Roadha Mihaaru
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން

ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން

28 އޮކްޓޯބަރ 2021

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ތެރެއިން އެންމެ ކުރު އަންހެނާގެ ރެކޯޑް އެމެރިކާގެ ފުރާވަރުގެ އަންހެނަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ތެރެއިން އެންމެ ކުރު އަންހެނާގެ ރެކޯޑް އެމެރިކާގެ ފުރާވަރުގެ އަންހެނަކަށް ލިބިއްޖެ އެވެ.

ނުހިނގޭތީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ފްލޮރިޑާ އަށް ނިސްބަތްވާ 18 އަހަރުގެ ވިލްޑީން އޮމައިތީގެ އިސްކޮޅަކީ އެންމެ 72 ސެންޓިމީޓަރު (28.3 އިންޗި) އެވެ. އޭނާ އަކީ އެފަދަ ރެކޯޑެއް ލިބުނި ހެއިޓީ ދަރިކޮޅުގެ އެމެރިކާގެ ފުރަތަމަ މީހާ ވެސް މެ އެވެ. ވިލްޑީން ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބުމަކީ އޭނާ ކަހަލަ އެހެން މީހުންނަށް ވެސް ލިބޭނެ ހިތްވަރަކަށް ވާނެ އެވެ. އަދި ރެކޯޑް ލިބުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.

ވައިލްޑީގެ ކުރި އިސްކޮޅަކީ ޑްވާފިޒަމްގެ އެންމެ ނާދިރު ވައްތަރު ކަމަށްވާ ސަޑަން ޑިސްޕްލާސިއާ އެވެ.

"މީގެ ސަބަބުން އަަހަންނަކަށް ހިނގުމުގެ އެއްވެސް ކުޅަދާނަ ކަމެއް ނެތް." އޭނާ ބުންޏެވެ.

ވިލްޑީން ކިޔައިދިން ގޮތުގައި އޭނާ އުފަންވި އިރު އޮތް ހާލަތު އޮތް ގޮތުން ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ވެސް ޑޮކްޓަރުން ކަނޑާލައި ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ބޭއްވި އެވެ. އަދި މިކަމާ ހެދި އާއިލާ އަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ.

"ނަަސީބު ރަނގަޅު ކަމުން މަރުނުވެ ފުރާނަ ސަލާމަތްވެ، މިހާރު އުމުރުން އަށާރަ އަހަރުވުމަކީ އާދައިގެ އުފަލެއް ނޫން." ވިލްޑީން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އަބަދު ވެސް އެންމެ ބޮޑު ހިތްވަރަކީ މަންމަ އެވެ. ވިލްޑީންގެ ހާލަތާ މެދު މަންމަ އަބަދު ވެސް ވަރަށް ހިތާމަކުރެ އެވެ. އެކަމަކު އަބަދު ވެސް އެންމެ ބޮޑު ހިތްވަރެއްދީ، އެންމެ ބޮޑު ގާތްކަމެއް ބާއްވަމުން އަންނަނީ ވެސް މަންމަ އެވެ.

"އަހަންނަށް އެނގޭ އަހަރެން ކަހަލަ ދަރިޔަކު ހުރުމަކީ މައިންބަފައިންނަށް ވަކިން ހާއްސަކޮށް މަޔަކަށް ކިހާ ޖަޒުބާތީ ކަމަކަށް ވާނެކަން. ނޭނގޭ މަންމަ ނެތް ނަމަ އަހަންނަށް ވާނެ ގޮތެއް ވެސް،" ވިލްޑީން ބުންޏެވެ. "އެކަމަކު އަބަދު ވެސް އާއިލާގެ އެންމެންގެ ލޯތްބާއި އަޅާލުން ލިބޭ."

އޭނާ އަކީ އާއިލާގައި ތިބި ހަތަރު ކުދިންގެ ތެރެއިން ދޮށީ ކުއްޖާ އެވެ. އޭނާގެ ހަގަށް ތިބެނީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ވިލްޑީންގެ ކުރިން އެ އާއިލާ އަށް ފިރިހެން ކުއްޖަކު ވެސް ލިބުނެވެ. އޭނާ ވަނީ ކުޑައިރު ނޭވާހިއްލާ ބަލީގައި މަރުވެފަ އެވެ.

ރެކޯޑް ފޮތަށް ނަން އިރު، ވިލްޑީން މިހާރު އަންނަނީ ކޮލެޖް ކިޔެވުމަށް ތައްޔާރު ވަމުންނެވެ. އޭނާގެ ހުވަފެނަކީ ފާމަސިސްޓަކަަށް ވުމެވެ.

"އެންމެ ކުރު ފާމަސިސްޓަށްވުމަކީ ޓާގެޓެއް." ގްރެފިކް ޑިޒައިނިން އަށް ވެސް ހާއްސަ ޝައުގުވެރި ކަމެއް ދޭ ވިލްޑީން ބުންޏެވެ.

އޭނާ އަންނަނީ މިދިޔަ އަހަރުން ފެށިގެން "ލައިފް އޮފް ވިލްޑީން" ގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ވެސް ހިންގަމުންނެވެ. އާގައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ވިލްޑިން ދައްކުވައިދެ އެވެ.