Roadha Mihaaru
ރާއްޖެ-މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަނީ

ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އާއި މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަނީ

17 އެޕްރީލް 2021

ސްޕެއިންގެ އެއާލައިނެއް ކަމަށްވާ އައިބީރިއާ އެއާލައިނުން، ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޕެއިންގެ އެއާލައިނެއް ކަމަށްވާ އައިބީރިއާ އެއާލައިނުން، ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަން ނިންމައިފި އެވެ.

އަންނަ ޖުލައި މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ބާއްވާނެ ކަމަށް އެ އެއާލައިނުން ވަނީ އިއުލާން ކޮށްފަ އެވެ.

އައިބީރިއާ އެއާލައިނުގެ އެގްޒެކެޓިވް ޗެއާމަން ހަވިއޭރު ސަންޗޭޒް ޕްރިއެޓޯ ވިދާޅުވީ، ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމީ ޖެހިޖެހިގެން ދެ މޫސުން ބޭކާރު ވިޔަ ނުދިނުމަށް ކަމަށެވެ. ރާއްޖެ އަށް ދަތުރުތައް ފެށުމުން އެ ކުންފުންޏަށާއި ޓްރެވަލް އިންޑަސްޓްރީގެ ވިޔަފާރިތަކަށް ވެސް ފައިދާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިބީރިއާ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ޓޫރިސްޓުންނަށް ރާއްޖެ އައުމުގައި ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން، ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށް، ދެ ހަފުތާ ވެފައިވާ ޓޫރިސްޓުންނަށް މިހާރު ޕީސީއާރު ޓެސްޓަކާ ނުލައި ރާއްޖެ އަށް ދަތުރު ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސްޕެއިންގެ މާކެޓު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ގެ ނިޔަލަށް 3،903 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި 4،024 ޓޫރިސްޓުން އައެވެ.