Roadha Mihaaru
ދިއްފުށިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ

ކޮވިޑް-19: ބަންދުކޮށްފައި އޮތް ދިއްފުށިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ

18 އެޕްރީލް 2021

ކޮވިޑް-19 ފެނިގެން އަރައިފޭބުން މަނާކޮށްފައިވާ ކ. ދިއްފުށިން، ކޮވިޑަށް ޓެސްޓު ކުރުމަށް ރަށުތެރެއިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 ފެނިގެން އަރައިފޭބުން މަނާކޮށްފައިވާ ކ. ދިއްފުށިން، ކޮވިޑަށް ޓެސްޓު ކުރުމަށް ރަށުތެރެއިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ދިއްފުށި މޮނިޓަރިން އަށް ލީ، މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއީ ކޮވިޑް އޮތް ރ. އުނގޫފާރަށް ދަތުރުކޮށްފައި ދިޔަ އެ ރަށުގެ މީހަކު ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް 130 މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ.

ދިއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސާޖިދު މިއަދު ވިދާޅުވީ، މި ފަހަކަށް އައިސް، ކޮވިޑަށް ޓެސްޓު ކުރުމަށް ރަށުން ރެންޑަމްކޮށް ސާމްޕަލް ދެނީ ވަރަށް މަދު މީހަކު ކަމަށެވެ. އެކަމަކު، ރަށަށް އަރައިފޭބުމަށް އަލުން ހުއްދަ ދެވޭނީ، ރެންޑަމްކޮށް ގިނަ ބަޔަކު ޓެސްޓުކޮށް، މުޖުތަމައުގެ ތެރޭގައި ބަލި ނެތްކަން ޔަގީންކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުން ދުވާލަކު މަދުވެގެން 50 އަކަށް ސާމްޕަލް ނަގާފައި ފޮނުވަން. އޭރުން ރަށު ތެރޭގައި ބަލި އޮތްގޮތް ބަލައި، މޮނިޓަރިންގެ ހާލަތު އުވާލެވޭނީ ވެސް،" ކަންބޮޑުވުމާއެކު އޭނާ ވިދާޅުވި އެވެ.

"އެކަމަކު މީހުން މިހާރު އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ ސާމްޕަލް ދޭކަށް."

ސާޖިދު ލަފާކުރެއްވި ގޮތުގައި ސާމްޕަލް ދޭން މީހުން ދެކޮޅު ހަދަނީ ކޮވިޑަށް ޕޮޒިޓިވްވެ، ނުވަތަ ޕޮޒިޓިވް މީހަކާ ގުޅުން ހުރެގެން ކަރަންޓީނުވާން ޖެހިދާނެތީ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ވެސް އެ ރަށުގައި 500 އެއްހާ މީހުން ކަރަންޓީނުވެގެން ތިއްބެވެ.

ޕޮޒިޓިވްވި މީހަކާ ކޮންޓެކްވާ މީހުން ވެސް މަދުވެގެން 10 ދުވަސް ވަންދެން ކަރަންޓީނު ވެގެން ތިބެން ޖެހެ އެވެ.

ސާމްޕަލް ދޭން މީހުން ދެކޮޅު ހަދާތީ، ދިއްފުށީ ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ އިން ވެސް މިހާރު ވަނީ އެންގުމެއް ނެރެފަ އެވެ.

އޭގައި ބުނެފައިވާ ގޮތުން ރަށް، އާންމު ހާލަތަށް ދިއުމަށް ޓެސްޓު ކުރުމަކީ ލާޒިމު ކަމެކެވެ. އެ ހާލަތުގައި ސާމްޕަލް ނުދިނުމަކީ ކުށެއް ކަމަށާއި އެކަމަކު އެ ރަށުގެ ސިއްހީ މަރުކަޒުން ގަދަކަމުން މީހުން ޓެސްޓު ނުކުރާނެ ކަމަށް ކައުންސިލް އިދާރާގެ އެންގުމުގައި ވެ އެވެ.

އެ އިދާރާތަކުން އެދެނީ، ފަރުދީ ޒިންމާ އަދާކޮށް، މުޖުތަމައަށް ކޮށްދޭ ހެޔޮ އަމަލެއްގެ ގޮތުގައި ނަމަވެސް އެކަމުގައި އެއްބާރުލުން ދިނުމަށެވެ.