Roadha Mihaaru
މަންދަށް ދޭން ޖެހޭނީ 1.5 މިލިއަން: އޮޑިޓް އޮފީސް

ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ: އޮޑިޓް އޮފީސް

27 އެޕްރީލް 2021

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެންމެ ގިނަ ވެގެން ވެސް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެންމެ ގިނަ ވެގެން ވެސް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދައްކައިފި އެވެ.

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ.

އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.

އެ ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.

އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އަދި އޮޑިޓް އޮފީހުން ވަނީ އެ މިނިސްޓްރީގެ އެދުމާ އެއްގޮތަށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެސެސްމެންޓް ރިޕޯޓް ފޮނުވައިފަ އެވެ.

އޭގައި ބުނީ، އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

އެމްއީއެސް އިމާރާތުން ބައެއް ބައިތައް އަރަބިއްޔާ ސްކޫލު ވަގުތީގޮތުން ހިންގަން ދޫކުރުމާ ގުޅުންހުރި އެކި ކަންކަމަށް 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މަންދު ކޮލެޖާއި މާލެ ހައި ޕްރައިވެޓަށް މުޅި ޖުމްލަ 4.6 މިލިއަން ރުފިޔާ ދީފައި ވެ އެވެ.