Roadha Mihaaru
ކާޑު ބަސްތާތަކެއް ވެއްޓި ބަޔަކު ޒަހަމްވެއްޖެ

ކާޑު ބަސްތާތަކެއް ވެއްޓި އެސްޓީއޯގެ މުވައްޒަފުންތަކެއް ޒަހަމްވެއްޖެ

24 އެޕްރީލް 2021

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ވެއްޓި އެ ކުންފުނީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ވެއްޓި އެ ކުންފުނީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.

އެސްޓީއޯ އިން ބުނީ މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު ކަމަށެވެ. އަނިޔާވީ ބިދޭސީ ތިން މުވައްޒަފަކަށް ކަމަށާއި ފަރުވާ ދޭން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ.

ހޮސްޕިޓަލުން ބުނީ ތިން މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ފަރުވާ ދިނުމަށް ފަހު މެންދުރު ފަހު ދޫކޮށްލާފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެސްޓީއޯއިން ބުނީ ހާލު ބޮޑު މީހާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލު އެނގޭ ގޮތް ވަނީ ނުވެފަ އެވެ.

މުދާ އުފުލުމުގެ ތެރޭ ބޮޑެތި އެކްސިޑެންޓުތައް މި ފަހުން މާލޭގައި ހިނގާފައިވެ އެވެ. މާލޭ ކޮމާޝަލް ހާބަރު ތެރޭގައި މި އަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ފަހުން ރައްކާތެރިކަން އިތުރު ކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.