Roadha Mihaaru
87 އަހަރު ކުރީގެ ސިޓީއެއް: ބަލިވަނީ ހަކުރާ ހެދި

އައްޑޫ ރާއެރިން 87 އަހަރު ކުރިން ހަކުރުގެ ނުރައްކާ ސަމާލުކަމަށް ގެނައި ސިޓީ

27 އެޕްރީލް 2021

ހަކުރު އެޅި ކާނާތައް ގިނަވެ އެކަމުގެ ނުރައްކާ ބޮޑުވެގެން އަހަރެމެން އެ ވާހަކަ ދައްކަން ފެށިތާ އަދި އެހާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ އާންމުކޮށް ދައްކަން ފެށި އިރު ހަކުރުގެ ފޮނިކަން ދޫކޮށްލެވޭ ވަރަށްވުރެ މި ތިބީ އެޔަށް ދެވި ހިފައިފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހަކުރު އެޅި ކާނާތައް ގިނަވެ އެކަމުގެ ނުރައްކާ ބޮޑުވެގެން އަހަރެމެން އެ ވާހަކަ ދައްކަން ފެށިތާ އަދި އެހާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ އާންމުކޮށް ދައްކަން ފެށި އިރު ހަކުރުގެ ފޮނިކަން ދޫކޮށްލެވޭ ވަރަށްވުރެ މި ތިބީ އެޔަށް ދެވި ހިފައިފަ އެވެ.

އެކަމަކު މީގެ 87 އަހަރު ކުރިން އައްޑޫގެ ރާއެރިން [ރާވެރިން] މި ވާހަކަ ދައްކައިފި އެވެ. މި ވާހަކަ އައިސްފައިވަނީ ވެސް ޝައުގުވެރި ގޮތަކަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީން ލިބިދިނުމާ އެކު އެ މިނިވަންކަމުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗާޕުކޮށްގެން ނެރުނު މަޖައްލާ ކަމަށްވާ އަލް އިސްލާހުގެ ފުރަތަމަ އަދަދުގަ އެވެ.

ޖުލައި 8، 1933 ގައި، ވަޒީރުއްދާހިލިއްޔާ ނުވަތަ ހޯމް މިނިސްޓަރު އަދި ވަޒީރުލްމައާރިފް އަހުމަދު ކާމިލް ދީދީގެ އެޑިޓަރުކަމުގައި ނެރެން ފެށި މަޖައްލާގައި ހަކުރުގެ ވާހަކަ އޮތީ އައްޑޫގައި ރާވެރިކަންކުރާ މީހުންގެ ފަރާތުން ފޮނުވި ސިޓީއެއްގެ ގޮތުގަ އެވެ. އާންމުން ފޮނުވާ ލިޔުންތައް ވެސް ޝާއިއުކޮށްދޭ ގޮތަށް ނެރެން ފެށި މަޖައްލާގައި އައްޑޫ ރާއެރިން އެދުނީ އެ މީހުންގެ ރާވެރިކަން ހަލާކުވެދާތީ އެކަން ދައުލަތުގެ ސަމާލުކަމަށް ގެނެސްދޭށެވެ. ބަދަލުގައި، މަޖައްލާގައި އޮތީ އެ ސިޓީ އޮތް ގޮތަށް ޝާއިއުކޮށްފަ އެވެ.

"އަޅުގަނޑުމެން ރާއެރީންނަށް މީރީ ވެސް ދިވެހި ހަކުރެވެ." ސިޓީ ފަށަމުން ލިޔެފައިވެ އެވެ.

އޭގެ ފަހަށް، ކަންބޮޑުވުންތައް ހާމަކުރަން ފަށާފައި އޮތީ ކާބޯތަކެއްޗަށް މި އަޅައި އުޅޭ ހަކުރުތައް ރާއްޖެއަށް ގިނަވެގެން އެކަމާ ބެހޭ ގޮތުންނެވެ.

"ދިވެހިރާއްޖޭގެ މީހުން މީގެ ފަސްދޮޅަހަކަށް އަހަރުގެ ކުރިއަކުން ބަނޑު ކެއުމަކަށް ހުދު އުއްސަކުރު، ދޯބުރާލު ނަބާޒު ހަކުރު ކަޔެއް ނުއުޅެތެވެ." މި ބާވަތްތަކުގެ ހަކުރަކީ އެ ސިޓީގައި ބުނެފައިވާ ގޮތުން އޭރު ބޭސްވެރިކަން ކުރާ ގޭގޭގެ މަތާރަންފިލާ މަތީގައި ހުންނަ އެއްޗެކެވެ؛ ބޭސްވެރިކަމަށް ބޭނުންކުރާ އެއްޗެކެވެ.

