ކޮށައިލަން ނިންމީ ދިގު އިސްތަށިގަނޑުގެ ސަބަބުން އޭނާ އަށް މިހާތަނަށް ވަރަށް ގިނަ ކަންކަން ހާސިލުވެފައިވާތީ އެވެ.

"އެހެންވެ އިިތުރަށް ދެން ދިގުކުރަން ބޭނުން ނުވީ. ރެކޯޑެއް ހެދުމާއި އާންމުންގެ ސަމާލުކަން މިކަމާ ހެދި ލިބުމަކީ ކުޑަ ކަމެއް ނޫން،" އޭނާ ބުންޏެވެ. "އިސްތަށިގަނޑު ކޮށާލީ އަހަރެންގެ ފަރާތުން ކަމެއް ކޮށް ދިނުމުގެ މަގުސަދުގައި."

އިސްތަށިގަނޑު ކޮށައިލުމުގެ ކުރިން އެއަށް ހަދާނެ ގޮތަކާ މެދު ވެސް ނިލާންޝީ އާއި އޭނާގެ އާއިލާ އިން ވަރަށް ވިސްނި އެވެ. އެގޮތުން ތިން ގޮތަކަށް އަމަލުކުރެވިދާނެ ކަމަށް ނިންމި އެވެ. އެއް ގޮތަކީ އިސްތަށިގަނޑު ނީލަމެއްގައި ވިއްކައިލުމެވެ. އަނެއް ގޮތަކީ ޗެރިޓީއަކަށް ހަދިޔާކުރުމެވެ. ތިން ވަނަ ގޮތަކީ މިއުޒިއަމަކަށް ހަދިޔާކުރުމެވެ.

"އާއިލާގެ އެންމެންނާ މަޝްވަަރާކޮށްފައި ނިންމީ މިއުޒިއަމަކަށް ހަދިޔާކުރަން. ސަބަބަކީ އޭރުން ޒަމާންތަކަކަށް ދެމިގެންދާ ގޮތަށް ގިނަ ބަޔަކަށް ފެންނާނެ އެއްޗެއްގެ ގޮތުގައި އޮންނާނެތީ،" ނިލާންޝީ ބުންޏެވެ.

އޭނާގެ އިސްތަށިގަނޑު ހަދިޔާކުރަން ނިންމީ އެމެރިކާގައި ހުންނަ ރިޕްލީޒް ބިލީވް އިޓް އޯ ނޮޓް! މިއުޒިއަމަށެވެ.

އިސްތަށިގަނޑު ކޮށައިލުމާ ބެހޭ ގޮތުން ނިލާންޝީ ބުނީ އެކަން ކުރި ދުވަހަކީ މީހާ މުޅިން ޖަޒުބާތުން ފޯކޮށްލި ދުވަހެއް ކަމަށެވެ.

"އެހާމެ ހާސްވި. އެއާ އެކު ވަރަށް އުފާ ވެސް ވި. އެންމެ ކަންބޮޑުވީ ދިގު އިސްތަށިގަނޑާ ނުލައި އަހަރެން ހުންނާނެ ގޮތަކާ މެދު،" އޭނާ ބުންޏެވެ.

ނިލާންޝީގެ ހާސްކަން ކުޑަކުރުމަށްޓަކައި ބޯކޮށައި ނިންމައި ސްޓައިލްކޮށް ނިމެންދެން ބެހެއްޓީ ލޮލުގެ މަތީގައި ފޮތިގަނޑެއް ބަނދެފަ އެވެ. އަދި ކޮށައި ނިންމާލައި ލޯގަނޑު ސޫރަ ދައްކައިލުމާ އެކު ނިލާންޝީ އަށް އުފަލުން ގޮސް ރޮވުނެވެ.

"ވަރަށް ހިތްހަމަޖެހޭ ސްޓައިލް ހުރި ގޮތާ ދޭތެރޭ." އޭނާ ބުންޏެވެ

ނިލާންޝީގެ މަންމަ ކާމިނީބެން ބުނީ ދަރިފުޅު އަދިވެސް އިސްތަށިގަނޑު ދިގުކުރަން ބޭނުން ނަމަ އެކަމަށް ހިތްވަރު ދޭނެ ކަމަށެވެ.

"ދިގު އިސްތަށިގަނޑާ އެކު ހުރި ގޮތާއި މިހާރު ކޮށައިލުމުން ދަރިފުޅު ފެންނަން ހުރި ގޮތް ހަމަ ވަރަށް ރީތި،" އޭނާ ބުންޏެވެ.

ނިލާންޝީ ބުނީ އިސްތަށިގަނޑު ކޮށައިލުމަކީ އަނެއްކާ ވެސް އާ ފެށުމެއް ކަމަށާއި އޭނާ އަދިވެސް ރެކޯޑްތަކެއް ހަދަން ބޭނުންވާ ކަމަށެވެ.