މީހުންގެ ހަށިތައް ދެރަވެ ބަލި ގިނަވެ މިވާ ގޮތްތަކުގެ ތެރޭގައި ދިވެހި ހަކުރު ދޫކޮށްލައި އުއްސަކުރާއި ދޯބުރާލު ބަނޑު ކެއުމަކަށް ގެންގުޅުއްވާކަން ނުވަތަ ނޫންކަން އެނގުނީހީ، އެކަހަލަ ކަންކަން ބަލައި އުޅޭ ޒާތުގެ ބޭސްވެރިން މިތާގައި ތިބިނަމަ

އެކަމަކު މީގެ ހަކުރުތައް ދިވެހިން ކެއިންބުއިމުގައި ބޭނުންކުރަން ފެށި ސަބަބެއް ކަމަށް ސިޓީގައި ލަފާކޮށްފައިވަނީ ދިވެހިންނަށް ލިބުނު ތިޔާގެކަމެވެ. ބުނެފައިވަނީ މިހެންނެވެ؛

"އެކަމަކު، ތިޔާގެކަމީ، ކަންނެތްކަމާއި ބަލާތަކުގެ ކުރިމައްޗަށް އަންނަ ކަމެކޭ އިހު މުސްކުޅިން ބުނާ ފަދައިން ރާއްޖެއަށް އައި ތިޔާގިކަމަކުން ވެސް ތޯއްޗެކޭ، ރާއެރުން ހުއްޓި މީހުން ކަންނެތްވެ ބަނޑު ކެއުމަކަށް ހުދު އުއްސަކުރާއި ދޯބުރާލު ވީތަނާ، އަދި ރާއެރީންގެ މައްޗަށް ދައުލަތުގެ ފަރާތުން ބައްލަވައިލެއްވި ބެއްލެވުމެއްގެ ދަތިކަމުން ރާއެރުން ހުއްޓިގޮސް މިހާރަކުވާ ދެން މީރު ދިވެހި ހަކުރު ފޮދެއް ލިބޭ ގޮތެއް ނެތެވެ."

ދިވެހި ހަކުރު ދޫކޮށް އެހެން ބާވަތްތަކުގެ ހަކުރު ކެއިންބުއިމުގައި ބޭނުންކުރަން ފެށުމަކީ ސިއްހީ ނުރައްކަލެއް ކަމަށް މި ހިސާބުން ލަފާކޮށްފައިވެ އެވެ. ދިވެހިންގެ ހަށިތައް ދެރަވެ، ބަަލި ގިނަވަނީ އެހެންވެގެންކަން އެނގޭނީ އެކަން އެނގޭވަރުގެ ބޭސްވެރިން ދިވެހިންގެ ތެރޭގައި ތިބި ނަމަ ކަމަށް ވަނީ ބުނެފަ އެވެ.

"މީހުންގެ ހަށިތައް ދެރަވެ ބަލި ގިނަވެ މިވާ ގޮތްތަކުގެ ތެރޭގައި ދިވެހި ހަކުރު ދޫކޮށްލައި އުއްސަކުރާއި ދޯބުރާލު ބަނޑު ކެއުމަކަށް ގެންގުޅުއްވާކަން ނުވަތަ ނޫންކަން އެނގުނީހީ، އެކަހަލަ ކަންކަން ބަލައި އުޅޭ ޒާތުގެ ބޭސްވެރިން މިތާގައި ތިބިނަމައޭ" ބުނެފައިވެ އެވެ. އަދި ބޭސްވެރިންނަށް ވެސް އުޅެނީ މި ހަކުރު ގެނެސްގެން އުޅޭ މީހުން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ބޭސްވެރިންނަށް ބަހުގެ ހަމަލާއެއް ދެމުން ބުނެފައިވަނީ "ބޭސްވެރިންނަށް މި ފަސްދޮޅަހަކަށް އަހަރު މި އުޅުއްވީ ވެސް ހަމަ އެ ދެ ހަކުރާއި ކަރައިގައި އުކައިލަން ހުންނަ ހުންނަހާ އަގުހެޔޮ ބޭސްތައް މިތަނަށް ގެނެސްގެން، އަޅުގަނޑުމެން ނުދަންނަ މީހުންނަށް، އެމްރޮކޭޝަން، ކެއްސުން ބައްޔަށް މޮޅު ކަމަށް ސިފަކުރައްވާ ބޭކަލުން ވިއްޔާއޭ" އެވެ.

މި ވާހަކަ މަޖައްލާގައި ދައުލަތުގެ ސަމާލުކަމަށް ގެނެސްދީފި ނަމަ ޝުކުރުވެރިވާނެކަމަށް ބުނެ "އައްޑޫ ރާއެރި" ގެ ސިޓީ ނިންމާލާފައި ވަނީ ވެސް "މީރީހަމަ، މީރު، ދިވެހި، ދިޔާހަކުރާއި ކަރުހަކުރު" ކަމަށް ބުނެ ދިވެހި ހަކުރަށް ތައުރީފުކޮށް ޅެން ބަހުރުވައިންނެވެ.

ވެހިދިހަކުރޭ މޮޅީ ހަމަ، ވެހިކަތުން ކައިއުޅުމަށްދި

ވެހި ހަންހާރަ ހިނގުމަށްދި